ކޮވިޑް19ގެ ދިރާސާތައް ކުރާ ކުންފުނިތަކުގެ ޑާޓާތައް ޗައިނާއިން ހެކް ކުރާކަމުގެ ތުހުމަތު އެމެރިކާއިން ކޮށްފިއެވެ.
އެމެރިކާގެ އެފްބީއައި އިން ބުނިގޮތުގައި އެގައުމުގެ ކުންފުނިތަކުން ކޮވިޑަށް ވެކްސިނެއް އުފެއްދުމަށާއި ފަރުވާއާއި ޓެސްޓު ކުރުމާއި ގުޅޭގޮތުން ހަދަމުން އަންނަ ދިރާސާތައް ޗައިނާއިން ހެކްކުރާކަން ވަނީ އެނގިފައެވެ.
ޗައިނާ އިން ސައިބާ ސްޕައި ކުރާ ކަމުގެ އިނގިލި މީގެ ކުރިންވެސް އެމެރިކާއިން ވަނީ ދިއްކޮށްފައެވެ. ނަމަވެސް ޗައިނާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ކޮވިޑް19އާއި ގުޅިގެން މިދެގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ދެގައުމުންވެސް ވަނީ ބަލި ކޮންޓްރޯލު ނުކުރެވޭ ކަމަށް ބުނެ އެއްގައުމު އަނެއް ގައުމާ ދިމާއަށް އިނގިލި ދިއްކޮށްފަ އެވެ.
މިބަލި މިހާތަނަށް ދުނިޔޭގެ 4.3 މިލިއަނަށްވުރެ ގިނަ މީހުނަށް ޖެހިފައިވާއިރު އެމެރިކާގައި އެކަނި މަރުވި މީހުންގެ އަދަދުވެސް 85000 އިން މައްޗަށް ވަނީ އަރައިފައެވެ. ޗައިނާގައި މަރުވީ 4600 މީހުނެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އެންޑް ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓަކްޗާ ސެކިއުރިޓީ އެޖެންސީ (ސިސާ) އިން އިއްޔެ ވަނީ މިކަމާ ގުޅިގެން އިންޒާރެއް ނެރެފައެވެ.
އެ އިންޒާރުގައި ވާގޮތުން ހެލްތު ކެއާގައި މަސައްކަތް ކުރާ މީހުނާއި، ފާމަސޫޓިކަލް އަދި ކޮވިޑް19 އާއި ގުޅޭ ދިރާސާ ކުރާ މީހުންވެސް ހެކްކުރުމުގެ މަސައްކަތްތަކެއް ބަޔަކު ކުރާތީ އެކަމާ ސަމާލުވާން ވަނީ ގޮވާލައިފައެވެ.
"ސައިބާ ވަގުން ގެންދަނީ މި ޑާޓާތައް ވަގަށް ނަގަމުން. އެހެން ވެ މިއަށް ހުރިހާ އެންމެންވެސް ސަމާލުވުމަށް ގޮވާލަން" އެބަޔާނުގައި ވެއެވެ.
މިހުރިހާ ތުހުމަތުތަކެއްވެސް ޗައިނާއިން ވަނީ ދޮގުކޮށްފަ އެވެ.
މިހަފުތާގެ ކުރީކޮޅު ޗައިނާގެ ފޮރިން އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިގޮތުގައި އެގައުމު ވަނީ ކޮވިޑު19ގެ ފަރުވާއާއި ވެކްސިންގެ ދިރާސާ ހެދުމުގައި އެންމެ ކުރީގައެވެ. އެހެންކަމުން އެއްވެސް ހެއްކެއް ނެތި ތުހުމަތުތައް ކޮށް އެގައުމާ ބެހޭގޮތުން ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ގޯސްކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.