އައްޑޫ ސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާއާ ބައްދަލުވި ބައެއް ޑޮކްޓަރުންނާއި ނަރުހުން ތިބީ ޕީޕީއީ ނުލައި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭއީއެޗްގެ މެނޭޖަރު ޝަރަފުއްސާދާތު (ސާތު) ވިދާޅުވީ، ބަލި މީހާއަށް އެޓެންޑުވި ބައެއް ޑޮކްޓަރުންނާއި، ފްރަންޓްލައިން ސްޓާފުން ތިބީ އެކަށީގެންވާ ޕީޕީއީ ނުލައި ކަމަށެވެ.
"މި ކޭސް ފެނިގެންދިޔައިރު އެންމެ ގަބޫލުކުރަން ބޭނުންވި ގޮތަކަށް ނޫން ކަންތައްތައް ވެގެން ދިޔައީ. އޭގެ ތެރޭގައި ބައެއް ޑޮކްޓަރުން އަދި ފްރަންޓްލައިންގައި ތިއްބެވި ބައެއް ސްޓާފުން މާސްކު ނުލައި ތިބިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ" ސާތު ވިދާޅުވިއެވެ.
ސާތު ވިދާޅުވީ، ބަލި މީހެއް އުފުލުމަށް ފަހު އެމްބިއުލާންސް ޑިސްއިންފެކްޓް ކުރަން ނިންމާފައިވާނެ ކަމަށާއި، އަދި ބަލި މީހުންނަށް އެޓެންޑުވާއިރު، ޑޮކްޓަރުންނާއި ނަރުހުންވެސް ޕީޕީއީ ލައިގެން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ސާތު ވިދާޅުވީ، މިއަދު އައްޑޫން ޕޮޒިޓިވް ވި މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.
އައްޑޫން ޕޮޒިޓިވް ވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ހެދި ޓެސްޓުންނެވެ.
އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓުވި 26 އަށް ވުރެ ގިނަ މީހުން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގެ ހަތް ޑޮކްޓަރުންނާއި ދިހަ ނަރުހުން ވެސް ހިމެނެ އެވެ.