ރިޕޯޓް

ކުޑަކުދިންގެ ދުވަހު ހުރަވީ ސްކޫލުން ދަރިވަރުން ހެއްވާލީ ތަފާތު ގޮތަކަށް

އަލީ ޔާމިން

1

ކޮންމެ އަހަރެއްގެ ކުޑަކުދިންގެ ދުވަސްވެސް ސްކޫލުތަކުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއެވެ. އެ ދުވަހަކީ އެކުދިންގެ ދުވަސްކަމުން އެކި ހަރަކާތްތައް ސްކޫލުގެ ޓީޗަރުންނާއި ބެލެވެރިން އިސްވެ ތިބެ ހިންގައެވެ. ނަމަވެސް މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވެގެން ދިޔައީ ފަޅުކަން ބޮޑު ދިރުމެއް ނެތް ކުޑަކުދިންގެ ދުވަހަކަށެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާއިރު، ކުޑަކުދިންގެ ދުވަސް އެންމެ އެކަށީގެންވާ ގޮތުގައި އެއްވެސް ސްކޫލަކަށް ފާހަގައެއް ނުކުރެވުނެވެ. ބައެއް ސްކޫލުތަކުން ވަނީ މިހާލަތުގައި ވެސް ގޭގައި ބަންދުވެފައި ތިބި ކުދިންގެ މޫނު މައްޗަށް ހިނިތުންވެސް ގެނެސްދީފައެވެ. އެގޮތުން ހުރަވީ ސްކޫލުގެ ޓީޗަރުންގެ ފަރާތުން ވަނީ ތަފާތު ވީޑިއޯތަކެއް ކުދިންނަށް ދޫކޮށްލައި، އެ ސްކޫލުގެ ކުދިން ހެއްވާލައި އުފާކޮށްދީފައެވެ.

ހުރަވީ ސްކޫލުން ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ފެށީ، ހާއްސަ ވީޑިއޯ މެސެޖަކުންނެވެ. އެ މެސެޖު ވަނީ އެރޭ 00:00 ގައި ސްކޫލުގެ ހުރިހާ ވައިބާ ގްރޫޕެއްގެ އިތުރުން އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ. އެދުވަހު 9:00 ޖެހިއިރު، ސްކޫލުގެ ޕްރިންސިޕަލް ވަނީ ޓުވިޓާ އާއި ފޭސްބުކް މެދުވެރިކޮށް ދަރިވަރުންނަށް ހާއްސަ މެސެޖެއް ދެއްވައިފައެވެ. ތިން މިނެޓުގެ އެ ވީޑިއޯ މެސެޖުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ވަނީ ދުވަހުގެ ތަހުނިޔާ ދަރިވަރުންނަށް ފޮނުއްވުމާއެކު އަގުހުރި ނަސޭހަތްކޮޅެއް ދެއްވައިފައެވެ.

ޕްރިންސިޕަލްގެ މެސެޖަށް ފަހު އެ ސްކޫލުގެ އެޑްމިން އަދި ސަޕޯޓް ސްޓާފުންވެސް ވަނީ ކުޑަކުދިންގެ ދުވަހަށް ހާއްސަ ވީޑިއޯއެއް ތައްޔާރުކޮށް ވައިބާ ގްރޫޕުތަކުގެ އިތުރުން އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ.

ހުރަވީ ސްކޫލުން ދަރިވަރުން އުފާކޮށްދިނުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ އެ ސްކޫލުގެ ޓީޗަރުންނެވެ. އެގޮތުން ކޮންމެ ގްރޭޑަކުން ވަކިވަކީން ވަނީ އެ ގްރޭޑެއްގެ ދަރިވަރުންނަށް ހާއްސަ ވީޑިއޯއެއް ތައްޔާރުކޮށް، ދުވަހުގެ ތަހުނިޔާ އެކުދިންނަށް ފޮނުވައިފައެވެ. އެކަމުގައި އެ ސްކޫލުގެ ހުރިހާ ޓީޗަރުންވެސް ބައިވެރިވެފައި ވެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ހުރަވީ ސްކޫލުގެ ލީޑިން ޓީޗަރަކު ވިދާޅުވީ، ކުޑަކުދިންގެ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަސް ކުރީން ފެށި ކަމަށެވެ. މި ހާލަތުގައި އެންމެ ބޮޑަށް އުނދަގޫވީ، ދުރުގައި ތިބެގެން ވީޑިއޯތައް ހަދަން ޖެހުމުން ކަމަށާއި، ނަމަވެސް އުނދަގޫތަކާއެކުވެސް ދަރިވަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދެވުނީތީ އުފާކުރައްވާ ކަމަށް ލީޑިން ޓީޗަރު ވިދާޅުވިއެވެ.

"މިއީ ހަފްތާއެއްހާ ދުވަހުގެ މަސައްކަތް. އަޅުގަނޑުމެން ވިސްނީ ދަރިވަރުން ދުރުގައި ތިއްބަސް އެކުދިން ހެއްވާލެވޭނީ ކޮން ގޮތަކަށްތޯ ބެލުމަށް. އެގޮތުގެ މަތިން އަޅުގަނޑުމެން ނިންމީ އެ ދުވަހުގެ އެޖެންޑާއެއް ކަނޑައަޅައި އޭގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް. އެގޮތުން ވީޑިއޯތައް ހަދައި، ދަރިވަރުންނަށް ދުވަހުގެ ތަހުނިޔާއާއި މެސެޖުތައް ފޮނުވުން ފަދަ ކަންކަން މި ކުރެވުނީ." އޭނާ ވިދާޅުވިއެވެ.

ބައެއް ގްރޭޑްތަކުން ވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާގައި ކޭކުވެސް އަޅައި، އެ ކޭކުތަކުގެ ވީޑިއޯއާއެކު ދުވަހުގެ ތަހުނިޔާ އެ ދަރިވަރުންނަށް ފޮނުވައިފައެވެ. ދުރުގައި ތިބެގެންވެސް ޓީޗަރުންނާއި، މުޅި ހުރަވީ ސްކޫލުގެ ހުރިހާ މުވައްޒަފުން އެކުރި މަސައްކަތް ދަރިވަރުން ބަލައިގަތީ ހިނިތުންވުމާއެކުގައެވެ.

ޓީޗަރުން ދަރިވަރުންނަށް ދިން ސަޕްރައިޒް ދަރިވަރުންނަށް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށް ބެލެނިވެރިން ބުނެއެވެ. އެގޮތުން ބައެއް ދަރިވަރުން، އެ ވީޑިއޯތައް ދެތިންހަތަރު ފަހަރުވެސް ބަލައިފައިވާކަން ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ.

ހުރަވީ ސްކޫލުން ކުޑަކުދިންގެ ހަރަކާތްތައް ނިންމާލީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު ޒުހުރުބާންގެ އަގުހުރި ނަސޭހަތުގެ ބަސްކޮޅަކުންނެވެ. ދުވަހުގެ ތަހުނިޔާ އަރިސްކޮށް ޑެޕިއުޓީ ޕްރިންސިޕަލް ދެއްކެވި ވާހަކައިގައި ވިދާޅުވީ ކުޑަކުދިންނާއި ދުރުގައި ތިބެން ޖެހޭތީ ހިތާމަކުރައްވާ ކަމަށާއި، ޓީޗަރުންގެ އުފަލަކީ ދަރިވަރުންގެ ހިތްހަމަޖެހުން ކަމަށެވެ. އަދި ގޭތެރޭގައި ތިބޭއިރުވެސް ކިޔެވުމުގައި މަސްއޫލުވެގެން އުޅުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ލޮކްޑައުންގެ މިހާލަތުގައި ވެސް ދަރިވަރުންނާ ގާތް ގުޅުމެއް ބޭއްވުމަށް ޓީޗަރުން ހާއްސަ އިސްކަމެއް ދެއެވެ. އަދި ދަރިވަރުންނާ އޮންނަ ގާތް ގުޅުން ކުއްލިއަކަށް ކެނޑިގެން ދިއުމުން، އެ ދަރިވަރުންގެ އިތުރުން ޓީޗަރުންގެ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އާދެއެވެ. އެކަން މިދުވަސްވަރު ސޯޝިއަލް މީޑިއާ ދިރާސާކޮށްލުމުންވެސް އެނގެއެވެ. ދަރިވަރުން މަތީން ހަނދާންވެ، އެކަމުން ވާ އުނދަގޫ ވަރަށް ގިނަ ޓީޗަރުން ވަނީ ސޯޝިއަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ. އަދި އެ ޓީޗަރުން ލޯބިވާ ދަރިވަރުންނާ ވީ އެންމެ އަވަހަކަށް ބައްދަލުވުމަކީ ހުރިހާ ޓީޗަރުންގެވެސް އެދުމެވެ.

ހުރަވީ ސްކޫލަކީ އަބަދުވެސް މިފަދަ މުނާސަބާތައް ވަރަށް ތަފާތުގޮތަކަށް ފާހަގަކުރާ ސްކޫލެކެވެ. އެ ސްކޫލުގައި ތިބި އުފެއްދުންތެެރި ޓީޗަރުންނާއި، ސީނިއާ މެނޭޖުމެންޓާއި ސަޕޯޓް ސްޓާފުން ވަނީ މިފަދަ ކޮންމެ މުނާސަބާއެއްވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ފާހަގަކޮށް ދަރިވަރުންގެ މޫނަށް އުޖާލާކަން ގެނެސްދީފައެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ މަހުގެ 10 ވަނަ ދުވަހެވެ.

ހުރަވީ ސްކޫލުން ކުޑަކުދިންގެ ދުވަހު ހެދި ބައެއް ވީޑިއޯތައް--