ވާހަކަ

ދެކިލަން އެދޭތީ - 08

1

ފޯނު ތިރިކޮށްލަމުން އީވާއަށް އެނދަށް ވެއްޓިގަނެވުނެވެ. ހަށިފުރާ ދޫކޮށްލެވުނު ނޭވާއާއެކު ސީލިންގްއަށް ނަޒަރު ހުއްޓާލެވުނެވެ. އީވާއަށް ވިސްނުން ހިންގާލެވުނީ އޭނަގެ ދިރިއުޅުން ގޮސްފައި އޮތް މިސްރާބާ ދޭތެރޭގައެވެ. ހަޔާތުގެ ސަމުގާ ފުނޑި މިސްރާބު ގެއްލިފައިވާ ކަހަލައެވެ. ދާނެ މަންޒިލެއް ނެތެވެ. މަދަދުވެރިކަން ހޯދާނެ ފަރާތެއް ވެސް ނެތެވެ. ބޯމަތިކުރަމުން އަންނަ ގަދަ ތޫފާނުގައި ޖެހި ހަޔާތުގެ ބައްތެލި ފުނޑުފުނޑުވާނެކަން ޔަޤީންކުރެވެއެވެ. ދެން ވެސް ކަންތައް ކުރަންވީ ގޮތެއް އީވާއަކަށް ނޭގުނެވެ.

''ޖާދުއަށް ހަޤީޤަތް ކިޔައިދޭން ވީތަ؟ ލޯބި ނުވާކަން ހާމަކުރަންވީތަ؟ އެކަމަކު މިހާ ހިސާބަށް އައިސް އެކަން އަހަންނަށް ކުރެވިދާނެތަ؟ ޖާދު އަހަރެން ދެކެ ވަނީ ތެދުވެރި ސާފު ލޯތްބެއް! އެކަމަކު އަހަރެންގެ ހިތުގައި އެކަހަލަ ޖަޒުބާތެއް ނުވޭ، ނުވެސް ވާނެކަން ނޭގެ، އެހެންނޫންނަމަ މިވިހާ ދުވަހު އަހަރެންގެ މި ހިތަށް ވިސްނައިދެވުނީސް، ލޯބި ވެވުނީސް، ބައިވެރިޔެއްގެ ފަރާތުން ދުށުމަށް އެދޭ ސިފަތަކެއް ޖާދުގެ ވޭ، އެކަމަކު އަހަރެންގެ މިހިތް އެސިފަތަކެއް ޤަބޫލެއް ނުކުރޭ، އެލޯބި ޤަބޫލެއް ނުކުރޭ، އަހަރެން ދެން ހަދަންވީ ކިހިނެއްތަ؟ މާމަ އަހަރުމެންގެ ކައިވެންޏާ މެދު ހުވަފެންތައް ދެކޭ، އެކަމަކު ލޯބި ނުވާ ފަރާތަކާއެކު ކައިވެނިކޮށްގެން އުފަލުގައި އުޅެވިދާނެތަ؟ އެކުގައި ނޫޅެވި ވަކިވާން ޖެހިއްޖެ ނަމަ ވާނީ ކިހިނެއްތަ؟ އަހަންނަށް މިވީހާ ދުވަހު އެއްވެސް އެއްޗެކޭ ނުބުނެވުނު، މާމަގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވިދާނެތީ ހިތުގެ ހުރިހާ އުދާހެއް ސިއްރުކުރެވުނީ، އެކަމަކު ކިހާ ދުވަހަކު؟ ކިހާ ދުވަހެއް ވަންދެންތަ އަހަރެންގެ ހިތުގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭނީ؟ ކިހާ ދުވަހެއް ވަންދެންތަ އަމިއްލަ އުފާތައް ޤުރުބާން ކުރަން ޖެހޭނީ؟ މި ނޫން ދުވަހެއް ދެކެން ބޭނުން، މާމަ ވެސް އުފަލުގައި ވާތަން ދެކެން ބޭނުން، ޖާދިންގެ ހިތުގައި ޖައްސާކަށް ވެސް ބޭނުމެއް ނޫން، އަހަރެން ހަދަންވީ ކިހިނެއްތަ؟''

ލޮލުން ކަރުނައިގެ ދިލަކަން ފާޅުވެ އިސާހިތަކު ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އެސްފިޔަތަކަށް ނުކުޅަދާނަވުމާއެކު ހަލުވިކަމާއެކު ކަރުނަތައް ފައިބައިގަތެވެ. ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔަ އެވެ. ހަދާނެ ގޮތެއް އީވާއަކަށް ނުވިސްނުނެވެ. ހިތަށް ވިސްނައި ދީދީ އޭނަ ވަރުބަލި ވެއްޖެއެވެ. އޭނަގެ ބަސް ޤަބޫލުކުރަން ހިތް ފާޅުގައި ދެކޮޅު ހަދަމުން ދިޔަ އެވެ. ހިތް އެދެމުން ދިޔައީ އެހިތުގެ މުހުތާދުތައް ހާސިލުކުރާށެވެ. އަމިއްލަ އުފަލަށް އިސްކަން ދޭށެވެ. ނަމަވެސް، އޭނަގެ ސިކުނޑި ވިސްނައިދެމުން ދިޔައީ އާއިލާއަށްޓަކައި ޤުރުބާން ވާށެވެ. މާމަގެ ނިންމުމަށް އިސްކަން ދޭށެވެ. އެއީ ރަނގަޅު ނިންމުމެއްކަން ސާބިތުކޮށްދޭން ސިކުނޑި ބާރު އަޅަމުން ދިޔަ އެވެ. އެކަމާ އޭނަގެ ހިތް ޖަދަލުކުރަމުން ދިޔަ އެވެ. އެންމެ ފަހަރަކު ވިޔަސް އަމިއްލަ އެދުން އިސްކުރަން ބުނަމުން ދިޔަ އެވެ.

ހަތަރުއަނގޮޅިއަކަށް އާދެވިފައިވާ ކަހަލައެވެ. ދާންވީ ރާސްތާއެއް ނޭގެއެވެ. ވަށައިގެން ފެންނަނީ އެކަނިވެރިކަމެވެ. ހިތްދަތިކަމެވެ. އުއްމީދުގެ ހުޅުކޮޅު އެދަނީ ވަޔާ ހަނގުރާމަ ކުރަމުންނެވެ. ރޯޅިތަކުގެ ސުނިޔާނުކަމާއެކު ކޮންމެ ހިނދެއްގައި ވެސް ނިވިގެން ހިނގައިދާނެކަމުގެ ބިރު ހިތުގައި ވެއެވެ.

ކަރުނައިގެ ދާނުގައި އޮތް އީވާއަށް ވަރުބަލިވެގެން ގޮސް ނިދުނެވެ. އޭރު ވެސް އެސްފިޔަތަކުގައި ކަރުނައިގެ ތެތްކަން ވެއެވެ. މޫނުމަތި މިލައިގެން ގޮސް ހިތަމައިގެ ތަސްވީރެއް ކަހަލައެވެ. ނިދީގެ ތެރޭން ވެސް ހިތްދަތިކަން ނޫން އެހެން އެއްޗެއް އެމޫނުމަތިން ނުފެނެއެވެ. އީވާގެ މަޖުބޫރީ ހާލަތާއި އެހިތުގެ ކެކުޅުންތައް ރީތިކޮށް ރަމްޒުކޮށްދެއެވެ.

*****

މުޅިން އައު ދުވަހަކަށް އަލިވިގެން އައިއިރު އުޑުމަތި ފެންނަނީ ބަނަކޮށެވެ. އިރުގެ އަލިން ދުނިޔެ މަހުރޫމްވެފައި ވަނީ ކަޅު ވިލާތަކުގެ ސައިލުތަކުންނެވެ. ޖެހިލާ ވައިރޯޅިތައް ވެސް ބާރެވެ. އެގޮތުގެ މަތީން އެތައް އިރެއް ފާއިތުވުމަށް ފަހު ވާރޭ ވެހެން ފެށީ ހެނދުނު އަށެއް ވެސް ޖެހި ފަހުންނެވެ. ވައިރޯޅިތަކުގެ ބޫން އަޑުފަށްގަނޑާއެކުވެ، ބޯކޮށް ވާރޭވެހެމުން ދިޔަ އަޑު ފަޒާގައި ގުގުމާލަމުން ދިޔަ އެވެ. ދޭތެރެއަކުން ލޮލުގެ ފެނުމުން މަހުރޫމްކޮށްލާނެހެން ހީވާ ފަދަ އަލިގަދަ ވިދުވަރުތަކާއެކު ބާރުބާރަށް ގުގުރައިގަންނަ އަޑު ވެސް އިވެއެވެ. އެއަޑުތަކުން ހިތަށް ނާމާންކަން ވެރިކުރުވައެވެ.

ދެލޯ އުނގުޅަމުން އައި ރައުހާ ބަދިގެއަށް ވަނީ ކަރުހިއްކައިގަނެގެން ފެން ފޮދެއް ބޯލާށެވެ. ހެނދުނު ހޭލެވުނު އިރު ކަރުހިއްކައިގަނެގެން ގޮސް އަރުތެރެ ވަނީ ހިކިފައެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އީވާ ފެނި ލިބުނު ހައިރާންކަމުގައި ރައުހާގެ ލޮލުން ނިދިފިލައިފިއެވެ. ތަންމިނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކައްކަމުން ދިޔަ ކާއެއްޗެހީގެ މީރުވަސް ވެސް ނޭފަތުގައި ޖެހުނީ ދެނެވެ.

''މި ނިމުނީ، މޫނުދޮވެލައިގެން ސައިބޯން އަންނަން ވީނު...'' އައިސްއަލަމާރި ކައިރީގައި އޭނައަށް ބަލަން ހުރި ރައުހާއަށް ނަޒަރެއް ދެމުން، އުނދުން ކައިރީގައި ހުރި އީވާ ބުނެލިއެވެ. ތަވާގައި އޮތް ބިސްގަނޑު އަނެއްފުށަށް ޖަހަމުން އޭނަ ހިނިތުންވެލިއެވެ.

''އީވް ކޮން އިރަކުތަ ތިހާ ހީވާގިވީ؟ ކައްކާނެ މީހަކު ހުންނާނެއޭ ބުނުމުން އަހަރެން ހިޔެއް ނުކުރަން އޭގެ މާނަ އީވް ތިހެން ނަގާފާނެ ކަމަކަށް، ނުލާހިކު ކަންނެތް މީހެއް ވިއްޔާ ތިއީ.......'' އީވާއަށް އައިސްފައި ހުރި ބަދަލާމެދު ހައިރާންކަން ފާޅުކުރަމުން ރައުހާ ބުނެލިއެވެ.

''އަބަދު އެއްގޮތަށް ދިރިއުޅުން ދަންޏާ ކިހާ ފޫހިވާނެ، ބަދަލެއް އައިސްގެން ދޯ ދިރިއުޅުން ކުރިއަށް ދާނީ...'' އީވާ ބުނެލިއެވެ. ރޭގައި ހިތް ފުރެންދެން ރޯލުމުން ހިތަށް ކުޑަ ލުޔެއް ލިބިފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. ހަމައެއާއެކު ހުރެވުނު މާހައުލުގެ ސަބަބުން އޭނަގެ ހިތަށް ފިނިކަމެއް ލިބިފައި ވިއެވެ. ވިސްނުންތަކާއި ދުރަށް ދާން އޭނަ ވަނީ އަޒުމު ކަނޑައަޅާފައެވެ. ވަގުތު ޖެހުމުން ހުރިހާކަމެއް ވެސް ރަނގަޅު ވެދާނެ ކަމުގެ އުއްމީދުގައެވެ.

''ގޯހެއް ނޫން...'' އައިސްއަލަމާރިން ފެންފުޅިއެއް ނަގަމުން ރައުހާ ބުންޏެވެ. އޭނަ ފުޅީގައި ތުންޖަހަން އުޅުނު ވަގުތު އީވާ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އީވާއަށް ބަލައިލުމުން އެމޫނަށް އަރާފައި ހުރި ފަކުރުގެ އަސަރުތައް އޭނައަށް ފެނިއްޖެއެވެ. އެއާއެކު ތަށްޓެއް ނަގައިގެން ފެންއަޅަން ފެށީ މަޢާފަށް އެދެމުންނެވެ.

*****

މޫނުދޮވެލައިގެން ރައުހާއަށް އާދެވުނު އިރު އީވާ ހުރީ ސުފުރާ މަތި ތައްޔާރުކުރާށެވެ. ދެ މީހުނަށް ވާނެ ވަރަށް އެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ. މޭޒު ދޮށުން ގޮނޑިއެއްގައި އިށީންނަމުން ރައުހާގެ ތައުރީފުގެ ބަސްތައް އީވާއަށް އޮއްސާލިއެވެ.

''ޖާދު ވަރަށް ލަކީ ވާނެ ތިކަހަލަ ގެވެހި އަންބަކު ލިބުނީމަ...'' ރައުހާގެ ޖުމްލައާއެކު އީވާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. މޭޒު މަތީ ހުރި އޮރެންޖް ޖޫސް ޕެކެޓު ނަގަން އުޅުނު ރައުހާއަށް އެކަން ފާހަގަ ކުރެވުނެވެ. އެއާއެކު އޭނައަށް ފަރުވާތެރިކަމާއެކު އީވާއަށް ބަލައިލެވުނެވެ. ބުނެދޭން ނޭގޭ ޝުޢޫރުތަކެއް އީވާގެ މޫނުމަތިން އޭނައަށް ފެނުނެވެ. ޖާދިންގެ ވާހަކަދެއްކުމުން އީވާއަށް އުނދަގޫ ވެއްޖެކަން ރައުހާއަށް ނަގައިގަނެވުނެވެ.

''ސޮރީ، އީވްއަށް ވަގުތު ބޭނުންވާނެކަން ހަނދާން ނެތުނިއްޔޭ...'' ރައުހާ މަޢާފަށް އެދުނެވެ.

އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަމުން އީވާ ދެފަރާތަށް ބޯހޫރާލިއެވެ. އަދި ރައުހާއަށް ހިނިތުންވެލިއެވެ.

''އަހަރެން ސުވާލެއްކޮށްލަންތަ؟...'' އެދަނޑިވަޅުގައި ހިތަށް ވެރިވި ސުވާލެއް ރައުހާއަށް ފެންމަތިކޮށްލެވުނެވެ. ''މިސާލަކަށް އީވްއަށް ޖާދު ދެކެ ލޯބި ނުވެވުނީ، ދެން ކިހިނެއްތަ ހަދާނީ! ވަކިވާނީތަ؟ ނޫނީ ކުރިއަށް ދާނީތަ؟ އެދުވަހު އީވްއަށް ގުޅާފަ ކައިވެންޏަށް ހިތްވަރު ލިބޭހެން ވާހަކަދެއްކީ އިތުރު ގޮތެއް ނެތްހެން ހީވުމުން، އީވްއަށް އަހަރެންގެ ވާހަކަތަކުން ހާސްކަމެއް ލިބެން ބޭނުން ނުވާތީ... އެކަމަކު އިތުރު ގޮތެއް ފެނިއްޖެ ނަމަ އީވް ހަދާނީ ކިހިނެއްތަ؟... މާމައާއި ވާހަކަދައްކާނަންތަ؟''

ރައުހާ އެނގެން ބޭނުންވީ އީވާގެ ވިސްނުން ހުރި މިސްރާބެވެ. އޭނަ އީވާއަށް ބަލަން އިނެވެ. އެމޫނަށް ވެރިވަމުން ދިޔަ ޝުއޫރުތަކަށް ހުޝިޔާރުވެގެންނެވެ.

އީވާއަށް ޖަވާބެއް ނުދެވުނެވެ. ހިމޭންކަމާއެކު ރައުހާގެ ވާހަކައާ މެދު ވިސްނާލެވުނެވެ. މާމައާ ވާހަކަދެއްކުމުގެ ހިތްވަރު އޭނައަށް ދުވަހަކު ލިބިދާނެ ހެއްޔެވެ؟ ހިތުގެ މުރާދާ އެއްގޮތަށް ފައިތިލަ ސާބިތުކޮށްލެވިދާނެ ހެއްޔެވެ؟

''އީވް، މިވާހަކައާ މެދު ވިސްނާލައްޗޭ، އޭރުން އީވް ބޭނުންވާ ގޮތެއް ފެނިދާނެހެން ހީވަނީ، ލޯބި ނުވާ މީހަކާއެކު އުޅުން ފަސޭހަކަމަކަށް ނުވެދާނެ... އެކަމަކު ޖާދިން އަކީ ރަނގަޅު ޒުވާނެއް، އޭނަގެ ލޯބިން ފަހަރެއްގައި އީވްގެ ހިތް ބަދަލުވެދާނެ، އެކަމަކު ލޯބި ނުވެވިއްޖެނަމަ ވާނީ ކިހިނެއްތަ؟...'' އީވާގެ އަތުގައި ހިފާލަމުން ރައުހާ ބުންޏެވެ. ''އީވްގެ ކޮންމެ ނިންމުމަކަށް އަހަރެން އެއްބާރުލުން ދޭނަން، އަހަންނަކީ ވެސް މިކަންކަމުގައި މާ ގިނަ ތަޖުރިބާ ހުރި މީހެއް ނޫން، އެކަމަކު ލޯބި ނުވާ ފަރާތަކާއެކު އުޅުން އެއީ ފަސޭހަކަމަށް ނުވާނެ، މިހާރު ވެސް އަހަންނަށް އީވްގެ މޫނުމަތިން އެކަން އެބަފެނޭ، ޖާދިންއަށްޓަކައި ކެތްކުރަން މަސައްކަތްކުރާތަން އެބަ ފެނޭ، އެކަމަކު ކިހާ ދުވަހެއް ވަންދެން؟ އަހަންނަށް ފެނޭ ކައިވެނި ފަސްކޮށްލަން ވެސް، ދެމީހުން އިތުރަށް ދަސްވަންދެން.... އަހަރެން ބޭނުންވަނީ އީވް އުފަލުގައި ވާތަން ދެކެން، ރާއްޖެ ދޫކޮށް އައިފަހުން ހީވަނީ ކުރިއަށްވުރެ ބޮޑަށް އީވް ހަމަޖެހިފައި ހުރިހެން، ޖަލަކުން މިނިވަންވެގެން އާދެވިފައިވާ މީހަކު ފަދަ... ކުރިންހެން ދިރިއުޅޭނަމަ މާޔޫސްކަން ލިބުން ނޫންކަމެއް ނުވާނެ... ހިތްވަރާއެކު ދިރިއުޅުމާއި ކުރިމަތިލުމުން އުއްމީދު ލިބޭނެ... އަހަރެންގެ ދުޢާއަކީ އީވްއަށް އުފާވެރިކަން ލިބުން... ފަހަރެއްގައި ވެސް މިވާހަކަތަކުން އީވް އަހަރެން ދެކެ ރުޅި ނާންނައްޗޭ، އަހަންނަށް އެނގޭ މާމައާއި އާއިލާ ދެކެ އީވް ލޯބިވާ ވަރު، އެމީހުންނާ މެދު ވިސްނާވަރު ވެސް...''

''އަހަރެން ކީއްވެތަ ރައު ދެކެ ރުޅިއަންނަން ވީ، އަހަރެން ތިކަމާ ވިސްނާނަމޭ، އެކަމަކު ދެން އިތުރަށް އެމައުޟޫޢުއަށް ވާހަކަ ނުދައްކަފާނަންތަ؟'' ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު އީވާ ބުނެލިއެވެ.

''އޯކޭ، ދެން ނުދައްކާނަން...'' ރައުހާ އަވަސްވެގަތީ ބަނޑުފުރާނަ މުއްތިކުރުމަށެވެ. މާހައުލުގައި އޮތް ނުތަނަވަސްކަމަށް އޭރު ނިމުން އަތުވެއްޖެއެވެ.

''މިވެހެން ފެށި ވާރޭ ހުއްޓާނުލާނެ ގަރުނެއް ވިޔަސް...'' މޫސުމާ މެދު ޝަކުވާކުރަމުން ރައުހާ ބުނެލިއެވެ. ''އަބަދު ވާރޭ ވެހިފަ ފިނިކަން ގަދަވެފަ އޮތްނާނީ، ހިތަށް އަރާ މި ނޫން މޫސުމެއް އޮތްނާނެ ނަމައޭ!...''

''ތިބުނީ ވެސް ތެދެއް، އަބަދު ކުޑައެއް އަތެއް ލައިގެން އުޅެން ޖެހޭނީ...'' ރައުހާގެ ވާހަކައާއި އެއްބައިވެލަމުން އީވާ ބުނެލިއެވެ.

''ހޫމްމްމް، ދެން ބުނެބަލަ، ކޮން ކަމެއް ކުރަން ތި ޕްލޭން ކުރަނީ، އަހަންނަށް އެނގޭ އީވް ސޭވްކޮށްފަ ހުރި އެއްޗެއްގަ އަތެއް ނުލާނެކަން، ފަހަށް ވިސްނާ މީހެއް ވިއްޔާ ތިއީ، ދެން ބައްޕަމެން އަތުން ވެސް އެއްޗެއް ނުހޯދާނެކަން، ސޯ އައިމް ޝުއާރ ޔޫ ވިލް ޑޫ އޭން އޮޑް ޖޮބް، ހޮސްޕިޓަލުން ހަމަޖައްސަދޭން އުޅުނީމަ ބޭނުމެއް ނުވި، މާހައުލާ ދުރުވާން ބޭނުމޯ، އެކަމަކު ކިޔެވުމުގެ ބޮޑުބައި ހޭދަކުރުން އޮތީ ހޮސްޕިޓަލުގައޭ، ސާރޖަރީއާއި އެއްޗެހި ވެސް ޕްރެކްޓިސްކުރަން ޖެހޭނެ!'' ކެއުމުގެ ތެރޭން ރައުހާ ބުނެލިއެވެ.

''އަބަދު އެއްކަމެއް ކުރާކަށް ނުވާނެއެއްނު، ތަފާތު ކަމެއް ވެސް ތަޖުރިބާކޮށްލަން ޖެހޭނެ، އެހެނިހެން މީހުން ދިރިއުޅޭ ގޮތާ އެމީހުންގެ ދިރިއުޅުން ދާ ގޮތް ވެސް އިހުސާސްކޮށްލަން ޖެހޭނެ، އެހެންވެޔޭ އޮޑް ޖޮބަކަށް ދާން ބޭނުންވަނީ، އެހެންނޫނަސް އަބަދު މަސައްކަތްކުރުން އޮތީ ހަމަ ހޮސްޕިޓަލުގަ ދޯ، އަބަދަށްޓަކާ އެތާ ތާށިވުމުގެ ކުރިން އެހެން ތަނެއްގައި އުޅެލަން ބޭނުން، ދިރިއުޅުމުގަ ތަފާތު ކަންތައް ކުރީމަ ތަޖުރިބާ ލިބޭނީ ވެސް...'' އީވާ އޭނަގެ ނިންމުން ދިފާއުކުރަމުން ބުނެލިއެވެ. ''އަދި މުޅިއަކުން ގޮތެއް ނުނިންމަން، ނިންމާފަ ފުރަތަމަ ވެސް އަންގާނީ ރައުއަށް، ކުއްޔާއި އެހެނިން ހަރަދުތަކުގައި އަހަރެން ހިފާނަމޭ، އެހެންވީމަ ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ...''

*****

ހަފްތާއެއް ފާއިތުވެގެން ދިޔަ އިރު ވެސް ވާރެއަށް ބަދަލެއް ނާދެއެވެ. ވާރޭ ނުވެހެންޏާ އުޑުމަތި އޮތްނަނީ ބަނަކޮށްލާފައެވެ. އިރުގެ އަލިން މަހުރޫމް ވެފައެވެ. ދުރުދުރަށް ދާންދެން ފެތުރިފައި އޮތް ކަޅު ވިލާތަކަށް ބަރުވެ ދެންމެދެންމެ ވާރޭވެހެން ފަށާފާނެހެން ހީވެއެވެ. ޖެހިލާ ރޯޅިތަކުގައި ވެސް އެކުލެވިގެންވަނީ ތެތްފިނިކަމެކެވެ. ދުން ފިނީގެއަސަރު ވެސް ފަޒާގައި ވެއެވެ. ވިއްސާރައިގެ ސަބަބުން މަގުތަކަށް ވެސް ފަޅުކަން ވެރިވެފައި އޮތެވެ. ބޯމަތިކުރަމުން އައި ތޫފާނުން ސަލާމަތްވާން ހުރިހާ އެންމެން ވެސް ބޭނުންވެފައިވާ ކަހަލައެވެ.

ކޮލެޖްގެ ފުރަތަމަ ދުވަސްކަމުން ގަޑި ނުޖެހި ދިއުމަށް ރައުހާއާއި އީވާ ވެސް ސަމާލުކަން ދިނެވެ. ނަސީބު ރަނގަޅުކަމުން މަރާމާތަށްފަހު ރައުހާގެ ކާރު ވެސް އެދުވަހަށް ލިބިއްޖެއެވެ. ދެއެކުވެރިންނަށް ކޮލެޖާ ހަމައަށް ދެވުނުއިރު އިހުނަށްވުރެން އުޑުމަތި ބަނަކޮށްލައިފިއެވެ. ޖެހެމުން އައި ރޯޅިތައް ވެސް ބާރުގަދަ ވެއްޖެއެވެ.

''ކުޑަ ގެނައިން ދޯ؟'' ޑްރައިވަރު ސީޓުގައި އިން ރައުހާ ބުނެލިއެވެ. އޭރު ރައުހާ އުޅެނީ ޕާކިން ޒޯނުގައި ކާރު ޕާކްކުރާށެވެ. ރައުހާގެ އަޑަށް ކާރުގެ ފަހަތު ސީޓަށް އީވާ ނަޒަރު ހިންގާލިއެވެ. ކުޑަ ނެތްކަން އޭނައަށް ރޭކާލީ ދެނެވެ.

''ނޫން!، ހީވަނީ އަވަސްކުރަން ހަދައިގެން ބާއްވާފަހެން މިއާދެވުނީ...'' އީވާއަށް ތުން ދިގުކޮށްލެވުނެވެ. ރައުހާ އޭނަ އަތަށް ދިން ކުޑަ ހަނދާންވާ ގޮތުގައި ބޭއްވުނީ ގޭގެ ޕާކިން އޭރިޔާގައެވެ.

''އަޅޭ، ހިވާނީ ދެންމެދެންމެ ވާރޭ ވެހެން ފަށާފާނެހެން، ދުއްވައިގެންފިއްޔާ ދެވިދާނެހެން ހީވަނީ...'' ހިޔަލެއް ނެތް ޕާކިންޒޯނާއި ކޮލެޖާ ދެމެދު ހުރި ދުރުމިނާ މެދު ސިކުނޑިން ހިސާބު ހަދާލަމުން ރައުހާ ބުނެލިއެވެ. އެއަށްފަހު އޭނަގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ރައުހާގެ ފަހަތުން އީވާ ވެސް ފޭބިއެވެ. އެވަގުތު ވިދާލި ވިދުވަރާއެކު ބާރު ގުގުރިއެއްގެ އަޑުއިވުނެވެ. އަތުގައި އޮތް ތަޅުދަނޑިން ކާރު ލޮކްކުރަމުން ދެއެކުވެރީން ވެސް ފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގެންފިއެވެ. އޭރު ހިމަފޮދުވާރޭ ވެހެން ފަށައިފިއެވެ. ކޮލެޖްގެ ބޮޑު އިމާރާތުގެ ހިޔަލުގެ ދަށަށް ދެވުނީ ނަސީބަކުންނެވެ. ބޯކޮށް ވާރޭވެހެން ފެށީ ކުއްލިޔަކަށެވެ.

ހެދުމުގައި ހަރުލާފައި ހުރި ފެން ފޮޅާލަން އުޅުނު އީވާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނީ، ވާރެއިން ސަލާމަތް ވާން ވަރަށް ބާރަށް ދުވެފައި އައި ޒުވާނެއްގެ ކޮނޑުން އޭނަގެ ގައިގައި ޖެހުމުންނެވެ. ޖެހުނުލެއް ބާރުކަމުން ފަހަތަށް ވެސް ދެތިން ފިޔަވަޅު އަޅާލެވުނެވެ. ވީތަދުން އީވާއަށް އަތުގައި ފިރުމާލެވުނެވެ. އަދި ފިޔަވަޅުތައް މަޑުޖައްސާލަމުން އޭނައަށް އަވަސް ނަޒަރެއް ދިން ޒުވާނާއަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ. އެޒުވާނާ ހުރީ އިސް އޮބާލައިގެންނެވެ.

ނުރުހުންތެރިކަމާއެކު އީވާ ލޯއަޅާލިއެވެ. އެފަދައިން އައިސް އޭނަގެ ގައިގައި އެއްވެސް މީހަކު ޖެހިގަތުމަކީ ބަލައިގެނެވޭ ކަމަކަށް ނުވިއެވެ.

މަޢާފަށް އެދުމެއް ނެތި އެޒުވާނާ އޭނަގެ ހޫޑީން ބޯ ނިވާކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އެޒުވާނާގެ އަދަބުކުޑަކަމާމެދު ހައިރާންވެ އަންތަރީސްވެފައި ހުރި އީވާއަށް ކުދިކިޔާލެވުނެވެ. އަތުގައި ފިރުމަމުން އޭނައަށް ބަލަން ހުރެވުނީ މީހުންތަކުގެ ތެރެއަށް ގޮސް ގެއްލުނު ޒުވާނާއަށެވެ. އޭނަގެ މޫނުމަތިން ދަންނަވައްތަރު ޖެހިހެން ވެސް އީވާއަށް ހީވިއެވެ. ނަމަވެސް، ދުރު ހަނދާނެއްހެން ހީވާތީ ވިސްނައިގަންނަން އުނދަގޫވިއެވެ. އެފިކުރުތަކުގެ ތެރޭގައި ވަނިކޮށް ރައުހާ އޭނައަށް ގޮވާލި އަޑު އިވުނެވެ.

(ނުނިމޭ)