ޚަބަރު

ޖުލައިގައި ވައިގެ އުދުހުންތައް ފަށައި، މި އަހަރުގެ ފަހުކޮޅު ޓޫރިޒަމް ހަމަޔަކަށް އެޅޭނެ: ރާއިދު

މަރިޔަމް ޝަހުދާ

1

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރަށް ބަލާއިރު އަންނަ ޖުލައި މަހު ރާއްޖޭގައި އެތެރެއާއި ބޭރުގެ އުދުހުންތަކަށް ހުޅުވާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ޓޫރިޒަމް ވެސް އަހަރުގެ ފަހުކޮޅު ހަމަޔަކަށް އެޅޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.

ރާއިދު މިހެން ވިދާޅުވީ އެމެރިކާގެ ކޮންސަލްޓީ އަދި އެޑްވައިޒަރީ ފާމް އެއް ކަމަށްވާ އައިލެންޑް އިނޮވޭޝަންގެ ފަރާތުން ބޭއްވި ބައިނަލްއަގްވާމީ ވެބިނާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ބަދަލުތަކާއި، މިކަމުން އަރައިގަނެ އަލުން ފަތުރުވެރިކަން ފަށައިގަތުމަށް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި މި ވެބިނާގައި ރާއިދު ވާހަކަ ދެއްކެވިކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

ބުދަ ދުވަހު ބޭއްވި މި ވެބިނާގައި ރާއިދުގެ އިތުރުން އިތުރު ބައިނަލްއަގްވާމީ ހަތަރު ފަރާތަކުން "އައިލެންޑް އެންޑް ދަ ކޮވިޑް 19 ޕެންޑަމިކް" މައުލޫއާއި ގުޅިގެން މަޝްވަރާކޮށްފައިވާ ކަމަށް އެމްއައިޓީޑީސީން މައުލޫމާތު ދެއެވެ. ރާއިދުގެ އިތުރުން މި ވެބިނާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ؛

  • ގްރީންލޭންޑްގެ ފިނޭންސް އެންޑް މިނެރަލް ރިސޯސަސް މިނިސްޓަރު ވިޓުސް ކުއާކީޓްސޮގް
  • ސްކޮޓްލެންޑްގެ ސްޓްރެތުކްލައިޑް ސެންޓާ ފޯ އެންވައިރަމަންޓަލް ލޯ އެންޑް ގަވަނަންސްގެ ކޯ ޑިރެކްޓަރު ޑރ. ފްރެންސެސްކޯ ސިންޑިކޯ
  • އެންގުއިލާގެ ތޯޓްފުލް ޑިޖިޓަލް އެޖެންސީގެ ޕާޓްނަރު މސ.ތަހީރާ ބެންކްސް އަދި
  • ކެނާރީ އައިލެންޑްސްގެ ލަޒަރޯތް ބިޒްނަސް އެންޑް ރެސިޑެންސް އެސޯސިއޭޝަންގެ ރައީސް މސ.ޑެނިއަލް ޓްރިގް އެވެ.

އާންމު ހާލަތުގައިވެސް އޯގަސްޓް މަހާއި އޮކްޓޯބަރު މަހާއި ދެމެދަކީ ފަތުރުވެރިކަމުގައި އޮފް-ޕީކް ދުވަސްވަރުކަމަށް ރާއިދު ފާހަގަ ކުރެއްވިކަމަށް އެމްއައިޓީޑީސީން މައުލޫމާތު ދެއެވެ. ރާއްޖެއަކީ ނޮވެމްބަރު މަހުން ފެބްރުއަރީ މަހުގެ ނިޔަލަށް ފަތުރުވެރިން މިސްރާބު ޖަހާ މަންޒިލެއް ކަމަށާއި މިހާރުވެސް ނޮވެމްބަރު މަހުން އަންނަ އަހަރުގެ ފެބްރުއަރީމަހާ ދެމެދަށް ރިސޯޓުތަކާއި ގެސްޓްހައުސް ތަކަށް ބުކިންގްސް ލިބެން ފަށާފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީން މައުލޫމާތު ދިން ގޮތުގައި ކޮވިޑް 19އަށް ފަހު އަންނަ ނިއު ނޯމަލް ހާލަތުގައި ކަންކަން ބަދަލުވެގެން އަންނާނެ ކަމަށް ރާއިދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތަކުން ލިބެން ހުންނަ ސިއްހީ ހިދުމަތުގެ ފެންވަރު މަތި ކުރަންޖެހޭ ކަމަށާއި ރިސޯޓުތަކުގައި އާދައިގެ ޑޮކްޓަރުން ތިބުމުގެ ބަދަލުގައި ކޮވިޑް ފަދަ ބައްޔެއްގައި އެންމެ ފުރަތަމަ އަސާސީ ފަރުވާ ކުރެވޭނެ ޑޮކްޓަރުންނާއި ނަރުހުން ތިބުމުގެ އިތުރުން ރިސޯޓުތަކުގެ ކޮޓަރިތައް އައިސޮލޭޓް ކުރެވި ފަރުވާ ދެވޭނެ ފަދަ ވަސީލަތްތައް ކޮންމެވެސް މިންވަރަކަށް ކޮންމެ ރިސޯޓެއްގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް ރާއިދު ވިދާޅުވި ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފެތުރި ކުރިއަރަމުން އަންނައިރު، ރާއްޖެ ވަކި ޒޯންތަކަށް ބަހާލައި، ކޮންމެ ޒޯނެއްގައި ވަކި ރަށެއްގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މައްޗަށް އައިއަޅުވާލައްވައި ރާއިދު ވާހަކަ ދެއްކެވި ކަމަށާއި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ހެލްތު ސްކްރީނިން، ނުވަތަ ހެލްތު އިންޝުއަރެންސް ފަދަ ހިދުމަތެއް ނަގާފައި އޮތުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް ރާއިދު ވާހަކަ ދެއްކެވި ކަމަށް އެމްއައިޓީޑީސީން މައުލޫމާތުދެއެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ކޮވިޑް 19ގެ ސަބަބުން ދިމާވި މައްސަލަތަކައި ގޮންޖެހުންތަކާއި ގުޅިގެންވެސް ރާއިދު މި ވެބިނާގައި ވާހަކަ ދެއްކި ކަމަށް އެމްއައިޓީޑީސީން މައުލޫމާތު ދެއެވެ. އެގޮތުން މުވައްޒަފުންގެ އެކޮމޮޑޭޝަން ކައިރި ރަށްތަކުގައި ތަރައްގީ ކުރުމުގެ މުހިއްމުކަން ރާއިދު ފާހަގަ ކުރެއްވިއެވެ. އެމްއައިޓީޑީސީން މައުލޫމާތު ދިން ގޮތުގައި މިހާރު ރިސޯޓުތަކުގެ އެކޮމޮޑޭޝަން ބްލޮކްތަކުގައި މީހުން ދިރިއުޅެނީ ތޮއްޖެހިގެން ކަމަށާއި މީގެ ބަދަލުގައި ކުރިމަގުގައި ރިސޯޓުތައް ތަރައްގީ ކުރާއިރު މުވައްޒަފުންގެ އަނބިދަރިންނާއެކު ކައިރި ރަށެއްގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖެއްސުމުގެ މުހިއްމުކަން ރާއިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކުރިމަގުގައި ފުޑް ސެކިއުރިޓީއަށް ހާއްސަ އިސްކަމެއް ދީގެން ރަށްރަށުގައި ދަނޑުވެރިކަން އާލާކުރުމުގެ މުހިއްމުކަމާއި ގުޅިގެންވެސް ރާއިދު ވާހަކަ ދެއްކެވި ކަމަށާއި ފަތުރުވެރިކަމުގެ ތެރެއަށް ދަނޑުވެރިކަން ގުޅުވާލައިގެން ކަންކަން ފުރިހަމައަށް އަތުރާލެވިދާނެކަން ފާހަގަ ރާއިދު ފާހަގަކުރެއްވި ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން 480އަށް ވުރެ ގިނަ ބައިވެރިން މި ވެބިނާގައި ބައިވެރިވި ކަމަށް އެމްއައިޓީޑީސީން މައުލޫމާތު ދެއެވެ.