މިނިސްޓަރު އިމްރާން އަބްދުﷲ

ކޮވިޑް ކޮންޓްރޯލުކުރުމުގައި ހުރިހާ ގައުމަކަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީން: ހޯމް މިނިސްޓަރު

އިބްރާހިމް ޒަކީ

ކޮވިޑް ކޮންޓްރޯލުކުރުމުގައި ހުރިހާ ގައުމަކަށްވެސް ކުރިމަތި ވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެގައުމު ތަކުގައި ދިރިއުޅޭ ބިދޭސީން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ދިވެހި ރައްޔިތުންނާއި މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިީންގެ ކަންކަން ހައްލު ކުރުމަށް، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަންޖެހިފައިވާ ސަބަބަކީ، "މި ބަލި ދުނިޔޭގެ ހުރިހާތަނެއްގައި ފެތުރެމުންދާއިރު ވެސް އެންމެ އުނދަގޫ އެއް ކަމަކަށްވަނީ ބިދޭސީ މަސައްކަތްތެރިންގެ ކޮމިއުނިޓީ މެނޭޖްކުރުން،" ކަމަށް ވާތީ ކަމަށެވެ.

ބިދޭސީ މަސައްކަތެރިން ދިރިއުޅޭ ދަތި ހާލާއި، ތިބޭ ތަންތަނާއި، އެމީހުންގެ ދިރިއުޅުމުގެ ވައްޓާފާޅިއާއި އުޅެން ޖެހިފައިވާ ގޮތާއި އެކަންތައްތައް އިންތިޒާމުކުރެވިފައި ހުންނަ ގޮތުން އެފަދަ ކޮމިއުނިޓީތަކުގެ ތެރޭގައި ބާރު މިނުގައި ބަލި ފެތިރިގެންދާތީ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން މި ކޮމިއުނިޓީގެ ވޮނަރަބަލިޓީ އޮތްލެއް ބޮޑުކަމުން އަޅުގަނޑުމެން، އެކަމުން ސަލާމަތް ވުމަށް އެޅެން ހުރި ގިނަ ފިޔަވަޅުތަކެއް މިދަަނީ އަޅަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމަށް އެކި ފެސިލީތަކަށް ގެންދެވޭ ބިދޭސީން އެތަންތަނަށް ބަދަލު ކުރަމުންދާއިރު، 24 ތަނެއް މިހާރުވެސް ކޯޑަން ކުރެވިގެން ބަލަހައްޓަމުން އަންނަ ކަމަށެވެ. އެތަންތަނުގައި ދޮޅު ހާހެއްހާ ބިދޭސީން އުޅެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަންކަމުގައި ބިދޭސީން ގެންގުޅޭ ބޮޑެތި ކުންފުނިތަކުންވެސް އެހީތެރިވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ، ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ ދުވަސްތަކަކަށްވާތީ ބިދޭސީން ގަވައިދަށް އެޅުވުމަށް މަސައްކަތް ކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.