މޯލްޑިވް ގޭސްގެ ހަތް މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ، އެކުންފުނިން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 8 އަށް އަރައިފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން މޯލްޑިވް ގޭސްގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، މީގެ ކުރިން ޕޮޒިޓިވްވި އެކުންފުނީގެ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓުވެގެން އެކަހެރިކުރި މުވައްޒަފުންގެ ތެރެއިން ހަތް މުވައްޒަފަކު މިއަދު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވެފައިވަނީވެސް ހުޅުމާލޭގައި ގޭސް ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވި ބިދޭސީ މުވައްޒަފުން ކަމަށް އާމިނަތު ވިދާޅުވިއެވެ. މިއަދު ޕޮޒިޓިވްވި މުވައްޒަފުންނަކީ ބަންގްލަދޭޝަން އަދި އިންޑިއާއަށް ނިސްބަތްވާ މުވައްޒަފުންނެވެ.
މޯލްޑިވް ގޭހުގެ ޖުމްލަ އަށް މުވައްޒަފަކު ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު، އެއާ ގުޅިގެން ބައެއް 12 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އައިސޮލޭޓް ކުރެވިފައެވެ.
މީގެ އިތުރުން އައިމިނަތު ވިދާޅުވީ، އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ބައްޔަށް ޕޮޒިޓިވްވި ނަމަވެސް މެދުކެނޑުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ ޑެލިވަރީ މުވައްޒަފުންނާއި، އެހެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.