ވާހަކަ

ދެކިލަން އެދޭތީ - 07

3

ތިރީސް ވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު ޓެކްސީ ގޮސް އޭގެ މަންޒިލަށް މަޑުކޮށްލިއެވެ. ޓެކްސީއަށް ފައިސާ ދައްކަމުން ދެއެކުވެރީން ވެސް ކާރުން ފޭބިއެވެ.

ވަށައިގެންވި މާހައުލަށް އީވާއަށް ނަޒަރު ހިންގާލެވުނެވެ. މޫނުގައި އައިސް ބީހިލި ފިނި ރޯޅިއާއެކު އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނައާ ބައްދަލުކުރި މާހައުލަށް ކުދިކުދި ބަދަލުތައް އައިސްފައި ވިޔަސް ބީރައްޓެހިކަމުގެ އިހުސާސެއް ނުކުރެވުނެވެ. މަގުގެ ދެފަރާތުގައި ހުރި ބާރޗް އަދި އޯކް ގަސްތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓްތަކުން ފެށިގެން ގޮސް ކައިރީގައި އޮތްނަ ބޮޑު ޕާކަށް ވެސް ބަދަލެއް އައިސްފައި ވާހެނެއް ހިޔެއް ނުވެއެވެ. ބަދަލުތައް އައިސްފައި ވަނީ އޭނައާއި ރައުހާ ކުރިން އުޅުނު އިމާރާތަށެވެ. ކުރިއަށް ވުރެން އިމާރާތް އުސްވެ ބޮޑުކަމަށް ދައްކައެވެ. ހާމައަށް އޮތް އުޑާއި ހަމައަށް ވާސިލުވާން މަސައްކަތްކުރާ ކަހަލައެވެ. އީވާ އިސްއުފުލާލަމުން އެއިމާރާތަށް ބަލައިލިއެވެ. އޭނަގެ ތުންފަތުގައި ފުން ހިނިތުންވުމެއް ކުޅެލަމުން ދިޔަ އެވެ.

ކާރުގެ ޑިކީން ލަގެޖްތައް ނަގައި ދުވާރުމަތީގައި ޑްރައިވަރު ބެހެއްޓުމުން، ޑްރައިވަރަށް ރައުހާ ޝުކުރު އަދާކޮށްލިއެވެ. ހިތްހެޔޮ ހިނިތުންވުމެއް ދެމުން ޑްރައިވަރު ކާރަށް އެރީ ބާއްޖަވެރި ދުވަހަކަށް އެދެމުންނެވެ. އޭނަގެ އަޑުގެ ދަށުން ރައުހާ ވެސް އެޖުމްލަ ތަކުރާރުކޮށްލިއެވެ.

''ކިހިނެއްވެފަ ތިހުންނަނީ؟'' ހުއްޓުން އަރާފައި ހުރި އީވާއަށް ބަލައިލަމުން ރައުހާ ވާހަކަދެއްކިއެވެ. އީވާގެ ފޮށީގެ އަތްގަނޑުގައި ހިފާ ދަމަމުން ކުރިމަތިން ފެންނަން ހުރި އިމާރާތުގެ މައި ދޮރާ ދިމާއަށް ރައުހާ ހިނގައިގަތެވެ. ދޮރު ކައިރިއަށް ހުއްޓެމުން ސެކިއުރިޓީ ކޯޑް ޖަހާލިއެވެ.

''ހީވަނީ މީގެ ހައަހަރު ކުރީގެ ހަނދާންތައް އާވާހެން...'' ރައުހާގެ ފަހަތުން ހިނގައިގަންނަމުން އީވާ ބުންޏެވެ. ''މިހާރު ވަންނަ ދޮރުގައި ވެސް ސެކިއުރިޓީ ޕާސްވޯޑެއް ޖަހަން ޖެހޭތަ؟''

''އަސްލު ވެސްދޯ، މި ނެއިބާރހޫޑް ރީޑިވެލޮޕްމެންޓަކަށް ނުދޭ... އެހެންވެ ހޯމް ފީލިންގްއެއް ހުންނަނީ... ހެހެހެ، މިހާރު މީހުން ވަރަށް ބިރުގަންނަ ޒަމާނެއްނު، އެހެންވެ ރައްކާތެރިކަމަށް ކުރިކަމެކޯމީ، ދެން ސެކިއުރިޓީ ގާރޑެއް ވެސް އުޅޭނެ، އޭނައަށް ޖެހޭނެ ފާޑެއްގެ ޕާސްއެއް ވެސް ދައްކަން....'' އައިސްފައިވި ބަދަލުތައް އީވާއަށް އޮޅުން ފިލުވައިދެމުން ރައުހާ މިސްރާބުޖެހީ ލިފްޓާއި ދިމާއަށެވެ. އެދިޔަ މަގުމަތީގައި ލިފްޓް ކައިރީ ހުންނަ ސެކިއުރީ ޕޯސްޓް ކައިރިއަށް އޭނަ ހުއްޓުނެވެ.

''އެހެންތަ؟...'' އީވާ ބުމަ އަރުވާލިއެވެ.

''ހޭއި ޖޯޖް، މީޓް އީވާ، މައި ނިއު ރޫމްމޭޓް...'' ސެކިއުރިޓީއަކަށް އުޅުނު ހަށިގަނޑުން ބިޔަ ފިރިހެން މީހާއަށް އީވާ ތައާރަފްކޮށްދެމުން ރައުހާ ބުނެލިއެވެ. ސޭންޑްވިޗެއް ކާން އުޅުނު ޖޯޖް އޭނަގެ ތުންފަތުގައި ހުރި ސޯސް ޓިޝޫ ކޮޅަކުން ފޮހެލަމުން އީވާއަށް ހިނިތުންވެލިއެވެ.

''ހެލޯ ދެއާރ!، ނައިސް ޓު މީޓް ޔޫ...'' ސަލާމްކުރަން އަތްދިއްކޮށްލަމުން ޖޯޖް ބުންޏެވެ. އޭނަގެ މޫނުމަތިން ހިތްހެޔޮކަން ފާޅުވެއެވެ. އީވާ ވެސް ހިނިތުންވުމަކާއެކު ޖޯޖްގެ އަތުގައި ހިފިއެވެ. އަލަށް އަންނަ މީހުން ކަންތައް ކުރަން ޖެހޭނެ ގޮތުގެ ކުޑަ ތަޢާރަފެއް ޖޯޖް ދިނެވެ. އެއަށްފަހު އޭނަގެ މަސައްކަތަށް އެނބުރި ދިޔަ އެވެ. ސޭންޑްވިޗް ނަގަމުން ކާން ފެށިއެވެ. ރައުހާއާއި އީވާ އެކަކުއަނެކަކާ ބަދަލުކޮށްލި ނަޒަރާއެކު ހިނިތުންވެލުމަށްފަހު، ލިފްޓް ކަރިއަށް ޖެހިލަމުން ފާރުގައި ހުރި ބަޓަނަށް ފިތާލިއެވެ.

ފަންސަވީސް ވަނަ ބުރިއަށް ލިފްޓު އެރުމާއެކު ލިފްޓްގެ ދޮރު ހުޅުވިގެން ދިޔަ އެވެ. ރައުހާ ކުރިއަށް ޖެހިލިއެވެ. އަދި އީވާގެ ފޮށި ދަމަމުން ގޮސް އޭނަގެ އެޕާރޓްމެންޓްގެ ދޮރު ކުރިމައްޗަށް ހުއްޓުނެވެ. އީވާއަށް ދޮރުގެ ޕާސްވޯޑް ބުނެދެމުން އޭނަ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަން އީވާ އޭނަ އަރައިގެން ހުރި އުސްކަށީގެ ފައިވާން ފައިތިލައާ ވަކިކޮށްލަމުން އެޕާޓްމެންޓަށް ނަޒަރެއް ދިނެވެ.

ޖާގައިގެ ގޮތުން ބޮޑު ތަނެކެވެ. ދެ ކޮޓަރިއާއި ފާޚަނާއެއްގެ އިތުރުން ބޮޑުކޮޓަރިއަކާއި ބަދިގެއެއް ހުރެއެވެ. ބަދިގެއާއި ކާބައި ހުންނަނީ އިންވެގެންނެވެ. ޒަމާނީ ކިޗެން ކެބިނެޓެއް ހުރިއިރު، ބަދިގޭގެ އުނދުން ކުރިމައްޗަށް ހުއްޓިހުންނަ އިރު، ބޮޑުކޮޓަރީގެ ފާރުގައި ހަރުކުރެވިފައިވާ ފަންސާސް އިންޗީގެ ޓީވީ ފެންނަން ހުރެއެވެ. ފާރުތަކުގައި ލާފައިވާ މަޑު ފިޔާތޮށިކުލައިން މާހައުލަށް ދިރުން ގެނެސްދެއެވެ. ބަދިގެއަށް ފުރަގަސްދޭހެން ބޮޑުކޮޓަރީގައި ހުރި ސޯފާތަކުން ފެށިގެން ގޮސް ކުޑަދޮރުގެ ފޮތިތަކަށް ދާންދެން ފިޔާތޮށިކުލައިގެ އަސަރު އެކުލެވިފައި ވެއެވެ. ފިޔާތޮށިކުލައަށް މަރުދޭ މީހަކު ދިރިއުޅޭތަނެއްކަން ހާމަވާހާވެއެވެ. އެޕާރޓެމެންޓް ސާފުތާހިރުވެފައި މީރު ވަހެއް ވެސް ދުވަމުން ދިޔަ އެވެ. އެވަހުން ސިކުނޑި ތާޒާ ކުރާހާ ވެއެވެ.

''ހާދަ ޕިންކޭ ދޯ...'' ރައުހާއި ދިމާކޮށްލަމުން އީވާ ބުންޏެވެ.

''ހެހެހެ، އީވް އަހަންނާއެކު ދިރިއުޅެން ފެށީމަ ދެން ވަރަށް ފަސޭހަ ވާނެ، ކައްކަދޭނެ މީހަކު ވެސް ހުންނާނެތާ، އަދި ކުއްޔާއި ހުރިހާ ޚަރަދެއްގައި ހިފާނެ މީހަކު ވެސް ހުންނާނެތާ... އިނގޭތަ އަހަރެން ދަރިނިވެރިވެފައިވާ މިންވަރު، މިތަނަށް ވެސް ހުރިހާ ޚަރަދެއް ކުރެވެނީ ކިރިޔާ، ބައްޕަ އަތުން ފައިސާ ހޯދަން ބޭނުން ނުވާތީ އެއްޗެކޭ ނުބުނަނީ، އޭރުން ބުނާނެ ވަގުތުން ރާއްޖެ އަންނަން، އަހަރެން ރާއްޖެ ދާކަށް ބޭނުމެއް ނޫން... ބައެއްފަހަރު ހިތަށް އަރާ އޭރު ލިބުނު ފުރުސަތުގައި ހިފާ މޮޑެލްއަކަށް ވެވުނު ނަމައޭ، އޭރުން މިހާރު ލިބޭ ވަރަށް ވުރެން ވެސް ގިނައިން ލިބުނީސް، ބައެއް މީހުން ހިތަށް އަރަނީ ޑޮކްޓަރަކަށް ވީމަ ވަރަށް ލިބޭނެއޭ، އެކަމަކު ހަޤީޤަތް އިނގޭނީ އެމަސައްކަތްކުރާ މީހަކަށް...'' ރައުހާ ގޮސް ވެއްޓިގަތީ ބޮޑުކޮޓަރީގެ ސޯފާ އަށެވެ. އެއަށްފަހު ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ އޮތް ޓީވީ ރިމޯޓާ ދިމާއަށް އަތްދިއްކޮށްލަމުން ރިމޯޓު ނެގިއެވެ.

''ޚަރަދުތަކުގައި ހިފުވަން ވެގެން ދޯ އަހަރެން ގާތު މިތާނގައި މަޑުކުރާށޭ ބުނީ...'' އީވާ ސަމާސާ ރާގަކަށް ބުންޏެވެ. ''ރައު ބުނިހެން އަސްލު އަމިއްލަ ޚަރަދުގައި އުޅެންޏާ އެހާ ރަނގަޅު އެއްޗެއް ނުލިބޭ، އެކަމަކު ދެން ސްޕެޝަލިސްޓަކަށް ވީމަ ރަނގަޅު އެއްޗެއް ލިބޭނެ ކަމަށް އުއްމީދު މިކުރަނީ..'' އީވާ ބުންޏެވެ. އެއަށްފަހު ރައުހާ ދެއްކި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

''އެންމެ ފާޚަނާއެއްތަ ހުންނަނީ؟...'' ކޮޓަރީގެ ކުރިމައްޗަށް ވާހެން ހުރި ފާޚަނާއަށް އިޝާރާތްކޮށްލަމުން އީވާ އެހިއެވެ.

''އާނ... ފެންވަރައިގެން އަވަހަށް އާދޭ، އެހާއިރަށް ޕިއްޒާ ވެސް އަންނާނެ، މިއަދު ހާދަ ލަސްވާ ދުވަހެކޭ ދޯ...'' ކޮޓަރިއަށް ވަންނަން ދިޔަ އީވާއަށް އަވަސް ނަޒަރެއް ދެމުން ރައުހާ ބުނެލިއެވެ. އަދި އޭނަގެ ފޯނު ނަގަން އުޅުނު ވަގުތު ގޭގެ ބެލްޖަހާލި އަޑު އިވުނެވެ. އެއާއެކު ސޯފާގެ މައްޗަށް ފޯނު ދޫކޮށްލަމުން ރައުހާ ހިނގައިގަތީ ފާރުގައި ހަރުކުރެވިފައި ހުރި ސެކިއުރިޓީ މޮނީޓަރާ ދިމާއަށެވެ. އަދި އޭގެ އަރިމަތީގައި ހުރި ބަޓަނަކަށް ފިތާލަމުން ވާހަކަދެއްކިއެވެ.

''ޕިއްޒާ އައިސްފި، އަވަހަށް އާދޭ ފެންވަރައިގެން...'' ކޮޓަރިއަށް ވަންތާ އިރުކޮޅެއް ފަހުން ފެންވަރާ ސާމާނާއި، ތުވާލި ހިފައިގެން ފާޚަނާއަށް ވަންނަން ކޮޓަރިން ނިކުތް އީވާ ފެނުމާއެކު ރައުހާ ބުންޏެވެ. އޭރު އޭނަގެ އަތުގައި ޕިއްޒާއެއް އޮތެވެ.

''މިއަންނަނީ...'' އީވާ ބުނެލިއެވެ.

*****

އެތައްހާސް ސައިބޯނިތަކުން ފުރާލާފައި އޮތް ބިލިނގާގެ ތެރޭގައި އޮތް އީވާގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނެއެވެ. ބިލިނގާއަށް އަޅާފައިވި ބާތް ސޯލްޓާއި ލެވެންޑާ ތެލުގެ ލުއިލުއި މީރު ވަހާއި ބިލިނގާގެ ކައިރީގައި ރޯކޮށްފައި ހުރި އުށްބައްތީގެ މީރުވަސް އެކުވެ ސިކުނޑިއަށް ލުޔެއް ގެނެސްދިނެވެ. ވާންވެފައިވި ހަށިގަނޑުގެ މަސްތަކަށް ރާހަތު ލިބެމުން ދިޔަ އެވެ. ހަށިގަނޑަށް ލިބެމުން ދިޔަ އަރާމާއެކު އެސްފިޔަތަކަށް ބަރުވެ ނިދި ސަވާރުވާހެން ވެސް އޭނައަށް ހީވިއެވެ. ބޯޓު ތެރޭގައި ލޮލުފިޔާޖަހާލުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް، ހަމަޖެހިލައިގެން ނިދާލެވޭ ގޮތެއް ނުވިއެވެ.

''އީވް! ފާޚަނާ ތެރޭގައި ނިދަނީތަ!'' އީވާ ސިއްސައިގެން ގޮސްފައި ހޭލެވުނީ ރައުހާގެ އަޑަށެވެ.

''އަވަހަށް ނިކުންނަން އުޅޭ! މިހާރު ފިއްޒާ ފިނިވެގެން މައިކްރޯވޭވަށް ލާފަ މިއައީ... އަވަސްކުރޭ!'' ރައުހާގެ އަޑަށް އީވާގެ ދެލޮލުން ނިދީގެ އަސަރު ފިލައިގެން ދިޔަ އެވެ. ހަމަހޭވެރިން ވެރިވެއްޖެއެވެ. އެއާއެކު، އޭނަ އަވަސްވެގަތީ ހަށިގަނޑުގައި ހުރި ސައިބޯނީގެ އަސަރު ފިލުވާލުމަށެވެ. ތުވާލި ހަށިގަނޑުގައި އޮޅާލުމަށްފަހު، ރޯކޮށްފައި ހުރި އުށްބައްތި ނިއްވާލަމުން ބިލިނގާގެ ފެންގަނޑު ހިންދާލިއެވެ. ކުރިން އެމޫނުމަތިން ފެނުނު ވަރުބަލިކަން ފިލައި ގޮސްފިއެވެ.

*****

ގަޔަށް ދޫ ޓީޝާޓަކާއި ހަރުވާޅެއްލައިގެން މޫނުމަތި މޮއިސްޗަރައިސް ކޮށްލަމުން ކޮޓަރިން ނިކުންނަން އީވާ ހިނގައިގަތެވެ. އެނދުމަތީ ހުޅުވާފައިވި ފޮށި ތަރުތީބުކުރާނީ ކައިގެން އައިސްކަމަށް ނިންމަމުން ކޮޓަރީގެ ދޮރު އޭނަ ލައްޕާލިއެވެ.

''އަވަހަށް އާދޭ، މިހާރު ހީހޫވަނިއޭ...'' ރައުހާއަށް އީވާ ފެންނައިރަށް ބުންޏެވެ. އޭނަ ހުރީ ކާމޭޒުދޮށުގައެވެ. އީވާގެ އިންތިޒާރުގައެވެ. ޕިއްޒާގެ ވަސް އައިސް ނޭފަތުގައި ޖެހުމުން ބަނޑުހައިކަން އިހުސާސްކުރެވުނެވެ. ހުސްވެފައިވި ގޮހޮރުން އެވަގުތު އަޑުތަކެއް ވެސް ލައްވާލިއެވެ. އޭނަ ގޮސް މޭޒު ދޮށުން ގޮނޑިއެއްގައި އިށީންނަމުން ކާން ފަށައިފިއެވެ.

''ހީވަނީ ކާންނުލިބިފަ ހުރި މީހެއް ހެން!...'' އީވާއާއި ދިމާކޮށްލަމުން ރައުހާ ބުންޏެވެ. ދެއެކުވެރިން ކޮންމެވެސް ވާހަކައެއް އަޅުވާލަމުން ކެއުމާއިގެން ކުރިއަށް ދިޔަ އެވެ. ކިޔެވުން ފެށެން އަދި އެއްހަފްތާގެ މުހުލަތު އޮތުމުން އެކުގައި ކުރާނެ ކަންތައްތައް ވެސް ރާވައި ނިންމާލިއެވެ.

*****

ރޭގަނޑެވެ. ހުސްގަޔާ އޮތް ޖާދިންއަށް އޭނަގެ މޭގައި މަޑުމަޑުން ފިރުމާލެވުނެވެ. މޭގެ ތެރޭގައި ރިހުމެއް އުފެދިފައިވާ ކަހަލައެވެ. އީވާ ފުރައިގެން ދިޔައީއްސުރެން އޭނަގެ ހިތަށް ފަޅުކަން ވެރިވެއްޖެއެވެ. އެއިހުސާސްތަކުގެ ތެރޭގައިވުމުން މީހާއަށް އުދާސްކަން ލިބެމުން ދިޔަ އެވެ. އޭނައަށް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެއެވެ. އަދިވެސް އީވާގެ ފޯނުކޯލެއް އޭނައަކަށް ނުލިބެއެވެ. އިންތިޒާރު ދިގުލާން ފެށުމުން ހިތަށް އިތުރު ތުރާލަކަށް ވެއްޖެއެވެ. މިވަރުން ދަންޏާ އޭނަ ކެތްތެރިވާނީ ކިހިނެއް ހެއްޔެވެ؟ އީވާ ދެކިލަން އޭނަ ބޭނުމެވެ. އެއަތުގައި ހިފާލުމަށް ވެސް މެއެވެ. ހިތުގެ އެދުންތަކާ ހުރެ މީހާގެ ހަމަޖެހުން ގެއްލިގެން ދިޔަ އެވެ. ޓިކެޓު ނަގައިގެން އީވާގެ ގާތަށް ހިނގައިދާނަމޭ ވެސް އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް އޭނަގެ ބޮލުގައި އެޅިފައިވި ޒިންމާތައް ހަނދާންވެ އެއީ ކުރެވޭނެކަމެއް ނޫންކަން ރޭކާލިއެވެ. އީވާގެ ގާތަށް ދެވޭނެ ދުވަހަކާ މެދު ވިސްނާލަން ވެސް ދައްޗެވެ. އޮފީހުގައި ކުރަން ހުރި މަސައްކަތްތައް އެހާ ގިނަ އެވެ. އަލަށް ހުޅުވަން ތައްޔާރުވަމުންދާ މަތީފަންތީގެ ރިސޯޓުގެ ކަންތައް ހަމައަކަށް އަޅުވަން އެބަޖެއެވެ. ހަމައެއާއެކު އިތުރު ޕްރޮޖެކްޓްތަކަށް ވަގުތު ހުސްކުރަން ވެސް އެބަޖެހެއެވެ. އެކަންތަކަށް ފަރުވާކުޑަކުރެވޭކަށް ނެތެވެ. ޚިޔާލުތަކުގެ ފުންކަނޑެއްގެ ތެރެއަށް މީހާ ގެނބިގެންދާހެން ޖާދިންއަށް ހީވިއެވެ.

''އަދިވެސް ނުދެވެނީތަ؟ އެކަމަކު މިހާރު ދެވޭނެހާ އިރު ވެއްޖެ، ދެން ކީއްވެތަ އީވް ނުގުޅަނީ؟ ކަމެއް ދިމާވީތަ؟...'' ތަފާތު އެކިއެކި ޚިޔާލުތަކުން އޭނަގެ ހިތް ނުތަނަވަސްކުރުވިއެވެ. އެނދުގައި އޮތްނަން ދަތިކަމަކަށްވުމުން އޭނައަށް ކޮޅަށް ތެދުވެވިއްޖެއެވެ. އަތަށް ފޯނު ލަމުން ކޮޓަރީގެ ތެރޭގައި ކުރުކާލިކަނޑާލެވުނެވެ. ވިސްނެމުން ދިޔަ ވަރަކަށް ސިކުނޑީގެ ނާރުތަކަށް ވާންވާހެން އޭނައަށް ހީވިއެވެ. ތަފާތު އެކިއެކި ޚިޔާލުތައް ސިކުނޑިއަށް ވެރިވެ މީހާ އިތުރަށް ހާސްވިއެވެ.

''މާމައަށް ގުޅާފަ ބަލަން ވީތަ އީވްގެ ޚަބަރެއް ވިތޯ؟... ނޫން... ނޫން، އެއީ ރަނގަޅުކަމެއް ނޫން، އޭރަށް މާމަގެ ހިތުގައި ސުވާލު އުފެދިދާނެ... އެކަމަކު ކީއްވެތަ އީވްގެ ޚަބަރެއް ނުވެގެން އުޅެނީ، އިސް ޝީ އޯލް ރައިޓް؟... ރައުހާ! އޭނައަށް ގުޅަން ވީތަ؟، ފަހަރެއްގައި ވެދާނެ އީވް ނިދަނީ ކަމަށް ވެސް...'' ހާޖަރާއަށް ގުޅުމަކީ ރަނގަޅު ޚިޔާލެއް ނޫންކަން ޖާދިންގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ. އެންމެފަހުން ފުންކޮށް ވިސްނުން ހިންގާލުމަށްފަހު އޭނަ ނިންމީ އީވާ ގުޅަން ދެން އިންތިޒާރުކުރުމަށެވެ. މީހާ ނުތަނަވަސް ވިޔަސް މެއެވެ. އީވާގެ ރައްޓެއްސަކަށް ގުޅައި މަޢުލޫމާތު އޮޅުން ފިލުވުން އެއީ ވެސް ރަނގަޅު ގޮތެއް ނޫނޭ އޭނަގެ ހިތަށް އެރިއެވެ. އޭރުން އޭނައާއި އީވާގެ ދެމެދުގައި އޮތް ސާފު ލޯތްބާ މެދު މީހުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ.

ޖާދިންއަށް އެނދަށް ވެއްޓިގަނެވުނެވެ. އީވާ އޭނަގެ ހިތުގައި ކުޅެލާފައި ވަނީ އެލޯތްބާ ވަކިނުވެވޭނެ ފަދައަކުންނެވެ. އޭނައަށް މޭގައި ފިރުމާލެވުނެވެ. އަދި ފޯނު ހުޅުވާލަމުން އީވާއާއެކު ނަގާފައިވާ ފޮޓޯތަކަށް ބަލައިލަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ.

*****

''ރެއިން އެބަ ގުޅާ!...'' ކާމޭޒުމަތީ އޮތް އޭނަގެ ފޯނު ނަގަމުން ރައުހާ ބުނެލިއެވެ. އޭނަގެ ހިނިތުންވުން ކުރިއަށް ވުރެން ފުންވެގެން ދިޔަ އެވެ. ދެލޮލުން ތަފާތު ވިދުމެއް ފެނުނު ކަހަލައެވެ. އީވާއަށް އެހުރިހާ ބަދަލެއް ފާހަގަ ކުރެވި އެކުވެރިޔާއަށްޓަކައި އުފާވިއެވެ.

''ރެއިން!...'' ފޯނު ނަގަމުން ޖޯޝުގައި ރައުހާ ބުންޏެވެ. އޭނަގެ އަޑުން ލޯބި ފާޅުވިއެވެ. ވާހަކަދެކެވެމުން ގޮސް ފަރުހާންއަށް އީވާ ވެސް ތައާރަފްކޮށްދިނެވެ. އީވާ ވެސް ރައުހާ ކުރުނުކޮށް ބުނަން ފެށުމުން އޭނާއާ ވާހަކަދެއްކިއެވެ. އެއަށްފަހު ރައުހާގެ އަތަށް ފޯނު ދިނެވެ.

ދުވަހުގެ ތަފުސީލުތައް ހިއްސާކުރަމުން ރައުހާ ހިނގައިގަތީ ބެލްކަނިއާ ދިމާއަށެވެ. އެމަންޒަރު ބަލަން އިން އީވާ ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވެއްޖެއެވެ. ދެލޯބޮޑުކޮށްލަމުން އޭނައަށް އަނގަމަތީ އަތްއަޅާލެވުނެވެ.

''ޖާދިން!...'' އީވާއަށް ބުނެވުނެވެ. ޖާދިންގެ މަތިން އޭނަ ހަނދާނެއް ވެސް ނެތެވެ. މަންމައާއި މާމައަށް ގުޅާ ޚަބަރުދަބަރު އޮޅުންފިލުވައި ދިން އިރު ޖާދިންއަށް ގުޅުމުގެ ޚިޔާލެއް އޭނައަކަށް ނުލިބުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޖާދިން އޭނަގެ ފޯނުކޯލަކަށް އިންތިޒާރު ކުރާނެކަން އިނގޭތީ ކުށްވެރިކަމުގެ އިހުސާސްތަކުން މީހާ ވަށާލައިފިއެވެ.

އީވާ އަވަސްއަވަހަށް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އެދިޔަ މަގުމަތީގައި އަމިއްލަ ނަފުސަށް އޭނަ އަޑުލިއެވެ. ޖާދިންގެ ނަން އޭނަގެ ފިކުރުތަކުން ފޮހެވިގެން ދިޔައީތީއެވެ. މިވީހާ އިރު ޖާދިން މަތިން ހަނދާން ނުވީތީއެވެ.

ކޮޓަރިއަށް ވަދެވުމާއެކު އެނދުގެ އަރިމަތީ މޭޒު މަތީ ޗާޖަށް ޖަހާފައި އޮތް ފޯނު އޭނަ ނެގިއެވެ. ފޯނު ހުޅުވާލުމުން ޖާދިންގެ ޚަބަރެއް ވެފައި ނެތްކަން ފާހަގަ ވިއެވެ. އެވަގުތު އޭނަދެކެ ޖާދިން ހިތްހަމަ ނުޖެހުނީބާވައޭ ވެސް އީވާގެ ހިތަށް އެރިއެވެ. އެހާ އިރުވެގެން ދިޔަ އިރު ވެސް އޭނަގެ ޚަބަރެއް ނުވުމުން ޖާދިން ދެކެފާނެ ގޮތަކާ މެދު އީވާގެ ހިތް ތެޅިލިއެވެ. ނަމަވެސް އޭނަ ކުރާނީ ކީއް ހެއްޔެވެ؟ އިހުސާސްތަކެއް ނުވާއިރު ލޯތްބާއި ކުލުނު ދައްކާނީ ކިހިނެއް ހެއްޔެވެ؟ އަރަތެއް ކަހަލަ ޖަޒުބާތުތަކުގެ ސަބަބުން އީވާއަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ.

ވިސްނަން އިނދެފައި އޭނަ ޖާދިންއަށް ގުޅިއެވެ. ޖާދިންގެ ހިތްހަމަޖައްސާލަދޭށެވެ. ލޯބި ނުދެވުނަސް އެވަރު އޭނައަށް ކުރެވޭނެ ނޫން ހެއްޔެވެ؟

ފުރަތަމަ ރިންގާއެކު ޖާދިން ފޯނު ނަގައިފިއެވެ. ދުލުން ނުބުނިކަމުގައި ވިޔަސް ޖާދިންގެ އަމަލުން އޭނަ ދިޔައީ އީވާގެ ފޯނުކޯލަށް އިންތިޒާރުކުރަމުންކަން އީވާއަށް ރޭކާލިއެވެ.

''ހުރިހާކަމެއް ރަނގަޅުތަ، އީވްގެ ޚަބަރެއް ނުވެގެން ވަރަށް އިންތިޒާރުކޮށްފިން...'' ޖާދިންގެ އަޑު އިވުނެވެ. އެއަޑުގައި އުފާވެރިކަން ވިއެވެ. އޭގެ ސަބަބުން އީވާގެ ހިތުގައި ރިއްސާލިއެވެ.

''ހޫމްމްމް، ހުރިހާކަމެއް ވެސް ރަނގަޅު، ކުޑަކަމެއްގައި އުޅެން ޖެހުނީމަ ނުގުޅުނީ، ސޮރީ...'' އީވާ މަޢާފަށް އެދުނެވެ.

''ކީއްވެތަ އީވް އަބަދު މަޢާފަށް އެދެނީ؟'' އީވާގެ ފަރާތުން ކަމެއް ފާހަގަ ކުރެވުނު ޖާދިންއަށް ބުނެލެވުނެވެ. އޭނައާއި އީވާއާ ދެމެދު ވާހަކައެއް ދެކެވިއްޖެނަމަ އަބަދުމެ އީވާ މަޢާފަށް އެދެއެވެ. އޭގެ ސަބަބުން ހިތުގައި އުފެދިގެން އައި ސުވާލުތައް އޭނަގެ ދުލުކުރިއަށް އެންމެ ފަހުން އަތުވެއްޖެއެވެ. ޖާދިން ދިޔައީ އީވާގެ ޖަވާބަކަށް އިންތިޒާރުކުރަމުންނެވެ.

އީވާއަށް އިނދެވުނީ ހިމޭންވެފައެވެ. އެއީ އަބަދުގެ އާދައެވެ. ޖާދިން ކިތަންމެ ވާހަކައެއް ދެއްކިޔަސް އީވާގެ ފަރާތުން ފެންނާނީ ހިމޭންކަމެވެ. ލޯބި ހާމަކުރިޔަސް ހަމަ އެމަޑުމައިތިރިކަމެވެ. އެސިފަތައް މިހާރު ޖާދިންގެ ތޫނު ނަޒަރުގައި އަޅައިގަތީ ބާވައޭ އީވާގެ ހިތަށް އެރިއެވެ. އެއާއެކު ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.

''އީވް؟...'' އީވާގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން ޖާދިން ގޮވާލިއެވެ. ކަންބޮޑުވުން އޭނަގެ އަޑުގައި ވިއެވެ.

ޖާދިންގެ ސުވާލަށް ޖަވާބު ދޭނެ ގޮތެއް އީވާއަކަށް ނެގުނެވެ. އެވަގުތު ފަރުހާންއާއި ރައުހާގެ ގުޅުމާމެދު އޭނައަށް ވިސްނާލެވުނެވެ. ދުރުގައި އުޅުނަސް އެދެމެދުގައި އޮތް ލޯބި ހާމަވެއެވެ. އެކަކު އަނެކަކަށް ކުރާ އިންތިޒާރު ހާމެއެވެ. ހިތާމައަކީ އޭނައާއި ޖާދިންގެ ގުޅުމުގައި އެއީ އެއްފަރާތުން ވެވޭ އިހުސާސަކަށް ވީތީއެވެ. ދެހިތުގައި އެއް ވިންދެއް ނުޖަހާތީއެވެ. އޭނަގެ ހިތް ޖާދިންއަށް އިންތިޒާރުނުކުރާތީއެވެ. ދެކިލަން ކެތްތެރިކަން ކުޑަނުވާތީއެވެ. އޭނައާ ޚިލާފަށް ޖާދިންގެ ފަރާތުން ފެންނަނީ ލޯތްބެވެ. އޯގާތެރިކަމެވެ. އޭނަގެ އުފަލަށްޓަކައި ޤުރުބާން ވާން ތައްޔާރަށް ހުރިކަން އަބަދުމެ ސާބިތުކޮށްދެއެވެ. އެހެނަސް، އޭނަގެ ހިތް ތަފާތެވެ. މަޖުބޫރުގެ މައްޗަށް މެނުވީ އެނާޒުކު ގުޅުން ބިނާވެފައި ނުވެއެވެ. ކޮންމެ ހިނދެއްގައި ވެސް ފުނޑުފުނޑުވެދާނެކަމުގެ ބިރު ހިތުގައި އޮވެއެވެ. ޖާދިން ދެކެ ލޯބި ނުވެވިދާނެކަމުގެ ގިލަންވެރިކަން އެބަދުމެ އެހިތުގައި ވިންދު ޖަހައެވެ.

''ލަހުން ގުޅާ ލެވުނީމަ މަޢާފަށް އެދެވުނީ...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު އީވާ ބުނެލިއެވެ. މިފަހަރު ވެސް ހިތުގެ ހާލު އަންގައިދިނުމުގައި ކާމިޔާބެއް ނުލިބުނެވެ. ހިތްވަރު އެލި ފަސްޖެހެވުނީއެވެ.

''ދެން ބާއްވަނީ، ވަރަށް ވަރުބަލިވެފަ މިހުރީ...'' އީވާ ބުންޏެވެ. އީވާގެ އަޑުން ވަރުބަލިކަން އިހުސާސް ކުރެވުމުން އިތުރަށް ވާހަކަދައްކާކަށް ޖާދިން ނުހެދިއެވެ. އޭނަ ފޯނު ކަނޑާލީ ލޯބިވާކަން ހާމަކުރަމުންނެވެ.

(ނުނިމޭ)