ކަރަންޓީނު ފެސިލިޓީއެއްގެ ކޮމާންޑަރު ޕޯސްޓަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރަކު ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކަރަންޓީނު ފެސިލިޓީއެއްގެ ކޮމާންޑަރުކަމުގެ މަގާމަށް އަންހެން އޮފިސަރަކު ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށެވެ. އާޒިމް ވިދާޅުވީ މިންތީގެ ހަމަހަމަ ކަމާއެކު ސިފައިންގެއިން ހިންގާ އޮޕަރޭޝަންތަކުގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.
ކޮވިޑް 19 ޖެހިފައިވާ މީހުންނާއި، ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވާ މީހުންގެ އިތުރުން ދަތުރުކޮށްފައި އައުމުގެ ސަބަބުން މީހުން ކަރަންޓީނު ކުރުމަށް ރާއްޖޭގައި ގާއިމު ކޮށްފައިވާ ކަރަންޓީނު ފެސިލިޓީތައް ބަލަހައްޓަމުން އަންނަނީ ސިފައިންނެވެ. މިހާތަނަށް ހުރިހާ ކަރަންޓީނު ފެސިލިޓީތަކެއްގައިވެސް އެމްއެންޑީއެފްގެ ކޮމާންޑަރުންގެ ގޮތުގައި ތިބީ ފިރިހެން އޮފިސަރުންނެވެ.
ކޮވިޑުގެ ހާލަތުން ރާއްޖެ އާންމު ހާލަތަކަށް ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތުގެ ފްރޮންޓްލައިނުގައި އެންމެ ގިނަ އަދަދަކަށް މަސައްކަތްކުރާ އެއްބަޔަކީ ސިފައިންނެވެ. ސިފައިންގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެސް ވެފަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭން އެއްކޮށް ރަނގަޅުވި ބައެއް މީހުން ވަނީ އަނބުރާ ހިދުމަތަށް ވެސް ނުކުމެވަ އެވެ.