ރިޕޯޓް

ނިއު ނޯމަލް: ހުރިހާގޮތަކުންވެސް ގައުމު ފެންނާނީ ތަފާތުކޮށް، އަހަރެމެން އުޅެން ޖެހޭގޮތް ވެސް ތަފާތުވާނެ

މަރިޔަމް ޝަހުދާ

އާންމުކޮށް މީހުން ތޮއްޖެހިފައިވާ މަގުތަކާއި ރެސްޓޯރަންޓުތަކުން ފެންނަނީ ހަމަ ހިމޭންކަމެވެ. އަބަދުމެ މީހުން ހަލަބޮލި ކަމާއެކު މަސައްކަތް ކުރާ އޮފީސްތައް ވަނީ ހަމަހިމޭން ކަން މަތީގައެވެ. އަހަރު ދެކޮޅު ފަތުރުވެރިންނާއި ދަތުރުވެރިންނާއިގެން ފުރިބާރުފައި އޮންނަ އެއާޕޯޓުތައް އޮތީ ފަޅުކަން މަތީއެވެ.

މިއީ ހަމައެކަނި ރާއްޖެއިން ފެންނަ މަންޒަރެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުންވެސް މިހާރު ފެންނަ މަންޒަރެވެ. އެތައް ގައުމެއްގައި ކޮވިޑް 19 ހަލުވިކަމާއެކީ ފެތުރެމުންދާ އިރު، މި ބަލިން ރައްޔިތުން ރައްކާތެރިކުރުމަށް ހުރިހާ ގައުމުތަކުންވެސް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ދުނިޔެއިން ފެނުނު މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ބަލި ކޮންޓްރޯލް ކުރެވި، އަލުން ތަންތަން ހުޅުވަން ފަށާފައިވީ ނަމަވެސް، ގައުމު އަދިވެސް އޮތީ އާންމު ހާލަތުގައެއް ނޫނެވެ.

ހަމަ އެފަދައިން މިހާރު "ލޮކްޑައުން" ކޮށްފައިވާ ގައުމުތަކުން އަންނަނީ ލޮކްޑައުން އުވާލައި "ނިއު ނޯމަލް" ގައި ކޮވިޑާއެކު ދިރިއުޅުމުގެ ތައްޔާރީތައް ވަމުންނެވެ. ނިއު ނޯމަލްގެ ދިރިއުޅުން ފަށާފައިވާ ގައުމުތައް ވެސް އަންނަނީ ގިނަވަމުންނެވެ. ރާއްޖެއިންވެސް އަންނަނީ ނިއު ނޯމަލް އަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލް ނިއު ނޯމަލްގައި ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މީގެ ކުރިން އެމްއޭސީއެލުން ބުނެފައި ވެއެވެ. މީގެ އިތުރުން ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި، ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފެށޭނީ، ހަތަރުދަންފަޅިއަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި ކިޔަވައިދޭ އިރުވެސް ސްކޫލުތަކުގައި އެކަން ކުރިޔަށް ދާނީ ދަރިވަރުންނާއި މުދައްރިސުންގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ވަރަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ހަމަ މިއާއި އެކު ނިއުނޯމަލްގައި އާންމު ވިޔަފާރި ތަންތަނުގެ މާހައުލާއި އެތަންތަނަށް ވަދެ ނުކުމެވޭނެ ގޮތްތައްވެސް ތަފާތު ވާނެ އެވެ. އެ ގޮތުން ކެފޭ ރެސްޓޯރެންޓު ތަކުގައި ގޮނޑިތައް ދުރުކޮށް ގައިދުރުކަން ގެންނާނެ އެވެ. ފިހާރަތަކަށް ފަހަރަކު ވަދެވޭ މީހުންގެ އަދަދު މަދުކޮށް ފިހާރަތަކުގެ އެތެރޭގައިވެސް ގައިދުރުކޮށް އުޅުމަށް ބާރު އަޅާނެ އެވެ. ސަރުކާރުގެ އިދާރާތަކުން ހިދުމަތްތައް ދޭން އޮންނަ ކިޔުތަކުގައިވެސް މި ތަރުތީބުން ބަދަލުތައް ގެނެސް ފާހަގަތައް ޖަހައި ޖިސްމާނީ ގައިދުރުކަމަށް ފިޔަވަޅުތައް އަޅާނެ އެވެ. އާންމު ވިޔަފާރި ބަނދަރުތަކާއި މާރުކޭޓު ތަކާއި ޕާކުތައްފަދަ ތަންތަނުގައި ވެސް އެއްފަހަރާ އެތައް ބަޔަކު ޖަމާ ނުވެ ދިރިއުޅުމުގެ އާންމުކަންކަން ގެންދެވޭނެ ގޮތްތަކަށް އެތަންތަނުގެ ކަންކަން އިންތިޒާމު ކުރާނެ އެވެ. ކެފޭ ރެސްޓޯރެންޓުތަކާއި ފިހާރަ އަދި އެނޫންވެސް އާންމުންނަށް ހިދުމަތްދޭން ތިބޭ މީހުން ތިބޭން ޖެހޭނެ މިންގަނޑެއް އޮންނާނެ އެވެ. އެމީހުންވެސް ކަސްޓަމަރުންނާ ގައިދުރުކޮށް ހިދުމަތް ދޭން ޖެހޭނެ އެވެ.

މިކަންކަމުގެ އިތުރުން، ނިއު ނޯމަލްގެ ދުވަސްވަރުގައި އާންމު އެއްވުންތަކާއި މީހުން އެއްވެ އުޅޭ ޒާތުގެ ހަރަކާތްތައް ކުރިޔަށް ގެންދަން ހުއްދަ އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. އެ ގޮތުން ކޮވިޑާއި އެކު ނިއު ނޯމަލްގައި އުޅޭން ޖެހޭ މުއްދަތުގެ ތެރޭގައި، ސިޔާސީ ރެލީ ތަކާއި ބޮޑެތި ޕާޓީ ތަކާއި އެނޫންވެސް ގިނަ ބަޔަކު އެއްވާ ޒާތުގެ ހަރަކާތްތައް ކުރިޔަށް ގެންދަން ހުއްދަ އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.

މި ހުރިހާކަމެއްގެ އިތުރުން، އާންމު ފަރުދުންވެސް އެމީހުންގެ ދިރިއުޅުމަށް ނިއު ނޯމަލްގައި ހެޔޮވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނާނެ އެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ވެސް ގެއިން ބޭރުގައި އުޅޭ އިރު މާސްކު އަޅައިގެން އުޅުމާއި މީހުން އެއްވާ ޒާތުގެ ކަންކަމުން ދުރުވުމާއި ގޭތެރޭގައި އަދި ގެއިން ބޭރުގައިވެސް އުމުރުން ދުވަސްވީ މީހުންގެ ސިއްހަތާ މެދު ހާއްސަ ސަމާލުކަމެއް ބަހައްޓައިގެން އުޅުން ފާހަގަކޮށްލެވެ އެވެ. އަދިހަމަ އެހެންމެ ނިއު ނޯމަލްގެ މުއްދަތުގެ ތެރޭގައި ބޭރު ގައުމުތަކަށް ދަތުރުކޮށް އުޅުން މަދު ކުރުމަކީވެސް ދިވެހީން ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ހާލަތު ދިރާސާކުރާ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

ނިއު ނޯމަލްގައި ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުން ވެސް އެމީހުންގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެ އެވެ. އަދި އެކަމަށް ކަމާ ބެހޭ އިދާރާތަކުން އިރުޝާދުތައް ވެސް ދޭނެ ކަމަށް ބެލެވެ އެވެ. އެ ގޮތުން އޮފީސްތަކުގައި މުވައްޒަފުން މަސައްކަތް ކުރާން ތިބޭ މާހައުލުން ޖަރާސީމު ފިލުވުމާއި ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތަކަށް މާހައުލު ބެހެއްޓުމާއި ގަވައިދުން އަތް ދޮވެވޭނެ ގޮތް އިންތިޒާމުކޮށްފައި ހުރުމާއި އެކު މާސްކް އަޅައިގެން ތިބެ މަސައްކަތްކުރުން ފާހަގަ ކޮށްލެވެ އެވެ.

ނިއު ނޯމަލްގެ ދުވަސްތައް ދެމިގެން ދާނީ ކިހާ ހިސާބަކަށް ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ގައުމުތައް އާއްމު ހާލަތަކަށް އަންނާނީ މި ބައްޔަށް ވެކްސިނެއް ހޯދިގެންނެވެ. ވެކްސިން ހޯދުނަސް އެ ވެކްސިން ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އުފައްދައި، އެ ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދީ، އެމީހުންގެ ހަށިގަނޑަށް ވެކްސިން ޖެހުމާއި ހަމަޔަށް އަޅުގަނޑުމެން ދިރިއުޅެން ޖެހޭނީ ކޮވިޑާއި އެކީގައެވެ. މިހާރުގެ މައުލޫމާތު ތަކުގެ މައްޗަށް ބުރަވެ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވެކްސިނެއް މި އަހަރު ތެރޭ އަދި އުފެއްދުނަސް އެ ވެކްސިން ރާއްޖޭގެ ރައްޔިތުންނާއި ހަމަޔަށް އައިސް ބޭނުންކުރެވޭނީ އެންމެ އަވަހަށްވެސް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެހެން ކަމުން އެއީ ލައްކަ ދުވަހެވެ.

ކަން އޮތީ މިހެން ނަމަވެސް، ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ނަމަ، މިމަސް ނިމޭ އިރު ރާއްޖޭގައި ކޮވިޑު ބަލި ޕީކަށް އަރާނެ އެވެ. ދެން ހިފާނީ ދަށަށް ދާށެވެ. އެހެން ކަމުން އަންނަ މަހުން ފެށިގެން ލޮކްޑައުނަށް ވެސް މަޑުމަޑުން ލުއިތައް ދޭން ފަށާނެ ކަމަށް ބެލެވެ އެވެ. އެ ލުއި ނިއު ނޯމަލްގެ ހަރުކަށި އުސޫލުތަކެއްގެ ތެރޭން ކަމަށް ގަބޫލުކުރެވެ އެވެ. އަދި އެ ލުއި ލިބި ގެއިން ނުކުމެލައި މުޖުތަމައުތެރޭ އުޅެލެވޭވަރު ވާއިރު، އެއްކަލަ ކޮވިޑު ބަލިވެސް އަޅުގަނޑުމެންނާ އެކު މުޖުތަމައު ތެރޭގައި އުޅޭނެ ކަމަށް ގަބޫލުކުރާން ޖެހެ އެވެ. ކޮންޓްރޯލުވެފައި އޮތް ނަމަވެސް، އެ ބަލި މުޖުތަމައުން އެއްކޮށް ދިޔުމުގެ ފުރުސަތު ކުޑަކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.


އެހެންކަމުން، އަޅުގަނޑުމެން އުޅެން ޖެހޭނީ މި ބައްޔާއި އެކުގަ އެވެ. މި ބައްޔާއި އެކު އުޅުމަށްޓަކައި ޖެހޭނީ މުޅިން އާ އާދަތަކެއް އަށަގަންނުވާށެވެ. އިޖުތިމާއީ ގައިދުރުކަން ހިޔާރުކޮށް، ކުރިއަށްވުރެ ބޮޑަށް ސާފުތާހިރު ކަމަށް އިސްކަންދޭށެވެ. ނިއު ނޯމަލް އަށް ގައުމު ބަދަލުވާއިރު، އަހަރެމެންގެ އަމިއްލަ ވިސްނުން ވެސް ނިއު ނޯމަލް އަކަށް ބަދަލުވާން ޖެހޭނެ އެވެ. ނިއު ނޯމަލްގައި ފަރުދީ ޒިންމާ މިހާރަށް ވުރެވެސް ބޮޑުވާނެ އެވެ.