Close
އެޓަރނީ ޖެނެރަލް

ގާނޫނުއަސާސީ އިސްލާހު ނުކޮށް، ހަސަން ލަތީފު ހުށަހެޅި ބިލުން ކައުންސިލަރުންގެ ދައުރު ދިގެއް ނުކުރެވޭނެ: އޭޖީ

ގާނޫނު އަސާސީ އިސްލާހު ނުކޮށް މިހާރު ތިބި ކައުންސެލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހު ބާއްވަން ޖެހޭ ކައުންސިލް އިންތިހާބުގެ ވޯޓުލުން ކޮވިޑް 19 އާ ގުޅިގެން، އަންނަ އަހަރާ ހަމައަށް ފާސްކުރެވޭ ގޮތަށް، މަޖިލިހުން ފާސްކުރި ގާނޫނު ރައީސުލް ޖުމްހޫރިއްޔާ އިއްޔެ ވަނީ ތަސްދީގު ކުރައްވައިފައެވެ.

ނަމަވެސް އަންނަ ޖޫން މަހުގެ ނިޔަލަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު ދެން ބާއްވާ އިންތިހާބަކުން ހޮވޭ ކައުންސިލަރުން މަގާމާ ހަވާލުވަންދެން އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މުއްދަތު ހަމަވާ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން (އޭޖީ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުއްވިއެވެ. ނަމަވެސް އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ދެން އެބިލް މަޖިލީހަށް އެޖެންޑާކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން ހަމަ އެކަން ހައްލު ކުރުމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެބިލުގެ އިބްތިދާއީ ބަހުސް ނިމި މިިިހާރުވަނީ ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.

ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް، ކޮމިޓީން އެދިގެން ލިޔުމުން އޭޖީ ފޮނުއްވި ގާނޫނީ ލަފާގައި ވިދާޅުވެފައިވަނީ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބުނާ ކަމަށެވެ.

ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައިވާ ގޮތަށް އުފައްދާފައިވާ ކައުންސިލް ތަކުގައި ހިމަނަންވާނީ އެ ކައުންސިލްތައް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދިމީކްރާތީ އުސޫލުން ސިއްރު ވޯޓަކުން އިންތިހާބުކުރާ މެންބަރުން ކަމަށް ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ) އާއި (ށ)ގައި ބުނެފައިވާ ކަމަށާއި، "ވީމާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގޭނީ، އެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ބަޔަކަށްކަން ގާނޫނުއަސާސީގެ އިސްވެ ދެންނެވި މާއްދާތަކާއި ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ހިނެމޭ އެހެން މާއްދާތަކުން އެނގެން އޮވޭ،" ކަމަށްވެސް އޭޖީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާއި އެއްގޮތްވާގޮތަށް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަންވާނީ، އެ ގާނޫނަށް އަމަލު ކުރަން ފެށި ތާރީހު ކަމަށްވާ އަށެއް ޑިސެމްބަރު 2019 އަށްފަހު ދެން އެންމެ އަވަހަށް ބާއްވާ އިންތިހާބެއްގައި ކަމަށް ބަޔާންކޮށްފައިވާތީ، ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އެފަދައިން އޮތްހާ ހިނދަކު، އެ މާއްދާ އިސްލާހު ކުރުމަކާނުލައި، މިހާރު އިން އަހަރަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރުކުރެވިދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް އޭޖީގެ ލަފާގައި ވިދާޅުވެފައި ވެއެވެ.

ގާނޫނުއަސާސީގެ އަށް ވަނަ ބާބަށް ރިއާޔަތް ކުރާއިރު، ކައުންސިލްތަކަށް މިހާރު އިންތިހާބު ކޮށްފައިވާ މެންބަރުންގެ މެންބަރުކަމުގެ ދައުރު ތިނެއް ޖޫން 2020 ގައި ހަމަވާއިރު އެ ކައުންސިލުތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ، އަމަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން، މިހާރު އެ ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަގާމުތަކުގައި ދެމިތިބޭނެ ކަމަށް ގާނޫނު އަސާސީ ގެ އަށްވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ތައާރަޒުނުވާ ގޮތެއްގެ މަތިން އެކަން ކަނޑައެޅުން ކަމަށް ވެސް އޭޖީ ވިދާޅުވެފައިވެއެވެ.

ޖޫން ތިނަކަށް ކައުންސިލަރުން އިންތިހާބު ނކުރެވިގެން، އަންނަ ގާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މިހާރު ތިބި ކައުންސެލަރުންގެ ދައުރު އިތުރުކޮށްގެން ކަމަށްވީނަމަވެސް، އެކަން، ކުރެވޭނީ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 4 ވަނަ މާއްދާ، ފުރަތަމަ އިސްލާހުކޮށްގެން ކަމަށް ފެންނަ ކަމަށް ވެސް އޭޖީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ސަރުކާރުން ހުށަހެޅިއިރު، އެ ބިލާ އެކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހުގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ އިސްލާހުކުރުމަށް ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ އެކަންކަން އެހެން ހުރުމުން ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

"ވީމާ، ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ގާނޫނު އަސާސީގެ އަށް ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތްތަކާ ހިލާފު ނުވުމަށާއި ތިނެއް ޖޫން 2020 ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށް، އަދި ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ގާނޫނު އަސާސީގެ އަށްވަނަ ބާބުގެ ރޫހާއި މަގުސަދު ހާސިލުކުރުމަށްޓަކައި އަމަލުކުރެވެން އޮތްގޮތަކީ، ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން، އެ ގާނޫނުގެ ހަތަރުވަނަ މާއްދާ އިސްލާހުކޮށް ލޯކަލް ކައުންސިލްތަކަށް އާމެންބަރުން އިންތިހާބުކުރެވެންދެން، މިހާރު އެކައުންސިލްތަކުގައި ތިބި މެންބަރުން އެމަގާމުތަކުގައި ދެމިތިބޭނެކަމަށް ކަނޑައެޅުން ކަމަށް ފެންނަ ވާހަކަ ދަންނަވަމެވެ،" އޭޖީ އިބްރާހިމް ރިފްއަތު ވިދާޅުވެފައިވެއެވެ.