އުރީދޫ މޯލްޑިވްސް

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ، ސާޖިން ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ހަމަޖައްސައިފިއެވެ.

ގއ.ގެމަނަފުއްޓަށް އުފަން، 21 އަހަރުގެ ސާޖިން އަކީ ޒުވާން އުމުރުގައި މަސްވެރިކަމަށް ނުކުމެ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާކުރުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އެގޮތުން މަސްވެރިއެއްގެ ދިރިއުޅުން ދައްކުވައިދިނުމުގެ ގޮތުން މީސް މީޑިއާގައި އޭނާ އަންނަނީ ފޮޓޯތައް ހިއްސާކުރަމުންނެވެ.

އޭގެ އިތުރުން "ދިވެހި މަސްވެރިންގެ" ނަމުގައި ޖަމިއްޔާއެއް ރެޖިސްޓާކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލައި ދާއިރާގެ ކުރިމަގަށް ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އުރީދޫން ބުނީ، ސާޖިންއާއެކު މި ފެށުނު ޕާޓްނަޝިޕްގެ ދަށުން، ދެ ފަރާތް ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި ގެނެވެންހުރި ހައްލުތައް ގާއިމުކުރުމަށް ވެސް ސާޖިންއެއެކު މަސައްކަތްކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު އަދި ޒަމާންވީ އާދަކާދަތަކުގެ ތެރެއިން ފާހަގަކުރެވޭ ހަރަކާތަކަށްވާއިރު މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސާޖިން އަންނަނީ ކާމިޔާބާއި ހިތްވަރާއެކު ބުރަމަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"އުރީދޫއެކޭ އެއްފަދައިން މުޖުތަމައުގެ ކުރިމަގަށް މަސައްކަތްކުރުމަކީ ސާޖިންއަށް ވެސް މުހިންމު ކަމަކަށް ވުމާއެކު ސާޖިންއާ ގުޅިގެން މަސްވެރިކަމަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އާ ފުރުސަތުތަކެއް ފަހިކޮށްދީ ދާއިރާގެ ކުރިމަގަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ނިޔާޒް ވިދާޅުވިއެވެ.

ސާޖިން ބުނީ، އުރީދޫއަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރާއި އަދި ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން ދާއިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށެވެ.

އެހެންކަމުން އުރީދޫ އާއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި އުރީދޫއާ ގުޅިގެން ކުރިއަަށްގެންދަން ހަމަޖެހިފައިވައި ޕްރޮޖެކްޓްތައް ފަށައިގަތުމަށް ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ގުޅިގެން ވެސަލް މޮނިޓަރިންގެ ސިސްޓަމާއި މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

އޭގެ އިތުރުން ތުރާޔާ ޓެލެކޮމިއުނިކޭޝަންސްއާ ގުޅިގެން މަސްދޯނި ފަހަރުތަކަށް މޮބައިލް ސެޓަލައިޓްގެ ހިދުމަތް ފޯރުކޮށްދީފައިވާއިރު މިދިޔަ އަހަރު އެކުންފުނިން ވަނީ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް އެކުލަވައިލެވިފައިވާ މަސްވެރިންނަށް ހާއްސަ ޕެކޭޖެއް ވެސް ތައާރަފުކޮށްފައެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ އަމާޒަކީ، ކުރިޔަށް އޮތްތަނުގައި ވެސް އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރާއި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނެސްދިނުން ކަމަށެވެ.