ވިޔަފާރި

މޯލްޑިވް ގޭހުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައި، އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

އަލީ ޔާމިން

ކޮވިޑް 19ގެ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މޯލްޑިވް ގޭހަށް ފައިސާ ދެއްކުމަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައި، އޮންލައިންކޮށް ޕޭމަންޓް ހެދުމަށް އެދިއްޖެއެވެ.

މޯލްޑިވް ގޭހުން ބުނީ، ގޭހަށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެކުންފުނީގެ ވެބްސައިޓް www.maldivegas.com/order މެދުވެރިކޮށް، ގޭހަށް އޯޑަރުކުރުމަށް ފަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ކޯލް ސެންޓަރުގެ ހޮޓްލައިން 1616 މެދުވެރިކޮށް ގޭހަށް އޯޑަރު ކުރުމަށްފަހު ކުންފުނީގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓު 7704264840001 އަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށްވެސް މޯލްޑިވް ގޭހުން ބުނެއެވެ.

މޯލްޑިވް ގޭހުން ބުނީ، އެ ކުންފުނީގެ ހޮޓްލައިނަށް ގުޅައިގެން ދޭ އޯޑަރުތައް ބަލައިގަންނާނީ ފައިސާ ފޮނުވިކަމުގެ ސްލިޕް ކޮޅު ލިބުމުން ކަމަށެވެ. އަދި ސްލިޕުގެ ރިމާކްސްގައި ކަސްޓަމަރުގެ ކޯޑު ޖެހުމަށްފަހު 7201616 އަށް ވައިބާ ކުރުމަށް އެ ކުންފުނިން އެދެއެވެ.

މީގެ އިތުރުން ވޯކް އިން ކަސްޓަމަރުންނަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 10:30 އިން 12:30 އަށް ހިދުމަތް ދޭނެ ކަމަށްވެސް މޯލްޑިވް ގޭހުން ބުނެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މޯލްޑިވް ގޭހުގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދޭ ގޭހަށް ފައިސާ ދެއްކުން 100 ޕަސަންޓް ކޭޝްލެސް ކުރީ ރައްޔިތުންނާއި ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި އެކުންފުނީގެ ޑެލިވަރީ މުވައްޒަފުންނަކީ އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ޑެލިވަރީގައި ހަރަކާތްތެރިވާ މުވައްޒަފުން ކަމަށާއި ގޭގެއަށް ގެންދާ ގޭސްފުޅިތަކަކީވެސް ބަރާބަރަށް ޑިސްއިންފެކްޓް ކުރެވިގެން ގޭގެއަށް ގެންދެވޭ ފުޅިތަކެއް ކަމަށް ވިދާޅުވިއެވެ.