އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 63

އަބްދުﷲ ފާރޫގް ހަސަން

2

(11 މެއި ގެ އަދަދާ ގުޅޭ)

ފަރަޚުޒާދު އޭނާގެ ހިތްޕުޅުގެ ވިންދުގެ މައްޗަށް ބާރު ފޯރުއްވަވަމުން ވިދާޅުވިއެވެ. "މަނިކުފާނު ވަރަށް ދީލަތިފުޅެވެ. ދީލަތިފުޅުކަމަކީ ރަނގަޅު ރަސްކަލެއްގެ އެންމެ އިސް ޝަރުޠެވެ."

ޝާހުޕޫރު ފަރަޚުޒާދުގެ މޫނުފުޅަށް މާނައިން ފުރިފައިވާ ނަޒަރަކުން ބައްލަވައިލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭގޮތުގައި ޒަރުދަޝްތު ޚުރާސާނުގެ ޙާކިމު މަދާއިނަށް ފޮނުއްވީ ހަމައެކަނި މަދާއިނުގެ ވެރިޔާގެ އިސްތަށިފުޅުގައި ތާޖު އަޅުއްވައިދެއްވާކަށެއް ނޫނެވެ. އާޒަރުމީދުޚުތަށްވެސް އެކަށޭނަ ޙަޔާތްޕުޅުގެ ބައިވެރިޔަކު ދެއްވުމަށްޓަކައެވެ. އަޅުގަނޑުގެ ހީ ކުށްހީއަކަށްނުވެ އަޅުގަނޑަށް އީރާނުގެ ތަޚުތުގައި އިށީނދެވިއްޖެނަމަ އަޅުގަނޑުގެ އެންމެފުރަތަމަ އިޢުލާނަކަށްވާނީ އަޅުގަނޑުގެ ބޮޑުބޭބޭފުޅުގެ ދަރިކަނބަލުން ޚުރާސާނުގެ ޙާކިމުގެ ގަނޑުވަރުގެ ޒީނަތަކަށް ހެދުމުގެ އިޢުލާނެވެ. އަޅުގަނޑު އުންމީދުކުރަނީ އާޒަރުމީދުޚުތުގެ ފިރިކަލަކަށް ވެވަޑައިގަތުމަށް އަޅުގަނޑު މަނިކުފާނަށް ދަޢުވަތު އަރުވައިފިނަމަ އިންކާރު ނުކުރައްވާނެ ކަމުގައެވެ. އާޒަރު ވަރަށްބޮޑަށް ވެރިކަން ކުރައްވާ ހިތްޕުޅުވެއެވެ. ދައުލަތުގެ ވަޒީރުލްއަޢުޡަމުގެ އަނބިކަނބަލުންގެ ޙައިޘިއްޔަތުން އެކަމަނާގެ އެ ޝައުޤު ފުރިހަމަކުރެއްވޭނެއެވެ."

ޝުކުރުވެރިވެވަޑައިގެންނެވުމާއި އިޙުސާންތެރިކަން ޤަބޫލުކުރެއްވުމުގެ ޖަޒުބާތުން ހިތްޕުޅު ފުރިގެން ދިއުމާއެކު ފަރަޚުޒާދު ވިދާޅުވިއެވެ. "ތިޔައަށްވުރެ ބޮޑު ޢިއްޒަތެއް އަޅުގަނޑަށް ލިބޭނީ ކިހިނަކުންތޯއެވެ؟"

"މަނިކުފާނާމެދު އާޒަރުމީދުޚުތުގެ ވިސްނުންފުޅު ހުރިގޮތެއް އަޅުގަނޑަކަށެއް ނޭނގެއެވެ. އެކަމަކު އަޅުގަނޑުގެ ޔަގީނަކީ ކިސްރާގެ ތަޚުތުގައި އިށީނުމަށްފަހު އެކަމަނާގެ މުސްތަޤްބަލާމެދު ގޮތްނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އަޅުގަނޑަށް ލިބިގެންވާނެކަމެވެ. މަނިކުފާނު ދެން ވަޑައިގެން އަރާމުކުރައްވާށެވެ."

ފަރަޚުޒާދު ޝާހްޕޫރާ ދެއަތްޕުޅުން މުސާފަޙާކުރައްވަމުން ވިދާޅުވިއެވެ. "މަނިކުފާނުގެ އަރިހުގައި ދަންނަވާލަންޖެހޭނެ ކަމުގައި އަޅުގަނޑު ދެކެމެވެ. މިތަނުން އާޒަރުމީދުޚުތާ ބައްދަލުވާނެކަމަކަށް އަޅުގަނޑު އުންމީދެއް ނުކުރަމެވެ."

ޝާހުޕޫރު ހިނިފުޅުވަޑުވައިލެއްވިއެވެ. "އަޅުގަނޑު ދެނެހުރީމެވެ. މަނިކުފާނު މިތަނަށް ވަޑައިގެންނެވުމަށް އެއްބަސްކުރުއްވީ އާތިޝްކަދާގެ މައުބަދެވެ."

"މާނައަކީ އާޒަރުމީދުޚުތު އަޅުގަނޑުގެ ގާތަށް ފޮނުއްވީ މައުބަދޭތޯއެވެ؟"

ޝާހުޕޫރު ހިނިފުޅުވަޑުވަމުން ޖަވާބު ދެއްވިއެވެ. "މަނިކުފާނު މައުބަދު ދެކެ ކޯފާ އިސްނުކުރައްވާށެވެ. އޭނާ ހަމައެކަނި އޭނާގެ ވާޖިބެއް އަދާކުރެއްވީއެވެ."

"މަނިކުފާނު އޭނާ ދެކެ ކޯފާއިހެއް ނުކުރައްވަމުތޯއެވެ؟"

"އާދޭހެވެ. އާޒަރުމީދުޚުތު އެދިވަޑައިގެންނެވުމުން މަނިކުފާނާ އެކަމަނާއާ ބައްދަލުވެވަޑައިގެންނެވޭނެގޮތް ހަމަޖެއްސެވުމަށްފަހު އޭނާ އަޅުގަނޑަށްވެސް އެޚަބަރު ދެއްވިއެވެ. ނަމަވެސް މިކަން އާޒަރުމީދުޚުތަށް ނާންގަވާށެވެ. އެހެންނޫނީ އާޒަރު މައުބަދަށް ދެއްވި ރަނުގެ ކީސާއިން އޭނާ މަޙްރޫމުވެވަޑައިގަންނަވާން ޖެހިވަޑައިގެންފާނެއެވެ."

"އާޒަރުމީދުޚުތުގެ އަތްޕުޅުން މައުބަދު އިނާމު ހޯއްދެވިކަން މަނިކުފާނަށް އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟"

ޝާހުޕޫރު ހިނިފުޅުވަޑުވަމުން ޖަވާބު ދެއްވިއެވެ. "އާޒަރު މައުބަދަށް ދެއްވި ކީސާ އަޅުގަނޑު ދެކެފީމެވެ. އަޅުގަނޑު އާޒަރަށްވުރެ ދެގުނަ އިތުރަށް އޭނާއަށް އިނާމު ދީފީމެވެ. އަޅުގަނޑު ދެކޭގޮތުގައި މައުބަދުގެ ޚިދުމަތަށް މަނިކުފާނުވެސް އިނާމެއް ދެއްވުން ޙައްޤެވެ."

އިރުކޮޅެއްގެފަހުން ފަރަޚުޒާދު އޭނާގެ އެނދުދާންކޮޅުގައި އޮންނަވައިގެން މި ޙާދިޘާއާމެދު ވިސްނައިވަޑައިގަންނަވަމުން ގެންދެވިއެވެ. އާޒަރުމީދުޚުތުގެ އެތައްހާސް ތަސްވީރުތަކެއް އޭނާގެ ހިތްޕުޅުގައި ނަށަމުން ދިޔައެވެ. ފަންސާސްފަސް އަހަރުގެ އުމުރުފުޅުގައިވެސް ފަރަޚުޒާދުގެ މިސާލަކީ ކުޅޭއެއްޗެހީން އުނގު ފުރައިދެވިފައިވާ ކުޑަކުއްޖެއްގެ މިސާލެވެ. އާޒަރުމީދުޚުތު އޭނާ ސޭކުހައްދަވަން މަސައްކަތްޕުޅު ކުރެއްވިކަމުގެ ހިތި ޙަޤީޤަތް އޭނާއަށް އިޙްސާސްވެވަޑައިގަންނަވައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ އުފާފުޅުވަނީ ޝާހުޕޫރުގެ އިސްތަށިފުޅުގައި ތާޖު އަޅުއްވައިދެއްވައިފިނަމަ އޭނާގެ މުރާދު ހާސިލުވެވަޑައިގަންނަވާނެތީއެވެ.

+ + + + +

ވިދިގެންއައި ދުވަހުގެ ހެނދުނުހެނދުނާ ސާސާނީ ދައުލަތުގެ ފުރަދާނައިންނާއި އަމީރުން ކިސްރާގެ ކޮއިލުގެ ޚާއްޞަ މާލަމަކަށް ޖަމާވެވަޑައިގެންފިއެވެ. އެ މާލަމަކީ ކޮއިލުގެ ބޮޑުސިންގާ ގުއްބެއްގެ ދަށުގައިހުރި މާލަމެކެވެ. އެއްފަރާތެއްގައިހުރި މަންސައެއްގެ މަތީގައި އެހެރީ މުތީއާއި، އަލިމަހާއި ޖަވާހިރުން ޒީނަތްތެރިވެފައިވާ ރަނުގެ ތަޚުތުކޮޅެކެވެ. އެއީ ކިސްރާގެ ދާންކޮޅެވެ. އެދާންކޮޅުގެ ކުރިމަތީގައިހުރި މޭޒެއްގެ މަތީގައި ކިސްރާގެ ރަނުގެ ތާޖުކޮޅު ހުއްޓެވެ. ދާންކޮޅުގެ މަތީގައި ދަމައިފައިވަނީ މުތީއާއި ޖަވާހިރާއި އަލިމަހުން ޖަރީކޮށްފައިވާ ސަނދުވާކޮޅެކެވެ. ސަނދުވާކޮޅު ހަދައިފައިވަނީ ތާޖެއްގެ ސިފަޔަށެވެ. އެ ސަނދުވާކޮޅުވަނީ ރަނުގެ ވަރުގަދަ ޗޭނަކުން ގުއްބުގެ ދަށުގައި ހަރުކޮށްފައެވެ. މުޅި މާލަންވަނީ އަގުހުރި މޮޅު ދޫލަކޮޅަކުން ޒީނަތްތެރި ކޮށްފައެވެ. އެދޫލަކޮޅުގައިވެސް ވަނީ މުތީއާއި ޖަވާހިރާއި އަލިމަހުން ކުރެހުން އަޅައިފައެވެ. ފާރުކޮޅުތައްވަނީ އަތުލަސް ފޮތްޗާއި ޒަރުބަޚުތު ފޮތީގެ ފަރުދާކޮޅުތަކުން ފޮރުވައިލެވިފައެވެ. ދޫލަކޮޅާއި ފަރުދާކޮޅުގައި އަޅައިފައިހުރި ކުރެހުންތައް ފެނުމުން ހީވަނީ ޙަޤީޤީ ކޯރުތަކަކާއި ފަރުބަދަތަކަކާއި ބަގީޗާތަކެއްހެންނެވެ. މަންސައިގެ މަތީގައި ތަޚުތުކޮޅުގެ ވާތް ކަނާތްފަރާތުގައިހުރީ ޝާހީ ޢާއިލާގެ ޝެހެޒާދުންނާއި ޝެހެޒާދީންގެ ގޮނޑިކޮޅުތަކެވެ. މަންސައިގެ ގެތިރީން ދޫލަކޮޅުމަތީގައިހުރި ގޮނޑިކޮޅުތަކުގައި ދައުލަތުގެ ފުރަދާނައިންނާއި، އަމީރުންނާއި ކަމުވޮށީން އެބޭފުޅެއްގެ ދަރަޖައިން ސަފުސަފަށް އިށީނދެވަޑައިގެން ތިއްބެވިއެވެ.

ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ލޯފުޅު ހުއްޓިފައިހުރީ ތަޚުތުގެ ދެ އުމީދާރުންގެ މޫނުފުޅަށެވެ. ތަޚުތުގެ ކަނާތްފަރާތުގައިހުރި ދެގޮނޑިކޮޅުންކުރެ އެއްގޮނޑިކޮޅުގައި އިންނެވި ޝެހެޒާދާ ޝާހުޕޫރެވެ. އަނެއް ގޮނޑިކޮޅު ހުރީ ހުހަށެވެ. ވާތްފަރާތުގައި ހުރި ދެގޮނޑިކޮޅުގައި ތިއްބެވީ ޝެހެޒާދީ އާޒަރުމީދުޚުތާއި ޝެހެޒާދީ ޕޫރާންދުޚުތާ ދެބޭފުޅުންނެވެ.

އާޒަރުމީދުޚުތުގެ ހެދުންކޮޅާއި ބޭނުންކުރައްވައިފައިވާ ގަހަނާކޮޅުތަކާއި، ކުރައްވައިފައިވާ މޭކަޕުން ހީވަނީ އާކާވެނިފުޅަކަށް ތައްޔާރުވެވަޑައިގެން އިންނެވިހެންނެވެ. އޭނާއާ ދިމާޔަށް ބަލައިލާ ކޮންމެ މީހަކާ ދިމާޔަށް ހިނިތުންވެވަޑައިގަތުމުގެ މާމެލާމެލި އުއްކަވަމުން ގެންދަވައެވެ. ބޮޑުން ސާހިބުން އިޝާރަތުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވިސްނައިދެއްވަމުން ގެންދެވިއެވެ. "ފަރަޚުޒާދު މި ލާނެއް އަދި ޖެހިލުންކުޑަ އަންހެންކުއްޖާއާ ދިމާޔަށް ލޯފުޅު މަރުއްވައިނުލައްވައިފިނަމަ އަޅުގަނޑުމެންނަށް ވަރަށްބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހޭނެއެވެ."

ފަރަޚުޒާދު މާލަމަށް ވެދެވަޑައިގެންނެވުމާއެކު ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން އިޙްތިރާމުގެ ގޮތުން ތެދުވެވަޑައިގެންނެވިއެވެ. އޭނާ މަންސަޔަށް އަރައިވަޑައިގެންނެވުމަށްޓަކައި ހަރުފަތުގައި ފައިންޕުޅު އެޅުއްވުމާއެކު އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ސިކުންތުކޮޅެއްހައިއިރަށް އޭނާއަށް ހުއްޓުންއެރިއެވެ. އެއަށްފަހު އަވަސްއަވަހަށް ވަޑައިގެން ޝާހުޕޫރުގެ އަރިހުގައި ހުހަށްހުރި ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ.

ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން އިރުކޮޅަކު ހިމޭނުން ތިއްބެވުމަށްފަހު އެއްބޭފުޅަކު އަނެއްބޭފުޅަކާ ތުންގުޅުއްވަން ފައްޓަވައިފިއެވެ. ފަރަޚުޒާދު އިރުކޮޅަކު މަޑުކޮށްލައްވައި ތެދުވެވަޑައިގެންފިއެވެ. ހާޒިރުވެތިއްބެވި ބޭފުޅުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރީންނޭވެ! އަޅުގަނޑު ތިޔަހުރިހައި ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. މިފަދަ ބޮޑު މަސްއޫލިއްޔަތެއް އުފުލަން އެކަށީގެންވާ މީހަކު ކަމުގައި ތިޔަބޭފުޅުން އަޅުގަނޑު ބެއްލެވީތީއެވެ. މިދުވަސްވަރަކީ އަޅުގަނޑުމެންގެ ތާރީޚުގެ އިންތިހާދަރަޖައިގެ ނާޒުކު ދުވަސްވަރެއްކަމާއި، މިހާރު ކަންހުރިގޮތުން އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ވަރަށް ކުޑަކުޑަ ޚިލާފަކުންވެސް އަޅުގަނޑުމެންގެ ކުރިމަތީގައި ހަލާކުގެ ދޮރު ހުޅުވިދާނެކަން އަޅުގަނޑަށް ނުވިސްނޭނަމަކަ މިބޮޑުސިންގާ ޒިންމާއާ އަޅުގަނޑު ހަވާލެއް ނުވީމުހެވެ.

އަޅުގަނޑުމެންގެ ތަޚުތަށް ދަޢުވާކުރައްވާ ދެއުމީދާރުންކުރެ އެއްބޭފުޅަކަށް ތާރީފުކޮށްފައި އަނެއްބޭފުޅެއްގެ އުނިކަމުގެ ވާހަކަ ދައްކާކަށެއް އަޅުގަނޑު ނެތީމެވެ. އެއްތަޚުތަކަށް ދެބޭފުޅަކު އެއްފަހަރާ އިސްކުރުމަކީ އެކަށީގެންވާ ކަމެއްކަމުގައިވާނަމަ ޝެހެޒާދާ ޝާހުޕޫރާއި ޝެހެޒާދީ އާޒަރުމީދުޚުތަކީ މި ތަޚުތަށް އެއްވަރަކަށް ލާއިޤު ދެބޭފުޅުންކަމުގައި އަޅުގަނޑު އިޢުލާންކުރުމަކީ ދުރުކަމެއް ނޫނެވެ. އެކަމަކު އީރާނަށް ބޭނުންވެފައިވަނީ އެންމެ ރަސްކަލެކެވެ. އެހެންކަމުން އަދިވެސް އެއްފަހަރު އަޅުގަނޑު އެދެނީ ތިޔައެންމެހައި ބޭފުޅުން އަޅުގަނޑުގެ ނިންމުމަށް ތާއީދުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވުމެވެ."

ފަރަޚުޒާދު މިހިސާބަށް ވާހަކަފުޅު ގެންދަވައިފައި މަޑުކޮށްލެއްވިއެވެ. ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން އިރުކޮޅެއްވަންދެން ހިމޭންކަމާއެކު އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ތިއްބެވިއެވެ. އަމީރުންގެ އެންމެ ކުރީސަފުން މުސްކުޅިފުޅު ބޭފުޅެއް ތެދުވެވަޑައިގެން ހަރުއަޑުފުޅުން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޒިންމާ ފުރިހަމަޔަށް އިޙްސާސް ކުރެވެއެވެ. މަނިކުފާނު މަނިކުފާނުގެ ވާޖިބު އަދާކުރައްވާށެވެ."

ކޮމާންޑަރ އިން ޗީފް ބަހުމަން ތެދުވެވަޑައިގެން ވިދާޅުވިއެވެ. "މިތާނގައި މިވަގުތު މިތިއްބެވި ހުރިހައި ބޭފުޅުން މަނިކުފާނުގެ ނިންމެވުން އިއްތިފާޤުން ޤަބޫލުކުރައްވާނެކަމުގެ ޒިންމާއާ އަޅުގަނޑު ހަވާލުވަމެވެ." އެހައިތަނުން ދެން ތިއްބެވި އަމީރުންނާއި ފުރަދާނައިންނާއި ކަމުވޮށީން އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު ތެދުވެވަޑައިގެން ފަރަޚުޒާދާމެދު އެބޭފުޅުންގެ އިތުބާރާއި ޔަޤީންކަން އެބައޮތްކަން އިޢުލާން ކުރައްވާން ފައްޓަވައިފިއެވެ.

ފަރަޚުޒާދު ޝާހުޕޫރުގެ އަތްތިލަފުޅުގައި ހިއްޕަވައިގެން ވަޑައިގެން ތަޚުތުގައި ބައިންދަވައިފިއެވެ. އެއަށްފަހު މަޖޫސީ ކާހިނު ތާޖުކޮޅު ނަންގަވައިގެން ވަޑައިގެން ޝާހުޕޫރުގެ އިސްތަށިފުޅުގައި ތުރުކުރައްވައިފިއެވެ. ފަރަޚުޒާދު އެންމެފުރަތަމަ ތަޚުތުގެ ކުރިމަތީގައި ސަޖިދަކުރެއްވިއެވެ. އެއަށްފަހު ޝަހެންޝާހުގެ އަތްތިލަފުޅުގައި ބޮސްދެއްވައިފައި ތެދުވެވަޑައިގެން ވިދާޅުވިއެވެ.

"ޢިއްޒަތްތެރީންނޭވެ! އަޅުގަނޑުގެ ވާޖިބު އަދާކޮށްފީމެވެ. އަޅުގަނޑުގެ އެދުމަކީ ޝެހެޒާދީ އާޒަރުމީދުޚުތު އީރާނުގެ އާ ޝަހެންޝާހަށް މުބާރިކުބާދީ ވިދާޅުވުމުގައި އިސްނެންގެވުމެވެ."

އާޒަރުމީދުޚުތު ސިކުންތުކޮޅެއްވަންދެން ފަރަޚުޒާދާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އެއަށްފަހު އެކަމަނާގެ ހިތާމަފުޅާއި ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވުން މަޞްނޫޢީ ހިނިފުޅުވެޑުވުމަކުން ވަންހަނާކުރައްވަމުން ތެދުވެވަޑައިގެންފިއެވެ. ތުރުތުރުއަޅަމުން ވަޑައިގެން ޝާހުޕޫރުގެ ކުރިފުޅުމަތީގައި ދެކަކޫފުޅު ޖައްސަވައިފައި އޭނާގެ އަތްތިލަޕުޅުގައި ބޮސްދެއްވައިފިއެވެ. އެއަށްފަހު ފަހަތަށް ޖެހިވަޑައިގެން އޭނާގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. އާޒަރަށްފަހު ޝެހެޒާދީ ޕޫރާންދުޚުތުއާއި ޝާހީ ޢާއިލާގެ މެމްބަރުންނާއި ދައުލަތުގެ ބޮޑުންނާއި ސިފައިންގެ އޮފިސަރުން ޝާހުޕޫރަށް ކުރުނީސްކުރައްވަން ފައްޓަވައިފިއެވެ. ނަމަވެސް އާޒަރުމީދުޚުތު އެކަމަނާގެ ވަށައިގެން ހިނގާ އެއްވެސްކަމެއްގެ ހޭފުޅެއްނެތެވެ. އެކަމަނާ ޒަޚަމުވެފައިވާ ހަރުފައެއް ފަދައިން އެއްފަހަރު ޝާހުޕޫރުގެ މޫނުފުޅަށް އަނެއްފަހަރު ފަރަޚުޒާދުގެ މޫނުފުޅަށް ބައްލަވާން އިންނެވިއެވެ.

ދަރުބާރުގައި ތިއްބެވި ބޮޑުން ފައިންޕުޅު ހިއްޕަވައި ނިމިވަޑައިގަތުމުން ޝާހުޕޫރު އެބޭފުޅުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"މިފަދަ ޙާލަތެއްގައި އީރާނުގެ ރަސްކަލެއްގެ އިސްތަށިފުޅުގައި އެޅޭ ޒިންމާ އަޅުގަނޑަށް ފުރިހަމަޔަށް އިޙްސާސުވެއެވެ. މި ބޮޑުސިންގާ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަނީ ބުއްދިވެރި ތަޖުރިބާކާރު ވަޒީރަކަށް ބޭނުންވެފައެވެ. ފަރަޚުޒާދު ވަނީ ޚުރާސާނަށްވުރެ ބޮޑަށް މިވަގުތު އޭނާގެ ޚިދުމަތް ޤައުމަށް ބޭނުންވަނީ މަދާއިނުގައިކަން ސާބިތުކޮށްދެއްވައިފައެވެ. އެހެންކަމުން އަހަރެން އޭނާ ވަޒީރުކަމަށް ޢައްޔަންކޮށްފީމެވެ. ޚުރާސާނުގެ ވެރިކަން އޭނާގެ ދަރިކަލުން ރުސްތުމާ ޙަވާލުކުރެވޭނެއެވެ. މަދާއިނުގެ ބޮޑުންނާއި ޢާއްމުން އެބައިމީހުންގެ މައްޗަށް ހިލޭމީހަކު އިސްކުރެވުނުކަމުގައި ނުހިއްތެވުން އެދެމެވެ. އަހަރެން ގަސްދުކުރަނީ އޭނާއާ ޝާހީ ޚާންދާނާ ގުޅައިލުމަށެވެ. އާޒަރުމީދުޚުތަކީ އަހަރެންގެ ބޮޑުބޭބޭފުޅުގެ ދަރިކަނބަލުންނެވެ. އީރާނުގެ ތަޚުތަށް އަހަރެން އިސްކުރެވުމުން އަހަންނަށް މަރުޙަބާ ވިދާޅުވުމުގައި އޭނާ ސާބިތުކުރެއްވި އިންތިހާދަރަޖައިގެ ހިތްޕުޅު ތަނަވަސްކަމަށް އަހަރެން ޝުކުރު ދަންނަވަމެވެ. މިހާރު އޭނާގެ އަރިހުން އަހަރެން އެދެނީ އަހަރެންގެ ވަޒީރުގެ ޙަޔާތްޕުޅުގެ ބައިވެރިޔާގެ ޙައިޘިއްޔަތުން ރަސްކަމުގެ ކަންކަމުގައި ބައިވެރިވެވަޑައިގެންދެއްވުމެވެ. އަހަރެން ފަރަޚުޒާދުގެ ޚިދުމަތަށް ބޭނުންވާފަދައިން ފަރަޚުޒާދު އޭނާގެ ވާޖިބު އަދާކުރެއްވުމުގައި އަހަރެންގެ ބޮޑުބޭބޭފުޅުގެ ދަރިކަނބަލުންގެ އެހީފުޅަށް ބޭނުންވާނެއެވެ."

އާޒަރުމީދުޚުތު ކުއްލިޔަކަށް ތެދުވެވަޑައިގެންފިއެވެ. ހިތާމަފުޅާއި ފިކުރުފުޅު ބޮޑުވުމުގެ ސަބަބުން އެކަމަނާގެ މުޅި ހަށިކޮޅު ތުރުތުރު އަޅައެވެ. އެކަމަނާ ވާހަކަފުޅު ދައްކަވާން ބޭނުންފުޅުވިއެވެ. ނަމަވެސް އެކަމަނާއަށް އެއްވެސް އަޑުފުޅެއް ބޭރެއް ނުކުރެއްވުނެވެ.

ޝާހުޕޫރު އެކަމަނާއާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އާޒަރު އިށީނދެވަޑައިގަންނަވާށެވެ. ކަމަނާ ވާހަކަފުޅު ދެއްކެވުމުގެ ބޭނުމެއް ނެތެވެ. މުޤައްދަސް އަލިފާނުގެ ކުރިމަތީގައި ކަމަނާ ކުރެއްވި ޢަހުދު އަހަރެން ފުރިހަމަކުރާނަމެވެ. ކިސްރާގެ ޚާންދާން ލަދުވެތިވާފަދަ އެއްވެސް ވާހަކަފުޅެއް ކަމަނާ ނުދައްކަވަމުއެވެ. ކަމަނާގެ މަޤްޞަދަކީ މި ރަސްކަމަށް ހެޔޮއެދިވަޑައިގެންނެވުން ކަމުގައިވާތީ ކަމަނާއަށް ފަޚުރުވެރިވެ ވަޑައިގެންނެވިދާނެއެވެ. މިހާރު އަހަރެން އަހަރެންގެ ރައްޔިތުންނަށް އެއްހަފްތާ ވަންދެން އުފާފާޅު ކުރުމުގެ ހުއްދަ ދީފީމެވެ."

އާޒަރުމީދުޚުތު ވަރުބަލިފުޅުވެފައިވާ ފަދައިން ގޮނޑިކޮޅުމައްޗަށް ވެއްޓިވަޑައިގެންފިއެވެ. ޝާހުޕޫރު މަންސައިގެ ބިއްދޮށުގައިހުރި ދޮރުކޮޅަކުން މާލަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

(ނުނިމޭ)