ކުޅިވަރު

އިބްރޮހިމްވިޗް ޓްރޭނިންއަށް ނިކުތުމުގެ ކުރިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހިއްޖެ

އައިދާ އަބްދުލް ހަކީމް

އޭސީ މިލާންގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒްލަޓާން އިބްރޮހިމްވިޗް ޓްރޭނިންއަށް ނުކުތުމުގެ ކުރިން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހިއްޖެ އެވެ.

ސަބަބަކީ ކޮވިޑް 19 އާ ގުޅިގެން އިޓަލީ ލީގް މެދު ކަނޑާލުމުން އިބްރޮހިމްވިޗް އޭނާގެ އުފަން ގައުމު ކަމަށްވާ ސްވިޑްން އަށް ގޮސްފައިވާތީ އެވެ. މިހާރު އޭނާ ވަނީ އެނބުރި އިޓަލީއަށް އައިސްފައެވެ.

ސްވިޑްންގައި ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން ފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެހެންކަމުން އިބްރޮހިމްވިޗް ވަނީ ފިޓްކޮށް ހުރުމަށްޓަކައި އޭނާގެ 25 ޕަސެންޓް ހިއްސާ އޮންނަ، ސްވިޑްންގެ ކުލަބު ހާމަބީގެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ. އަދި ސްވިޑްންގައި ހޭދަކުރި މުއްދަތުގައި އެ ކުލަބުގެ އަންހެން ޓީމާއި ފިރިހެން ޓީމުގެ ޓްރެއިނިންނަށް ނިކުތުމުގެ އިތުރުން ޓްރޭނިން މެޗުތަކެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

މިލާނުން ވަނީ ކުޅުންތެރިން ޕްރެކްޓިހަށް ނެރެ އިންޑަވިޖުއަލް ޕްރެކްޓިސް ފަށައިފަ އެވެ. މުޅި ޓީމު އެކުގައި ޕްރެކްޓިސް ކުރެވޭނީ މިމަހު 18 ގެ ފަހުންނެވެ. ނަމަވެސް އިބްރޮހިމްވިޗް ކަރަންޓީން ވާން ޖެހުމުން އޭނާއަށް ޕްރެކްޓިސްތަކަށް ނުކުމެވޭނީ އެހެން ކުޅުންތެރިންނަށް ވުރެ ލަހުންނެވެ.

ކޮވިޑް 19ގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނޭއިރު، އެ ގައުމުގެ ލީގް ފަށާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.