ރިޕޯޓް

ދިވެހި ސިފައިންގެ އަޒުމް: މިއީ ގައުމަށްޓަކައި ކުރާ ހަނގުރާމައެއް، ފަހު މީހާއާއި ހަމަޔަށް ދެމިތިބޭނަން

1
"ހާލާ މެދު ކަންބޮޑުވެދާ ހާދިސާ ތަކުގާ ސީދާ، އޯޑަރަށް ގުރުބާނީ ހިދުމަތުން ހުރިތަނުން ތައްޔާރުވެގެން، ދޭ އެހީ އިންސާނީ ހިދުމަތުން، އެއްގަމާ ކަނޑުގައި ދީގެން އެހީ ލޭގެ ހަމްދަރުދީ ބާރުން، ގަައުމީ ހިިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ، ފަސްގަނޑާ ދީނާ ގަައުމަށްޓަކާ އޭގެ ރޫހާނީ ބާރުން، ގަައުމީ ހިދުމަތް ވާރެޔާ އަވީގާ ރޭދުވާ އެކީ ދޭނީ"
ސައިކުރާ އިބްރާހީމް ނައީމް

މިއީ 1992 ވަނަ އަހަރު ސިފައިންގެ ހިދުމަތަށް ސަތޭކަ އަހަރު ފުރުމާ ގުޅިގެން ހެދި ސިފައިންގެ ލަވައިގެ ތަންކޮޅެކެވެ. މިއަދައި ހަމަޔަށް ސިފައިން ކިޔަމުން އަންނަ ލަވައެެކެވެ. ގައުމަށްޓަކާ މޭ އައްޑަނައަކަށް ދިންކޮށްލުމަކީ ޝަރަފެއް ކަމަށް ދެކިގެން ތިބި ދިފާއީ ބާރުގެ ހިދުމަތާއި ގުރުބާނީ ސިފަކޮށްދޭ ކަޑިއެކެވެ.

މި ކަޑީގައި އެލަވަ ހެއްދެވި ރާއްޖޭގެ ކުޅަދާނަ ޝާއިރު، އަލްމަރުހޫމް ސައިކުރާ އިބްރާހިމް ނައީމު އެ ވިދާޅުވަނީ ވަރަށް ވެސް ބޮޑު ތެދުފުޅެކެވެ. ރޯގާތަކާއި ވަބާތައް ފަދަ ކަންބޮޑުވާ ބޮޑެތި ކާރިސާ ތަކުގައި ސިފައިންގެ ހިދުމަތަށް އޯޑަރު އަންނައިރު އެމީހަކު އެ ހުރި ތަނަކުން ތައްޔާރުވެގެން ނުކުންނާނެ ކަމެވެ. އެފަދަ ކޮންމެ ކަމެއްގައި ވެސް ސިފައިން ހިދުމަތް ކުރާނީ އެއްބަނޑު އެއްބަފާކަމުގެ ލޭގެ ބާރުގައެވެ. މަތިވެރި އިންސާނީ ހިިދުމަތް ދިނުމުގެ ގޮތުންނެވެ. ދިވެހި ފަސްގަނޑާއި ދީނާއި ގައުމަށްޓަކައި އެވަރުގަދަ މާތް ރޫހުގައެވެ. އަތްވާއި ވާރޭގައި ރޭގަނޑާއި ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ހިދުމަތުގައި ދެމިތިބޭނެ ކަމެވެ.

ކޮވިޑްގެ ކާރިސާ ރާއްޖެއަށް ކުރިމަތިވި އިރު އެކަމަށް އިޖާބަދީ ކުރީސަފަށް ނުކުމެ ބައްޔާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ ވެސް ދިވެހި ސިފައިންނެވެ. މި ހަނގުރާމައާ ދިވެހި ސިފައިން ކުރިމަތިލީ އޮތް ނުރައްކާ އެނގިތިބެއެވެ. ބަލި ޖެހޭނެކަން ވެސް އެނތިބެއެވެ. ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ބުނަމުންނެވެ. އެންމެފަހު މީހާއާ ހަމައަށް ވެސް ކެރިގެން ކުރިމަތިލައި، ދިވެހި ދައުލަތް ގައުމު ސަލާމަތްކުރުމަށް ހަށިގަނޑާއި، ފުރާނައިން ގުރުބާންވާން ޖެހިއްޖެ ހާލަތެއްގައި ގުރުބާންވުމަށް ކުރި ހުވަޔާއެކުގައެވެ.

އެގޮތުން ކޮވިޑްގެ އޮޕަރޭޝަން ކުރިއަށްދާއިރު ކަންކަން ރޭވުމުން ފެށިގެން އަމަލީ ގޮތުން ވެސް ސިފައިންގެ ފައުޖުތައް ވަނީ ރުކުރުވާލައިފައެވެ. މުޅި މާލެ ފުރަބަންދު ކުރުމުން ޑެލިވަރީ ކުރުމަށް ވެސް ނުކުތެވެ. ފެން އުފުލައިދިނެވެ. ބޯޓުފަހަރާއި ގުދަންތަކުން މުދާ ބާލައި، ތަންތަނަށް ގެންގޮސްދިނުމުގައި ވެސް ސިފައިންނެވެ. ނުރައްކަލަށް ހުށަހެޅިގެން ތިބެ އެއްގަމާއި ކަނޑާއި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ވެސް ބޮޑު ދައުރެއް އަދާކުރެއެވެ. ބަލި މީހުން ގެންގޮސް ބައިތިއްބާނެ ތަންތަން ހެދުމުގައި ރެޔާއި ދުވާލު އެމީހުން އުޅުނެވެ. މިއަދު ރާއްޖޭގެ 25 އަށްވުރެ ގިނަ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ބެލެހެއްޓުމުގެ ޒިންމާ އާއި މަރުވާ މީހުންގެ ކަށުކަމާކެމިން ފެށިގެން ވަޅުލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ ސިފައިންނެވެ.

މިއަދު އެ މަސައްކަތުގެ ތެރެއިން 40 އަށްވުރެ ގިނަ ސިފައިންގެ ބޭކަލުން ތިބީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެމީހުންގެ ހިތްވަރަކަށް ކުޑަ ވެސް ލޮޅުމެއް ނާދެއެވެ. ބަލި ޖެހި ރަނގަޅުވާ މީހާ މާދަމާ ވެސް ސިފައިންގެ ހިދުމަތާ ގުޅޭނެއެވެ. އެގޮތުގައި މަހަކަށްވުރެ ގިނަ ދުވަހު އަނބިދަރިންނާއި އާއިލާ ކައިރިއަށް ނުދެވި، ގައުމީ ހިދުމަތުގައި ޗީފް އޮފް ޑިފެންސް ފޯސް އިން ފެށިގެން އެންމެ ދަށް ރޭންކުގެ އޮފިސަރު ވެސް މިއަދު އެތިބީ ގައުމީ ހިދުމަތުގައެވެ.

ކުރިއަށް އޮތް، ކޮވިޑު ތޫފާނުގެ އެންމެ ގަދަ ދުވަސްވަރާ ކުރިމަތިލާން މިއަދު ސިފައިން އެދަނީ ކަމަރު ބަންނަމުންނެވެ. އެކަމަށް ކެރިގެން ކުރިމަތިލައި، މިބަލިމަޑުކަމުން ގައުމު ސަލާމަތްކޮށް އާންމު ހާލަތަކަށް ގެންދިއުމުގެ ހިތްވަރާއެކު ޖޯޝުގައެވެ. އެހެން މުއައްސަސާތަކާއެކު ސިފައިން ވެސް އެތިބީ ވަރުބަލިކަމެއް ނެތި ފޯރީގައެވެ. ގައުމު އަމާން ބަނދަރަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ސިފައިންގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ދިވެހި ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖެއް އެބައޮތެވެ.

"ކުރިއަށް އޮތް ސާޖަށް ނުވަތަ ފެތުރިގެން މިދާނެ ސްޕްރެޑަށް ކުރިމަތިލާނީ ކެރިގެން. ސިފައިން ވެސް މީގަ އެންމެ ބޮޑު ރޯލެއް ކުޅޭނެ. ނަގަންޖެހޭ ރިސްކަކަށް ނުވަތަ މީހަކަށް ކަމެއް ވެދާނެތީ، އެކަމަށް ނުވިސްނާނަން. ލީޑާޝިޕްގައި މިހުރި ވިސްނުން އެންމެ ތިރީގެ ޓުރޫޕްގައި ވެސް މިއަދު ހުރީ. އެމީހުންގެ މޯޓިވޭޝަން ވެސް ހުރީ މިކަމާ ކުރިމަތިލައިގެން އެންމެ ފަހު މީހާ ހަމައަށް ވެސް އަދި އަޅުގަނޑުމެންގެ ގިނަ އަދަދެއް މީހުން ޕޮޒިޓިވްވިޔަސް މިކަމުގައި އަޅުގަނޑުމެން ތިބޭނީ ފަހަތަށް ނުޖެހި ބާރަށް ކުރިއަށްދާން،"

"އިސްނަގާ ކުރިޔަށް ދާނި ސިފައިން އަަޒުމުގާ ސީދާ ވާހެން ގައުމީ ހިިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ ފަސްގަނޑާ ދީނާ ގަައުމަށްޓަކާ އޭގެ ރޫޙާނީ ބާރުން ގަައުމީ ހިިދުމަތް ނަސްރު އެދި ޝަހީދީލޭ ޖިހާދުގައި ދޭނީ،"
ދިވެހި ސިފައިންގެ ލަވަ

ސިފައިންގެ ލަވައިގެ މައިގަނޑު ވެސް އެ ބުނަނީ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ވާހަކައެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ސިފައިންނެވެ. ދިވެހި ފަސްގަނޑާއި އިސްލާމްދީނާއި ދިވެހި ގައުމުއަށްޓަކައި ހުރިހާ އަމިއްލަ އެދުމަކާ ވަކިވެފައިވާ ރޫހާނީ ބާރަކުން ފުރާނަ އެޅިގެން ތިބޭނެ ކަމެވެ. ސިފައިންގެ އަޒުމާ މުޅިން އެއްގޮތަކަށް ރެޔާއި ދުވާލު ގައުމީ ހިދުމަތް ކުރާނެ ވާހަކައެވެ. ގައުމީ ހިދުމަތުގެ ޖިހާދުގައި ގަައުމަށްޓަކައި ޝަހީދުވެގެން އަމިއްލަ ލޭ އޮހޮރާލުމަށް ސިފައިން ފަހެއް ނުޖެހޭ ކަމެވެ. ދިވެހިންގެ ޝަރަފުކަމުގައި ބަލައި ދިވެހި ސިފައިންނަށް ޝުކުރު ހައްގުވަނީ މިހެން ވެގެންނެވެ. ދިވެހި ސިފައިންނަށް ޝުކުރިއްޔާއެވެ!.