ރިޕޯޓް

ނަރުހުންގެ ދުވަސް ނަރުހުންގެ އެންމެ ބޮޑު ގައުމީ އިމްތިހާނަށް، ހުރިހާ ވަގުތެއް ކޮވިޑުން ގައުމު ސަލާމަތްކުރުމަށް

އަލީ ޔާމިން

މިއަދަކީ ދުނިޔޭގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ނަރުހުންގެ ދުވަހެވެ. މިއަހަރުގެ ނަރުހުންގެ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލު ކުރީ ކޮވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ ބިރުވެރި އަދި ނާމާން ދުވަސްވަރަކާއެވެ. މި ބަލިމަޑުކަމާ ދެކޮޅަށް ފުރާނަ އަތްމައްޗަށް ލައިގެން އެތައް ބަޔަކު ކުރީ ސަފުގައި ހަރަކާތްތެރިވާއިރު އެންމެ ބޮޑު ގުރުބާނީއެއް ވާ އެއްބަޔަކީ ސިއްހީ ހިދުމަތްތެރީންނެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ނަރުހުންނެވެ.

ނަރުހުންގެ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން އަންނައިރު، އެ ނަރުހުން މިއަދުވެސް އެތިބީ ގައުމީ މަސައްކަތުގައެވެ. ގިނަ ނަރުހުން މަސައްކަތް އެ ކުރަނީ ލޯބިވާ އާއިލާތަކާއި ދުރުގައެވެ. ފްރަންޓްލައިންގައި ހަރަކާތްތެރިވާ ނަރުހުންނާއި، ކޮވިޑުގެ ކަންކަމުގައި ސީދާ ހަރަކާތްތެރިވާ ނަރުހުންނަށް ގެއަށް ނުގޮސް ތިބެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ގައުމަށްޓަކައި، އަޅުގަނޑުމެން ރައްޔިތުންގެ ފުރާއަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެ ނަރުހުން އެކޮށްދޭ މިންނެތް މަސައްކަތަކީ، ދުލަކުން ގަލަމަކުން ބަޔާން ކޮށްދެވޭވަރަށް ވުރެ މަތިވެރި، އަދި ބުރަ ގައުމީ މަސައްކަތެކެވެ.

ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިއްހީ ހިދުމަތްތެރީން މަދުވުންކަމަށް ސަރުކާރުން ބުނެއެވެ. ރާއްޖޭގައި ތިބި 2970 ނަރުހުންނަކީ މި ބަލި މުޖުތަމައުގެ ތެރެއަށް ފެތުރި ގިނަ ބަޔަކަށް ބަލި ޖެހިއްޖެނަމަ އެންމެންނަށް ފަރުވާދިނުމަށް އެކަށޭނެ އަދަދެއް ނޫނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވި ގޮތަށް ރާއްޖޭގައި ތިިބި ސިއްހީ ހިދުމަތްތެރީންނަކީ ކަމުގެ އިލްމާއި ހުނަރު ލިބިގެން ގައުމީ ރޫހުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހީވާގި ބައެކެވެ.

ކޮވިޑް ޖެހުމުގެ ފުރުސަތު އެންމެ ބޮޑު އެއް ބަޔަކީވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އެގޮތުން މިހާތަނަށްވެސް ވަނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ފުލުހުން އަދި ސިފައިންގެ މީހުން ވެސް ހިމެނެއެވެ. ކޮވިޑުގެ ސަބަބުން 21 ނަރުހަކު މިހާރުވެސް ވަނީ ކަރަންޓީން ކުރެވިފައެވެ. ސަރުކާރުން ބުނާ ގޮތުގައި ސިއްހީ ހިދުމަތްތެރީންގެ ތެރެއިން މީހަކު ބައްޔަށް ކިރިޔާވެސް ޝައްކު ކުރެވިއްޖެ ނަމަ އެމީހަކު ވަގުތުން ކަރަންޓީން ކުރާނެއެވެ.

ކޮވިޑު އެކަންޏެއް ނޫނެވެ. އެހެން ބަލިތަކަށް ފަރުވާކުރަމުން އަންނަ ބަލި މީހުންނާއި، މަދަދަށް ބޭނުންވާ ކޮންމެ މީހަކަށްވެސް ހިނިތުންވުމާ ހިތްހެޔޮކަމާއެކު ފަރުވާގެ އަތުން ފިރުމައިލަދޭ ހިދުމަތްތެރީންނަކީ ނަރުހުންނެވެ. ހިދުމަތް ދިނުމުގައި އެ ނަރުހުންނަކީ، ވަކި އުމުރަކަށް ވަކި ޖިންސަކަށް ބަލާނެ ބައެއް ނޫނެވެ. އެކަން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި ތިބި ބަލި މީހުންނަަށް އެ ނަރުހުން ފޯރުކޮށްދޭ އަގުހުރި ހިދުމަތްތަކުންވެސް ކަށަވަރުވެ، ޔަގީންވެގެންދެއެވެ.

ނަރުހުންގެ ދުވަހު، އެތައް އާއިލާއަކާއަކާއި ދުރުގައި ބުރަ އަދި ނުރައްކާތެރި މަސްއޫލިއްޔަތެއް ކޮނޑުގައި އަޅައިގެން ގައުމީ ރޫހުގައި އެ ނަރުހުން މަސައްކަތް ކުރަމުން އަންނައިރު، ނަރުހުންގެ އަގު އެންމެންވެސް ވަޒަން ކުރަން ޖެހެއެވެ. ބުނެލާ ތައުރީފުގެ ބަސްކޮޅަކީ އެ ނަރުހުންގެ ހިދުމަތާއި ނުބައްދަލު ކަމެކެވެ. އެ ނަރުހުން މިއަދު ބޭނުންވަނީ އާންމު ރައްޔިތުންގެ ހިތްވަރެވެ. އެމީހުންގެ ބަސް އަހައިގެން، ދޭ އިރުޝާދާއެކު ގޭގައި ތިބުމެވެ. ނަރުހުން ވެސް އާދޭހާއެކު އެ އެދެނީ ފަރުދީ ގޮތުން މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށެވެ. އެ ނަރުހުންނަށްވެސް އެމީހުންގެ ލޮބުވެތި އާއިލާ ގާތަށް، އެކުވެރީންނާއި ރައްޓެހީން ގާތަށް ދެވެން އޮތީ، ގައުމު އާންމު ހާލަތަކަށް އައިސްގެންނެވެ. އެހެން ނޫންމަ އެއްވެސް ވަރުބަލިކަމެއް ނެތި ނަރުހުން އެކުރާ މަސައްކަތް އިތުރު އެތައް ދުވަހަކަށް ދެމިގެން ދިއުމަކީ ދުރުގައި އޮތް ކަމެެއް ނޫނެވެ.

އެހެންކަމުން މިއަދަކީ ނަރުހުންގެ ދުވަސް ކަމަށްވާއިރު، އިންސާނީ ހިދުމަތުގައި، ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށްޓަކައި އެ ނަރުހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮށްދެވޭނެ އެންމެ މުނާސަބު ކަމަކީ އެމީހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، އެކަންކަމަށް ފުރިހައަށް ބޯލެނބުމެވެ. ނަރުހުންގެ 24 ގަޑިއިރު މިއަދު އެ ހޭދަކުރަނީ ކޮވިޑުގެ އާލަމީ ވަބާއިން ގައުމު ސަލާމަތް ކުރުމަށެވެ. އަހަރެމެން ގޭގައި ތިބި ނަމަވެސް އެ ނަރުހުންގެ ހުރިހާ ވަގުތެއް ހޭދަ އެކުރަނީ ކޮވިޑަށް ހުށަހެޅިފައިވާ މީހުންނާއި ކޮވިޑް ޖެހިފައިވާ މީހުންނާ އެންމެ ގާތުގައި އެމީހުންނަށް ފަރުވާ ކުރުމުގަ އެވެ. އެމީހުންގެ އަމިއްލަ ފުރާނައަށްވުރެ ގައުމުގެ ދިރުމަށް އިސްކަން ދީގެން އެ އަދާކުރަނީ އެންމެ މަތިވެރި އިންސާނީ ހިދުމަތުގެ ވާޖިބެވެ. އެހެން ކަމުން ނަރުހުންގެ ދުވަހު އަހަރެމެން ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ ގައުމަށްޓަކައި ތިބާގެ ފަރުދީ ޒިންމާ އަދާކޮށްދިނުމަށެވެ. ނަރުހުން އެމީހުންގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގައުމީ އިމްތިހާނުން ފާސްވެ ހިނިތުންވެގެން އަންނަ އިރު، އަހަރެމެން ކޮންމެ މީހަކުމެ ލިބިގަންނަންވީ ހިތްހަމަޖެހުމަކީ ގައުމަށްޓަކައި އަދާކޮށްދޭން ޖެހޭ ފަރުދީ ޒިންމާ އަދާކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުމެވެ.