ޚަބަރު

ހަރުކަށިފިކުރުގެ އަށް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެފި

އަލީ ޔާމިން

މުޖުތަމައަށް ނުރައްކާވާ ފަދަ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އަށް މީހަކު މޮނީޓާ ކުރުމަށް ހައި ކޯޓުން "މޮނިކޮން އަމުރު" ނެރެފި އެވެ.

މިރޭ ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރަރިޒަމްއާ ދެކޮޅަށް ފުލުހުން އޮޕަރޭޝަންތަކެއް ހިންގި ކަމަށާއި އެ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަ ކުރެވުނު އަށް މީހަކު މޮނީޓާ ކުރުމަށް ހައިކޯޓުން އިއްޔެ މޮނިކޮން އަމުރު ނެރެދީފައިވާ ކަމަށެވެ.

"އިއްޔެގަވެސް އަޅުގަނޑުންނަށް ވަނީ ހައި ކޯޓުން އަށް ފަރާތެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދެއްވާފައި. އެއީ އެ ފަރާތްތަކުން މުޖްތަމައުގެ ނުރައްކަލަށް ކުރަމުން ގެންދާ ބައެއް ކަންތައްތަކަކުގެ ސަބަބުން އެފަރާތްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބިދޭ އިހުތިޔާރުގެ ދަށުން ހޯމް މިނިސްޓްރީން އެދިގެން ހައިކޯޓުން ވަނީ އަށް ފަރާތެއް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް އަމުރު ނެރެދެއްވާފައި،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މި ދުވަސްވަރު އެންމެންގެ ސަމާލުކަންވެސް ކޮވިޑަށް ހުއްޓިފައިވާ ކަމަށާއި، ނަމަވެސް މި ދަނޑިވަޅުގައިވެސް މުޖުތަމައުގެ ސަލާމަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނާނެ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، މި ފަހުން ރާއްޖޭގައި ހިނގި އަލިފާނުގެ ބޮޑެތި ގިނަ ކާރިސާތަކަކީ، ހަރުކަށި ފިކުރުގެ މީހުން އަޑީގައި ދީގެން ދީފައިވާ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު 32/2015ގެ ހަތަރުވަނަ ބާބުގެ 29 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނީޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެ މާއްދާގެ ށ ގައިވަނީ އެފަދަ އަމުރަކަށް ކިޔަނީ މޮނިކޮން އަމުރު ކަމަށެވެ.