ރިޕޯޓް

ކަރަންޓީނުވާން ފަސްޖެހެނީ ކީއްވެ؟ އެކަން ކުރަން ޖެހެނީ ތިބާއަށްޓަކައި، ލޯބިވާ މީހުންނާއި ގައުމަށްޓަކައި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން އެންމެ ގިނައިން މިހާރު އަޑު އިވޭ އެއްވާހަކަ އަކީ ކަރަންޓީން ކުރަން ޖެހޭ ބައެއް ފަރާތަކުން އެކަމަށް ދެކޮޅުހަދައި ކޯޓު އަމުރުގެ ދަށުން ކަރަންޓީނަށް ގެންދަން ޖެހޭ ވާހަކަ އެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރެއާއި ދުވާލު ރައްޔިތުންނަށް ހިދުމަތް ކުރަން އުޅޭ ސިއްހީ އިދާރާތަކުގެ މީހުންނަށް މިކަމުގެ ސަބަބުން އިތުރު ބުރައެއް ދެނީއެވެ.

ކަރަންޓީނަށް ގެންދަނީ މީހަކަށް އަދަބެއް ދޭކަށް ނޫނެވެ. ކުށްވެރިވެގެނެއް ވެސް ނޫނެވެ. ޖަލަށްލާކަށް ވެސް ނޫނެވެ. ކޯޓު އަމުރު ހޯދައިގެން ގަދަކަމުން މިގެންދަން ޖެހެނީ ބޭހެއް ވެކްސިނެއް އަދި މިހާތަނަށް ހޯދިފައި ނުވާ ބަލިމަޑުކަމަކުން ތިމާއާއި ތިމާ ލޯބިވާ އާއިލާ އަދި މުޖުތަމައުގެ އެހެން ފަރުދުން ރައްކާތެރިކުރުމަށްޓަކައެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އަލީ ޝަރީފް ވިދާޅުވީ އިސްލާމް ދީނުގައި ސިއްހީ ސަބަބުތަކަށްޓަކައި ކަރަންޓީން ކުރުމަކީ ޝަރުއީ ވާޖިބެއް ކަމަށެވެ. ޝެއިޚް ޝަރީފް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނަކީ އިންސާނުން އުޅެންވީ ގޮތުގެ އެންމެ ފުރިހަމަ މަގު ދައްކަވާފައިވާ ދީން ކަމަށެވެ. އިސްލާމް ދީނުގައި މިކަން އޮންނަ ގޮތަށް ބަލާއިރު ކަރަންޓީން އަކީ މާކުރިން ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވަބާއީ ބަލިތައް ފެތުރޭ ތަންތަނާއި މެދު އަބްދުއްރަހްމާނު ބުން އައުފާއި އުސާމާ ބުން ޒައިދު رضي الله عنه ގެ ކިބައިން ރިވާ ވެގެންވޭ. ރަސޫލުﷲ صلى الله عليه وسلم ހަދީސް ކުރެއްވި ކަމަށް (ތާއޫން ބަލި) ފެތުރޭ ބިމެއްގެ ވާހަކަ ތިޔަބައި މީހުންނަށް އިވިއްޖެކަމުގައިވާނަމަ، އެބިމަކަށް ތިޔަބައި މީހުން ނުދާށޭ. އަދި ތިޔަބައިމީހުން ތިބި ބިމެއްގައި އެބަލި ފެތުރިއްޖެ ކަމުގައި ވާނަމަ، އެބަލިން ފިލުމަށްޓަކައި އެބިމަކުން ނުނިކުންނާށޭ. އެހެންވީމަ މީގެންވެސް އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ ގައިންގަޔަށް އަރާ ބައްޔެއް ފެތުރޭނަމަ އެކަހެރި ވާން ޖެހޭކަން. މިފަދަ ވަރަށް ގިނަ ހަދީސްތައް އެބަހުރި މިބަލިތަކާ ގުޅިގެން ކަންކަން ކުރަންޖެހޭގޮތް އަންގަވާފަ" ޝެއިޚް އަލީ ޝަރީފް ވިދާޅުވިއެވެ.

ހަމަ މިމައްސަލައިގައި އައްޝައިހް މުހައްމަދު ސިނާން ވިދާޅުވީ ބަލިތަކާއި މުސީބާތުގެ ދަނޑިވަޅަކީ މީސްތަކުން އިމްތިހާނު ކުރެވޭ ވަގުތެއްކަމަށާއި އެއީ އުނދަގޫ ދަނޑިވަޅުތަކުގައި އެކަލާނގެ މަތިން އުއްމީދު ކަނޑައިނުލައި، އީމާންކަމާއެކު، ހެޔޮކަންކަން ކުރުމުގައި ސާބިތުވެ ދެމިތިބެނީ ކޮންބައެއްތޯ އިމްތިހާނު ކުރެވޭ ވަގުތުތަކެއް ކަމަށެވެ.

ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ގައުމުތަކުގައި މިބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ހާހުން މަތީގައި އުޅޭއިރު އަޅުގަނޑުމެން ފަދަ ވަސީލަތް މަދު ގައުމެއްގައި އެދަދަށް މީހުން ޕޮޒިޓިވް ވާން ފަށައިފި ނަމަ، އެ އެންމެންނަށް ހިދުމަތްވެސް ނުދެވިދާނެ ކަމަށާއި އެ ގާބިލުކަންވެސް ނެތް ކަމަށް އެންއީއޯސީގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވެސް ވަނީ ވިދާޅުވެފައެވެ.

"މިހާރު މިދާ ޓްރެންޑުން ބަލި ފެތުރޭކަމަށްވަންޏާ ކެޕޭސެޓީއެއް ހަމަ ނެތް. ފަރުވާ ނުދެވިއްޖެއްޔާ އޭގެ މާނައަކީ ދޫކޮށްލަންށޭ ޖެހޭނީ. އެތިކަލް މައްސަލައެއް އެއީ. ހުރިހާ ބޭފުޅުން ވެސް ވިސްނަވާށޭ. އަޅުގަނޑުވެސް ހަމަވެދާނެ ފަރުވާ ނުދެވި އެނދުތައް ފުރިގެން ހަމަ ދޫކޮށްލާ މީހަކަށް. އެހެންވީމަ ވަރަށް ވަރަށް އަސްލު ނުރައްކާ މިއީ އަޅުގަނޑުމެން ނުބަލާ އުޅެން ވެއްޖެއްޔާ. އަޅުގަނޑުމެންގެ ނެތް އެ ކެޕޭސިޓީއެއް،" ޑޮކްޓަރު ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މީހުން ބޭތިއްބުމަށް ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަކީ ޖަލުތަކެއް ނޫން ކަމަށާއި އެ ތަންތަނަށް ދާ މީހުން ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.

"ކޮރަންޓީން ފެސިލިޓީއަކީ ޖަލެއް ނޫނެވެ. ދަނޑިމާރު އަޅައިގެން ބަލަހައްޓާ ތަންތަނެއްވެސް ނޫނެވެ. މިތަންތަނަށް ގެންދެވޭ ފަރާތްތަކާއި އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވެސް ވެއެވެ. ފަރުދީ ޒިންމާ އަދާކުރައްވާ! މީގެ މާނައަކީ، އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ފުލުހުން ނާޅާނެ ވާހަކައެއްވެސް ނޫނެވެ." ފައިރޫޝް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ކޮންޓްރޯލް ކުރަން ބޭނުންނަމަ ސިއްހީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލަނބަން ޖެހެއެވެ. އެމީހުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުތައް ބަހައްޓަން ޖެހެއެވެ. ފެންނަ ފެނުމަށް އާދައިގެ ރޯގާއެއް ފަދައިން ޖެހޭ މިރޯގާ ޖެހި އެތައް ބަޔަކު މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިދުނިޔެ ދޫކޮށް ހިނގައްޖެއެވެ. ކުޑަކުދިންނާއި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން މިބަލީގައި ދުނިޔެ ދޫކޮށް އަހަރެމެންނާ ވަކިވެއްޖެއެވެ. އެހެންކަމުން ބަލި ފެތުރުނަ ނުދިނުމަށްޓަކައި ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހެވެ.