ކުޅިވަރު

ލީގްގެ މައްސަލައިގައި ކުލަބުތައް ހިޔާލު ތަފާތު ވެއްޖެ

އައިދާ އަބްދުލް ހަކީމް

އިނގެރޭސި ސަރުކާރުގެ ހުއްދަ ޕްރިމިއަ ލީގު ފަށަން ލިބިފައިވީ ނަމަވެސް ލީގު ކުރިއަށް ގެންދާނެ ގޮތަކާ މެދު ކުލަބުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.

ކޮވިޑް 19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕްރިމިއާ ލީގުން ވިސްނާފައި ވަނީ ހަމައެކަނި އަށެއް ނުވަތަ 10 ސްޓޭޑިއަމްގައި މެޗުތައް ކުޅޭގޮތަށެވެ. އޭގެ ތެރޭގައި ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް ވެސް ހިމެނެ އެވެ. އޭގެ ސަބަބުން ކުލަބުތަކުގެ ހޯމް މެޗުތައް ވެސް އަމިއްލަ ދަނޑުގައި ކުޅެން ފުރުސަތު ނުލިބޭނެތީ ބައެއް ކުލަބުތަކުން ވަނީ އެ ހިޔާލާ ދެކޮޅުކަން އިއުލާން ކޮށްފަ އެވެ.

އެގޮތުން އެސްޓޮން ވިލާ އާއި ބްރައިޓޮން ހޯވް އެލްބިއޯން، ނޯވިޗް ސިޓީ އަދި ވަޓްފޯޑުން ވަނީ އެކަމާ ދެކޮޅުކަން ހާމަ ކޮށްފައެވެ. ލީގް އަލުން ފެށިނަމަވެސް މެޗުތައް ކުޅެން ޖެހޭނީ، ސަޕޯޓަރުން ނުވައްދަ އެވެ.

ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން އުވާލަން ކުރާ މަސައްކަތުގެ ދަށުން އަމަލު ކުރާނެ މަގުޗާޓެއް، އިނގެރޭސި ގާނޫނު ހަދާ މަޖުލީހަށް އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު ހުށަހައްޅުވާނެ އެވެ. އެ މަގުޗާޓް ގައި ކުޅިވަރު މުބާރާތްތައް އަލުން ފެށުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން ވެސް ވަނީ އުސޫލުތައް އެކުލަވާލަައިފަ އެވެ. އެކަން މަޖުލީހުގައި މަޝްވަރާ ކުރުމަށް ފަހު މާދަމާ އާންމު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު، ޕްރިމިއާ ލީގްވެސް އަންނަ މަހުގެ މެދުތެރޭގައި ފެށުމުގެ ހުއްދަ ލިބޭނެ އެވެ. ލީގް ފެށުމާމެދު ސަރުކާރުން ފެހި ސިގުނަލް ލިބުނު ނަމަވެސް ކުލަބުތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ހިޔާލު ތަފާތު ވުމަކީ ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމެވެ.

"އަހަރެމެންނަށްވެސް އެނގޭ ސަޕޯޓަރުން ނެތިކަން ކުޅެން ޖެހޭނީ އެހެން ނަމަވެސް ބާކީ ހުރި މެޗުތައް އަހަރެމެންގެ ހޯމް ސްޓޭޑިއަމްގައި ނުކުޅެވުމުގެ މާނައަކީ، އަހަރެމެންގެ ދަނޑަށް އަހަރެމެން ފަރިތަ ވުމުގެ އެޑްވާންޓޭޖު ނިގުޅައިގަތީ އޭ، މިއީ ކޮރޯނާ ވައިރަސް އާ ގުޅިގެން ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވާ މީހުންގެ ކަންކަން ތަޖުރިބާ ކުރި ކުޅުންތެރިންނާ ދެކޮޅަށް ކުރެވޭ ކަމެއް." ވަޓްފޯޑްގެ ޗީފް އެގްޒެކެޓިވް ސްކޮޓް ޑަގްސްބަރީ ދަ ޓައިމްސް އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އިނގެރޭސި ޕްރިމިއަ ލީގުގައި ކުޅޭ ޓީމުތަކުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން ބްރައިޓޮން ހޯވްގެ ތިން ވަނަ ކުޅުންތެރިޔަކަށް ވަނީ ބަލި ޖެހިފައެވެ. ނަމަވެސް ކުރިން އެ ޓީމުގައި ވައިރަސް ޖެހުނު ދެ ކުޅުންތެރިން މިހާރު ވަނީ އެބަލިން ރަނގަޅު ވެފަ އެވެ.