އައްޑޫ ސިޓީން ރޭ ދަންވަރު މާލެ ގެނެސް އައިޖީއެމްއެއްޗައި ފަރުވާދެމުން ދަނިކޮށް ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނު މީހާއާ ސީދާ ބައްދަލުވި 7 ޑޮކްޓަރަކާއި 10 ނަރުހަކު އައިސޮލޭޓް ކޮށްފި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މެނޭޖަރު ޝަރަފުއްސާދާތު (ސާތު) ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވި ބަލި މީހާއާއި ގަވައިދާ ހިލާފަށް އައިސީޔޫގެ ތެރެއިންނާއި ވޯޑުގެ ތެރެއިންވެސް ގިނަ ބަޔަކު ބައްދަލުކޮށްފައިވާ ކަމަށާއި އަދި އެއާޕޯޓުންވެސް އޭނާއާ ބައެއް މީހުން ބައްދަލުކޮށްފައިވާ ކަމަށެވެ.
ސާތު ވިދާޅުވީ، ބަލި މީހާއަށް އެޓެންޑުވި ބައެއް ޑޮކްޓަރުންނާއި ފްރަންޓްލައިން ސްޓާފުން ތިބީ، އެކަށީގެންވާ ޕީޕީއީ ނުލައި ކަމަށެވެ. އެގޮތުން އަންގިއާއި މާސްކު ނާޅައި ތިބިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސާތު ވިދާޅުވީ، އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނައިރު މިހާތަނަށް ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަކުރެވި އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ. އަދި ސެކަންޑަރީ ކޮންޓެކްޓުންގެ ތެރެއިންވެސް ބައެއް މީހުން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"ވަން"އަށް މައުލޫމާތު ލދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އެކަހެރި ކުރެވުނު 26 މީހުންގެ ތެރޭގައި ހަތް ޑޮކްޓަރުންނާއި ދިހަ ނަރުހުންވެސް ހިމެނޭ ކަމަށެވެ.
އައްޑޫން ޕޮޒިޓިވް ވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ހެދި ޓެސްޓުންނެވެ.
އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓުވި 26 އަށްވުރެ ގިނަ މީހުން ވަނީ އެކަހެރިކޮށްފައެވެ.