މަޖިލީހުގެ ރައީސް

އާއްމު ސިއްހަތުގެ ގާނުނުގެ 5 ވަނަ މާއްދާއަށް ހެލްތު މިނިސްޓަރު އަމަލެއް ނުކުރައްވާ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އާއްްމު ސިއްހަތުގެ ގާނޫނުގެ ފަސްވަަނަ މާއްދާއަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އަމަލު ކުރައްވަމުން ނުގެންދަވާ ކަަމަށާއި، ގާނޫނުުގެ އެ މާއްދާއަށް އަމަލު ކުރުމަށް މެންބަރުން މިނިސްޓަރަށް ދަންނަވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުން ކޮށްފައިވުމާ ގުޅިގެން ރަށްރަށަށް ނުގެންދެވި މާލޭގައި ތާށީވެފައިވާ މީހުންނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ ރައްޔިތުންނަށް ރަށްރަށަށް ދެވޭ ގޮތް ނުވެގެން މެންބަރުން ކަންބޮޑުވުން ފާޅު ކުރަމުންދާތާ 10 ދުވަސް ވެއްޖެ ކަމަށެވެ.

އެވާހަކަ އެމަނިކުފާނު އަރިގައި ދައްކަވާ ކޮންމެ މެންބަރެއްގެ އަރިހުގައިވެސް، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ފަސްވަަނަ މާއްދާއަށް އަމަލު ކުރުމަށް ސިއްހަތާ ބެހޭ ވަޒީރު އަރިހުގައި ސާފު އިބާރާތުން ދެންނެވުމަށް އެދިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަަޅުަގނޑު ގާތުގައި ތިޔަ ވާހަކަ ދެއްކެވީމާ ކޮންމެ އިއްޒަތްތެރި މެންބަރެއްގެ އަރިހުގައި އަޅުގަނޑު އެބަ ދަންނަވަން، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ފަސްވަަނަ މާއްދާއަށް އަމަލު ކުރުމަށް ވަޒީރު އަރިހު ސާފު ސަރީހަ އިބާރާތުން ދި އިއްޒަންތެރި މެންބަރުންނަށް ދެންނެވޭނެޔޭ، ވަޒީރު އެމާއްދާއަކަށް އަމަލެއް ނުކުރައްވާ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގައި ބުނަނީ، "ރަށު ކައުންސިލް ތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި މި ގާނޫނުގެ ދަށުން ވަޒީރު ހަވާލުކުރާ ކަންކަން ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު، އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހި ކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެ ގޮތުން އޭގެ ތެރެއިން ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް އެއީ އެކައުންސިލަށް ނިސްބަތްވާ ސަރަހައްދުގައި، މިގާނޫނު ތަންފީޒު ކުރުމަށްޓަކައި އެ ސަރަަހައްދަށް އައްޔަން ކުރެވޭ، އޭޖެންޓް ކަމުގައި، މި ގާނޫނުގެ ދަށުން ކަނޑައެޅުމުގެ އިހުތިޔާރު ވަޒީަރަށް ލިބިގެންވޭ،"

(ށ) ގައި ބުނަނީ "މި މާއްްދާގެ (ހ) ގެ ދަށުން އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް، ނުވަތަ މި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާއެއް، ރަށު ކައުންސިލަަކާ ވަޒީރު ހަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތާއި ބާރެއް ތަންފީޒު ކުރުމަށް ބޭނުންވާ، އާއްމު ސިއްހަތު ދެމެހެއްޓުމުގެ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދީ، އާއްމު ސިއްހަތު ދެމެހެއްޓުމުގެ މަސައްކަތް ކުރުމުގެ ނިޒާމެއް އެ ކައުންސިލަށް ގާއިމް ކޮށްދިނުމާއެކު، އެފަދަ ވަސީލަތްތަކާއި ނިޒާމްތައް ގާއިމްކޮށްދޭންވާނީ، އެ ކައުންސިލެއްގެ އިހުތިސާސްގެ ދާއިރާގައި ހިމެނޭ ސިއްހީ ފަރުވާ ދިނުމުުގެ ވަސީލަތްތަކާއި ނިޒާމުތަކާއި ވަކިން ބޭނުންކުރާ ވަސީލަތްތަކާއި ނިޒާމްތަކެއްގެ ގޮތުގައެވެ."

މަޖިލިސް ރައީސް ވިދާޅުވީ އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކަރަންޓީން ކުރުމުގެ ބާރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންނެވި ނަމަވެސް އެކަން ކުރައްވަން ޖެހިވަޑައިގަންނަވަންވާނީ، ގާނުނާ އެއްގޮތްވާގޮތުގެމަތިން ކަމަށެވެ.

"އެ ގާނޫނުގެ ފަސްވަނަ މާއްދާ ވަރަށް ސަރީހަކޮށް އެކަން ކުރަންވީ ގޮތް އެބަބުނޭ، އެހެންވީމަ ޓެކްނިކަލް ޓީމަކަށްވެސް ޑޮކްޓަރުންގެ ޓީމަކަށްވެސް އަދި އެހެން ބައެއްގެ ޓީކަމަށްވެސް ވަކި ބަޔަކު ވަކި ތަނެއްގައި ހުރުމަށް މަޖުބޫރުކުރާއިރު އެކަން ކުރަންވާނީ ގާނޫނުގައިވާ ގޮތުގެމަތިން އެނޫން ގޮތަކަށް އެކަން ކުރެވިގެނެއް ނުވާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.