އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 62

އަބްދުﷲ ފާރޫގް ހަސަން

2

(9 މެއި ގެ އަދަދާ ގުޅޭ)

ފަރަޚުޒާދު އެ އަސަރުގަދަ އަޑުފުޅު އައްސަވާން ހުންނެވިއެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާގެ ދޫފުޅުގައިވަނީ ތަޅުލެވިފައެވެ. އޭނާ އެނބުރި ވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް އެ ޖާދުވީ ހިނިފުޅުވެޑުވުމުގެ އަޑު ވަނީ އޭނާގެ ފައިންޕުޅުގައި ހިލިހިލާ އަޅުވައިފައެވެ. ކުއްލިޔަކަށް އެ ހިނިފުޅުވެޑުވުމުގެ އަޑު ކެނޑިއްޖެއެވެ. ފަރަޚުޒާދު ތުރުތުރުއަޅާ އަތްޕުޅަކުން ފަރުދާ ކައްސަވައިލެއްވިއެވެ. ބޭރުން އާތިޝްކަދާއަށް ވަދެވޭ މަގެކޭ އެއްގޮތަށް ގަނޑުވަރުގެ ތެރެއިން އާތިޝްކަދާއަށް ސީދާ ވަދެވޭ މަގުވެސްވަނީ ކާފޫރުގެ ބައްތިތަކުން ހުޅުދާންވެފައެވެ. އާޒަރުމިދުޚުތު ތަންކޮޅެއް ދުރުގައި ބައްލަވާން ހުންނެވިއެވެ. ފަރަޚުޒާދު އެތަކެއްހާސް އާދޭސްތަކެއް އެކުލެވިފައިވާ ބެއްލެވުމަކުން އާޒަރުމީދުޚުތުގެ މޫނުފުޅަށް ބައްލަވަމުން ކުރިޔަށް ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "އާޒަރުމިދުޚުތު! މަޑުކުރައްވަ ބައްލަވާށެވެ!"

އާޒަރުމީދުޚުތު އެކަމަނާގެ މޫނުފުޅު އަނެއްފަރާތަށް އަނބުރައިލެއްވިއެވެ.

މިވަގުތު އަޅުގަނޑު މިތާނގައި އުޅޭކަން ކަމަނާއަށް އެނގިވަޑައިގެންފައި އޮތީތޯއެވެ. އަނެއްކާ މައުބަދު އަޅުގަނޑާ ސަމާސާ ކުރެއްވީ ކަމުގައި ވެދާނެތޯއެވެ؟ އީރާނުގެ މަލަކާއެވެ. އަޅުގަނޑާ ދިމާޔަށް ބައްލަވަ ބައްލަވާށެވެ. އަޅުގަނޑަށް ޖަވާބު ދެއްވަބައްލަވާށެވެ!"

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "މަނިކުފާނު މިވަގުތު މިތާ އުޅުއްވާނެކަމާއި، އަޅުގަނޑު ފެނިވަޑައިގެންނެވުމުން ތިޔަހައި ކަންބޮޑުވެވަޑައިގަންނަވާނެކަން އެނގުނުނަމަކަ އަޅުގަނޑު މިތަނަށް އައުމުގެ ގޯހެއް ނެހެދީމުހެވެ."

ފަރަޚުޒާދު ނާކާމިޔާބުވެވަޑައިގެންފިކަން ޤަބޫލުކުރައްވާ ގޮތެއްގައި ވިދާޅުވިއެވެ.

"އާޒަރެވެ! ކަމަނާ ގޯހެއް ނަހައްދަވަމުއެވެ. އަޅުގަނޑު ކަންބޮޑެއްވެސް ނުވަމެވެ."

"އެކަމަކު މަނިކުފާނުގެ މޫނުފުޅު ހެކިދެނީ އަޅުގަނޑު ފެނިވަޑައިގަތުމުން މަނިކުފާނު އުފާފުޅެއް ނުވާކަމުގައެވެ."

"ކަމަނާގެ ބެއްލެވުން އަޅުގަނޑުގެ ހިތުގެ އަޑިޔާ ހަމަޔަށް ފޯރާނެނަމައެވެ."

"މަނިކުފާނުގެ ހިތްޕުޅުގެ ހާލުކޮޅު އަޅުގަނޑަށް އެނގޭނީ މާދަމާ މަނިކުފާނުގެ ނިންމެވުން ދަރުބާރުގައި އިޢުލާންކުރައްވާ ވަގުތުގައެވެ."

"ދަރުބާރުގައި އޮންނާނީ އަޅުގަނޑުގެ ބުއްދީގެ އިމްތިހާނެކެވެ."

"ފަހަރެއްގައި މަނިކުފާނުގެ ބުއްދިފުޅު މަނިކުފާނުގެ ހިތްޕުޅާ ބައިވެރިވެވަޑައިނުގެންފާނެތީ ބިރުފުޅުގެން ވަޑައިގަންނަވަނީތޯއެވެ؟"

"ތިޔަހެންވެސް ވެދާނެއެވެ. އެކަމަކު .............."

އާޒަރުމީދުޚުތު ފަރަޚުޒާދުގެ ވާހަކަފުޅު މެދުކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ. "އެކަމަކު މިހާރު މަނިކުފާނުގެ ހިތްޕުޅު ވަނީ އަޅުގަނޑާ އެކުގައެވެ."

"ނޫނެކެވެ. މިވަގުތު އަޅުގަނޑަށް ބުނެވޭ އެއްޗެއްވެސް ބުނަން ބޭނުންވާ އެއްޗެއްވެސް އަޅުގަނޑަކަށެއް ނޭނގެއެވެ."

"މަނިކުފާނު އަޅުގަނޑަކީ އީރާނުގެ މަލަކާއެވެ ވިދާޅުވެއްޖައީމުއެވެ. މާދަމާ މަނިކުފާނުގެ ބުއްދިފުޅު މަނިކުފާނުގެ މަގަށް ހުރަސްނާޅައިފިނަމަ އީރާނުގެ މަލަކާ އިންނަވާ ގަނޑުވަރުގެ ދޮރުކޮޅުތައް މަނިކުފާނަށްޓަކައި އަބަދުވެސް ހުންނާނީ ހުޅުވިފައެވެ. ދެން މަނިކުފާނު ވަޑައިގެން އަރާމުކުރައްވާށެވެ. އަޅުގަނޑަށް މާބޮޑަށް ލަސްވަނީއެވެ."

އާޒަރުމީދުޚުތު ފަރަޚުޒާދުގެ ޖަވާބަކަށް އިންތިޒާރު ކުރެއްވުމެއްނެތި އެތެރެޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ފަރަޚުޒާދު ހިނދުކޮޅަކު މަޑުކޮށްލެއްވުމަށްފަހު ދުވެވަޑައިގެންފައި ވަޑައިގެން އާޒަރުމީދުޚުތުގެ މުލައްދަނޑިފުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "އާޒަރު، މަޑުކުރައްވާށެވެ! ކަމަނާ ތިޔަ ވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟

"މިއީ ކޮއިލުގެ އެތެރޭގެ ގަނޑުވަރުތަކަށް ދެވޭ މަގެވެ. ޝާހީ ޢާއިލާގެ މެމްބަރުން ފިޔަވައި އެހެންމީހަކަށް މިމަގުން އެތެރެޔަށް ފިޔަވަޅެއް އެޅުމުގެ ހުއްދައެއް ނޯންނާނެއެވެ. ދެން މަނިކުފާނު ވަޑައިގަންނަވާށެވެ. އަޅުގަނޑު އެބަ ބިރުގަނެއެވެ."

"އަޅުގަނޑު ދެކެތޯއެވެ؟"

"ނޫނެކެވެ. އަޅުގަނޑު ބިރުގަންނަނީ ހަމައެކަނި އަޅުގަނޑުގެ ދުޝްމިނުންގެ ޖާސޫސުން ދެކެއެވެ. އަޅުގަނޑުމެން ދެމީހުން މިތާނގައި ތިބިކަން އެބައިމީހުންނަށް އެނގިއްޖެނަމަ ޝާހުޕޫރަށާއި ޕޫރާންދުޚުތަށް ޚަބަރުދޭނެއެވެ. އޭރުން މިހުރިހާ ކަމެއް ގޯސްކޮށްލާނެއެވެ."

ފަރަޚުޒާދު އާޒަރުމީދުޚުތަށްވުރެ ބޮޑަށް އޭނާގެ އަމިއްލަފުޅު ނަފްސަށް ތަސައްލީ ދެއްވަން މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑާމެދު މީހަކު ޝައްކުކޮށްފިނަމަ އަޅުގަނޑަށް ބުނެވިދާނެއެވެ. އަޅުގަނޑު މިތަނަށް އައީ އަމިއްލަ އިޚްތިޔާރުގައެވެ. ކަމަނާއަށްވެސް އިއްތިފާޤުން މިތަނަށް ވަޑައިގެންނެވުނީއެވެ."

"އެބޭފުޅުން މަނިކުފާނުގެ ވާހަކަފުޅަށް އިތުބާރު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އަޅުގަނޑަކަށް އިތުބާރެއް ނުކުރައްވާނެއެވެ."

އާޒަރުމީދުޚުތު އޭނާގެ އަތްޕުޅު ވީއްލުވައިގެން ކުރިޔަށް ވަޑައިގެންފިއެވެ. އޭނާ ބަންދުކޮށްފައިހުރި ދޮރުގައި ތިންފަހަރަށް ޓަކިޖައްސަވައިފިއެވެ. ކުޑައިކޮށް ދޭތެރެ ލަސްކުރެއްވުމާއެކުގައެވެ. ދޮރުގައި ބޭރުން އަޅުވައިފައިހުރި ޗޭނު ނައްޓާ އަޑު އިވިއްޖެއެވެ. ހަމައެއާއެކު ދޮރުފަތުގެ ދެފަޅި އެއްފަހަރާ ހުޅުވިއްޖެއެވެ. އާޒަރުމީދުޚުތު އޮޅިގަނޑުން ބޭރަށް ފައިންޕުޅު އެޅުއްވުމާއެކު ފަހަތަށް ޖެހިވަޑައިގެންފިއެވެ. އޭނާ ބިރުފުޅުން ހުންނަވައި ފަރަޚުޒާދާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ހަމައެއާއެކު ހަމަޖެހިވަޑައިގަންނަވާން މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "އެބޭފުޅުން ކުރިމަތީގައި އެބަތިއްބެވިއެވެ. މަނިކުފާނު އަނެއް މަގުން ބޭރަށް ނިކުމެވަޑައިގަންނަވާށެވެ." ނަމަވެސް ފަރަޚުޒާދު އެހުންނެވިތާނގައި ގުޑައިވެސް ނުލައްވައި ހުންނެވިއެވެ. އޭނާ ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ދިރިހުއްޓައެއް ކަމަނާގެ އިސްތަށިފުޅުގެ އެންމެ އިސްތައްޓެއްވެސް ބޭކާރުކޮށެއް ނުލެވޭނެއެވެ."

ޝާހުޕޫރާއި ޕޫރާންދުޚުތު އެތެރެޔަށް ވެދެވަޑައިގެންފިއެވެ. އެބޭފުޅުންގެ އަރިހުގައި އައި ހަތިޔާރުއެޅި ސިފައިންގެ ހަތަރުމީހުން ދޮރުމަތީގައި ހުއްޓިއްޖެއެވެ. އެމީހުން ކަންބޮޑުވެފައި އިރުކޮޅެއްވަންދެން ފަރަޚުޒާދާއި އާޒަރުމީދުޚުތާ ދިމާޔަށް ބަލަންތިއްބެވެ. ޝާހްޕޫރު އަމުރުވެރި ރާގުގައި ވިދާޅުވިއެވެ. "އާޒަރު! ގަނޑުވަރަށް ވަޑައިގަންނަވާށެވެ!"

އާޒަރުމީދުޚުތު ދެރަފުޅުވުމުގެ ބަދަލުގައި އިސްއުފުލައިލައްވައި ޝާހުޕޫރާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު ޕޫރާންދުޚުތާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "މިތާނގައިވެސް ކަމަނާގެ ޖާސޫސުން އަޅުގަނޑުގެ ފަހަތުން ފާރަލާނެކަމެއް ނުދެނެހުރީމެވެ."

ޕޫރާންދުޚުތު ނުރުހުންވެވަޑައިގެން ވިދާޅުވިއެވެ. "އާޒަރެވެ! ލަދުފުޅުގެން ވަޑައެއް ނުގަންނަވަމުތޯއެވެ؟"

ފަރަޚުޒާދު ޝާހުޕޫރާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. އަޅުގަނޑު ދުޢާކޮށްލަން އައީއެވެ. މިވަގުތު އާތިޝްކަދާގައި އެހެންމީހަކު ހުންނާނެކަމަކަށް އެނގިފައެއް ނެތެވެ. އަޅުގަނޑު ފެނިވަޑައިގަތުމުން މީނާ ދުވެވަޑައިގަންނަވާން ފެއްޓެވުމުން އަޅުގަނޑުވެސް ޝައްކު ފިލުވުމަށްޓަކައި މީނާގެ ފަހަތްޕުޅުން ފަހައި އައީއެވެ."

"މިހާރު މަނިކުފާނުގެ ޝައްކު ފިލައިފާނެއެވެ."

"އާދޭހެވެ. މިހާރު އަޅުގަނޑަށްވެސް މިއީ އާޒަރުމީދުޚުތުކަން އެނގިއްޖެއެވެ."

ޝާހުޕޫރު ޕޫރާންދުޚުތާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އާޒަރު ގޮވައިގެން ވަޑައިގަންނަވާށެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "އަޅުގަނޑާ ބެހޭގޮތުން ވާހަކަފުޅެއް ދައްކަވާނަމަ އަޅުގަނޑު މިތާނގައި ހުންނާނަމެވެ."

ފަރަޚުޒާދު ވިދާޅުވިއެވެ. "ނޫނެކެވެ. ކަމަނާ ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ ކުރިމަތީގައި އެއްވެސް މީހަކަށް ކަމަނާއާ ބެހޭގޮތުން އިހާނެތި ވާހަކައެއް ދެއްކުނަ ނުދިނުމުގެ ޒިންމާއާ އަޅުގަނޑު ހަވާލުވަމެވެ. ކަމަނާ ދުވެވަޑައިގެންނެވުމުގެ ކުރީން ކަމަނާގެ ނަންފުޅު ވިދާޅުވިނަމަކަ އަޅުގަނޑު ކަމަނާގެ ފަހަތްޕުޅަކުން ނައީމުހެވެ. އަޅުގަނޑަށް ކުރެވުނު ކުށަށް މާފުއެދެމެވެ."

"އާޒަރު! ވަޑައިގަންނަވާށެވެ!" ޕޫރާންދުޚުތު ތަންކޮޅެއް މައިތިރި ރާގެއްގައި ވިދާޅުވިއެވެ. އާޒަރުމީދުޚުތުވެސް އިތުރު އެއްޗެކޭ ވިދާޅުނުވެ ޕޫރާންދުޚުތުގެ ފަހަތްޕުޅުން ނިކުމެވަޑައިގެންފިއެވެ. ޝާހުޕޫރު ހަތިޔާރުއެޅި ސިފައިންނާ ދިމާޔަށް ބައްލަވައިލައްވައިފައި އަތްޕުޅުން އިޝާރަތްކޮށްލެއްވުމުން އެމީހުންވެސް އެނބުރި ހިނގައްޖެއެވެ.

ޝާހޫޕޫރު އިރުކޮޅެއްވަންދެން ފަރަޚުޒާދާ ދިމާޔަށް ބައްލަވަން ހުންނެވިއެވެ. އިރުކޮޅަކުން އޭނާ ވިދާޅުވިއެވެ. "މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. ގަނޑުވަރުތެރޭގައި އާޒަރުމީދުޚުތު ރައްކާތެރިކުރުމަކީ އަޅުގަނޑުގެ އެންމެ އިސް މަސްއޫލިއްޔަތެވެ. ޚާއްޞަކޮށް އެކަމަނާ ރަސްކަމުގެ އުމީދާރަކަށް ވެވަޑައިގެން އަޅުގަނޑާ ވާދަކުރައްވާން ފެއްޓެވި ހިސާބަކުން އަޅުގަނޑުގެ ޒިންމާވަނީ ވަކީން ބޮޑުވެފައެވެ. އޭނާއަށް ޙާދިޘާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިނަމަ ދައުލަތުގެ ބޮޑުން އަޅުގަނޑަކަށް މާފެއް ނުކުރައްވާނެއެވެ. އޭނާ އިންނަވާ ގަނޑުވަރުގައި ވަޑައިގެން ނެތިގެން އަޅުގަނޑުމެން އޭނާ ހޯދާތާ ލައްކައިރު ވެއްޖެއެވެ."

"މަނިކުފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަނބަލުންނާމެދު ތިޔަހައިބޮޑަށް ސަމާލުކަން ބަހައްޓަވާތީ އަޅުގަނޑު ވަރަށް އުފާވެއްޖެއެވެ. ޚާއްޞަކޮށް ތަޚުތު ހޯއްދަވަން އޭނާ މަނިކުފާނާ ވާދަކުރައްވާއިރުއެވެ."

ޝާހުޕޫރު ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ ބޮޑުބޭބޭފުޅުގެ ދަރިކަނބަލުން ވަރަށް ރީތިފުޅެވެ. އެކަމަނާ ވަރަށް ބޮޑާފުޅެވެ. ޚުޝާމަދުކުރާ ނޯކަރުންނާއި ޚާދިމާއިން އޭނާގެ ހިތްޕުޅުގައި ރަނިކަނބަލަކަށް ވެވަޑައިގެންނެވުމުގެ ޝައުޤު އުފެއްދުމަކީ އަޅުގަނޑު ރުޅިއަންނާންޖެހޭ ކަމެއްނޫނެވެ. މިއީ ރަސްކަމުގެ ގަނޑުވަރުތެރޭގައި ވަރަށް އާއްމުކަމެކެވެ. ކޮންމެ ކަނީޒެއްގެވެސް ހިތުގައި ޝެހެޒާދީއަކަށްވުމުގެ ދަހިވެތިކަން އުފެދުމާއި ކޮންމެ ޝެހެޒާދީއެއްގެ ހިތްޕުޅުގައި މަލަކާއަކަށް ވެވަޑައިގަތުމުގެ ޝައުޤު އުފެދުމަކީ އައުކަމެއްނޫނެވެ. މަނިކުފާނަށް އޭނާއާ ވާހަކަ ދެއްކެވުމުގެ ފުރުޞަތު ލިބިވަޑައިނުގެންނެވީތީ އަޅުގަނޑު ހިތާމަކުރަމެވެ. އެހެންނޫންނަމަ އޭނާއަށް ހެޔޮވިސްނުންފުޅެއް ލިބިވަޑައިގެންނެވުމަކީވެސް ދުރުކަމެއް ނޫނެވެ."

ފަރަޚުޒާދު ކުޑައިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "މަނިކުފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަނބަލުންގެ އިސްތަށިފުޅުގައި އީރާނުގެ ތާޖު އަޅުވައިފިނަމަ އެކަމަނާ މަނިކުފާނާމެދު ބަހައްޓަވަނީ ކޮންކަހަލަ ސުލޫކެއްކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. ނަމަވެސް މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެކަމަނާއަކީ ދުޝްމިނެއްކަމުގައި ނުބައްލަވާނެކަމުގައި އަޅުގަނޑުގެ ގާތުގައި ވަޢުދުވެވަޑައިގެންނެވުން އެދެމެވެ."

ޝާހުޕޫރު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު އީރާނުގެ ވެރިޔަކަށް ވެއްޖެނަމަ އަޅުގަނޑުގެ އެންމެ އިސް އެދުމަކަށްވާނީ އާޒަރުމީދުޚުތަށް ފިރިކަލަކު ހޯދައިދިނުމެވެ. އެކަމަނާގެ ޤަދަރު ދެނެވަޑައިގެން އެކަމަނާގެ އަގުވަޒަންކުރައްވާނެ ފިރިކަލެކެވެ. ކިސްރާގެ ބޮޑުބޭބޭފުޅުގެ ދަރިކަނބަލުންގެ އިތުރަށް އީރާނުގެ އެންމެރީތި އަންހެންކުއްޖާގެ ޙައިޘިއްޔަތުން އެކަމަނާއަށް ލިބިވަޑައިގަތުން ޙައްޤު މަޤާމު ލިބިވަޑައިނުގެންނެވިކަން އިޙްސާސްވެވަޑައިގެންނެވިޔަ ނުދެއްވާނެފަދަ ފިރިކަލެކެވެ."

ފަރަޚުޒާދު އޭނާގެ ހިތްޕުޅުގެ ވިންދުގެ މައްޗަށް ބާރު ފޯރުއްވަވަމުން ވިދާޅުވިއެވެ. "މަނިކުފާނު ވަރަށް ދީލަތިފުޅެވެ. ދީލަތިފުޅުކަމަކީ ރަނގަޅު ރަސްކަލެއްގެ އެންމެ އިސް ޝަރުޠެވެ."

(ނުނިމޭ)