ޚަބަރު

ދިވެހި އާޓިސްޓެއްގެ ކުރެހުމެއް ވަގަށް ބޭނުންކުރުމުން އެމެރިކާގެ ލަވަކިޔުންތެރިޔާ އާރޮން ގޮވައިގެން ކޯޓަށް

އަލީ ޔާމިން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރޮން ކާޓާ ދިވެހި ޑިޖިޓަލް އާޓިސްޓް، އަލީ ޝިމްހާގް ގެ އާޓް ޕީސްއެއް ވަގަށް ނަގައި އޭގެ ބޭނުންކުރި މައްސަލައާ ގުޅިގެން އާރޮންއާ ދެކޮޅަށް "ކޮޕީރައިޓް އިންފްރިގްމެންޓް"ގެ ދައުވާ ކުރުމަށް އިއްޔެ އެމެރިކާގެ ކޯޓަކަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން ޝިމްހާގް ވަނީ އޭނާގެ ޓުވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ޝިމްހާގް ބުނީ، އާޓްވޯކްގެ މަސައްކަތްތަކީ ވަރަށް ބުރަ އަދި ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަވާ މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެމީހެއްގެ އާޓްވޯކެއް ނަހަމަގޮތުގައި ބޭނުންކުރާ ފިޔަވަޅު އަޅަން ނަމަ އެއްވެސް އާޓީސްޓަކު ފަސްޖެހިގެން ނުވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޝިމްހާގް ކޯޓަށް ހުށަހެޅީ އޭނާގެ އާޓްވޯކެއް އާރޮން ވަގަށް ބޭނުންކުރުމުން އާރޮންގެ އަތުން 25،000 އެމެރިކާ ޑޮލަރު ބަދަލެއްގެ ގޮތުގައި ހޯދުމަށެވެ.

މަޝްހޫރު ފޮޕް ބޭންޑް "ބެކް ސްޓްރީޓް ބޯއީސް"ގެ މިއުޒީޝަން ނިކް ކާޓާގެ ކޮއްކޮ ކަމަށްވާ އާރޮން، ޝިމްހާގް ގެ އާޓްވޯކް ވަގަށް ބޭނުންކުރިކަން ފަޅާއަރައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އާރޮން ވަނީ އޭނާގެ އިންސްޓްގްރާމްގައި ޕޯސްޓު ކުރި ޝިމްހާގް އާޓްވޯކް ޑިލީޓު ކޮށްފައެވެ. އާރޮން ބުނެފައިވަނީ އެހެން މީހެއްގެ އާޓްވޯކެއް އޭނާ ވަގަށް ނުނަގާ ކަމަށެވެ.

ސިންގާއެއް ފެންނަ މި އާޓްވޯކަކީ 2014 ވަނަ އަހަރު ޝިމްހާގް މަސައްކަތްކުރި ޖަނަވާރުންގެ ކޮޒްމިކް ސީރީޒެއްގައި ހިމެނޭ އާޓްވޯކެކެވެ. އާރޮން ޝިމްހާގް ގެ އާޓްވޯކު ވަގަށް ނެގުމުން އެ މައްސަލަ އެންމެ ބޮޑަށް ހޫނުވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު އާރޮންވެސް ވަނީ ޝިމްހާގަށް އަމާޒުކޮށް ޓުވިޓާގައި ވަރަށް ހުތުރު ބަހުން މުހާތަބުކޮށްފައެވެ.