ޚަބަރު

ރާއްޖޭގެ ހިރިގަލު މިސްކިތްތަކަށް ހާއްސަ ވެބްސައިޓެއް

އައިދާ އަބްދުލް ހަކީމް

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށާއި، އެމިސްކިތަކުގެ މުހިންމުކަން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ވެބްސައިޓެއް ގާއިމުކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީއާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައިބުނީ މި ވެބްސައިޓަކީ ވިލާތުގެ އިއްތިހާދުގެ އެހީއާއި، ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒާއި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ އެއްބާރުލުމާއި އެކު، ދިވެހި އާކިޓެކްޓް އަދި ހިރިގަލުގެ މިސްކިތްތަކާބެހޭ ތަޖުރިބާކާރެއްކަމުގައިވާ މައުރޫފް ޖަމީލް ތައްޔާރުކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އަދި ވެބްސައިޓް ޑިވެލޮޕްކޮށްފައިވަނީ މުއައްވިޒް ޔޫސުފް ކަމަށެވެ.

އިއްޔެ އާންމު ކުރި ވެބްސައިޓްގެ ވެބްއެޑްރެހަކީ www.coralstonsmosques.com ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އިއްޔެ ބޭއްވި އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ވިލާތުގެ އިއްތިހާދުގެ ފަރާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަހާސިރި ޗައިބީއެވެ.

ހިރިގަލުގެ މިސްކިތްތަކަކީ ސަގާފީގޮތުންނާއި އާކިޓެކްޗާގެ ގޮތުންވެސް ތަފާތު ހާއްސަ ސިފަތަކެއް އެކުލެވިގެންވާ މިސްކިތްތަކެއްކަމަށާއި އެހެންކަމުން އެއީ ދިވެހިންގެ ރީތި ހިރިގަލުގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތާއި ކެލިގްރަފީގެ ފަންނު ފެނިގެންދާ މިސްކިތެއް ކަމަށެވެ.