އުމުރަށް ތިޔަ ނަމުގައި

އުމުރަށް ތިޔަ ނަމުގައި - 1 ވަނަ ބައި

އާމިނަތު އަޒްލާ

5

ނޫކުލައިގެ ވިލާ ދާދި ކައިރިއަށް ނިމިފައިވާ ސިނަމާލެ ބްރިޖްމަތިން ޓެކްސީ ދުއްވާފައި ދިޔައިރު އާރިޔާގެ ހިތް އޮއިގަދަ ބާނިތަކެއްގެ ތެރެއަށް ޢަރަޢު ވާން އުޅޭ ކަހަލަ އެވެ. އޮފީހު ގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލިއިރުވެސް އާރިޔާގެ ވިސްނުމަކަށް ހަދާނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. މިއީ ކޮންފަދަ މަޖުބޫރީ ކަމެއް ހެއްޔެވެ؟ މި ނޫން ދުވަހަކަށް އިރު އެރި ނަމައޭ އާރިޔާގެ ހިތް ބުނަމުންދިޔައެވެ.

ކާރުން ފައިބައިގެން ގޮސް ލިފްޓް އަށް އެރުމުގެ ބަދަލުގައި އެނާގެ ހިތް ބުނަމުންދިޔައީ ދާން އުޅޭ މަންޒިލާ ވީހާވެސް ދުރު ރާސްތާ އަކުން ދިއުމަށެވެ. ސިޑިން އަރަން ފައި ހަރަކާތްކޮށްލަން އުޅުނުތަނާ ހަމަ އެފިޔަވަޅު މަތީހުރެ އަތުގައި އޮތް މޫނުބޮޑު ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. ދެވަނަ ސިކުންތުގައި ބާރު ވައިރޯޅި އެއްހެން ދުވެފައި ގޮސް ލިފްޓަށް އަރާ ފުންނޭވާ އެއް ދޫކޮށްލިއެވެ. ދެލޯ މަރާ ބާރުކޮށްލުމަށްފަހު އަމިއްލަ ނަފްސަށް ކަމެއް ނިންމާލި ފަދައިން މަޑުމަޑުން ބޯޖަހާލުމަށްފަހު ހިނިތުންވެރި މޫނަކައިގެން ކުރިމަތިން ފެންނަންހުރި ދޮރުގެ އެތެރެއަށް ވަދެގެން ދިޔައެވެ.

ރިޝެޕްޝަނުގައި އިންކުއްޖާ ދާންވީ މަންޒިލް ބުނެދިނުމާއި އެކު ނަގާފައިވާ ބޯވިލާގަނޑުން އޭނާގެ ހަޔާތަށް އަންނާނީ ކޮންފަދަ ކެރިގަނޑެއްކަން ނޭނގޭ ހާލު އާރިޔާ މީޓިންގް ރޫމަށް ދިޔައިރު ކުންފުނީގެ އެންމެ އިސްވެރިޔާ މާލިކު އެތާނގައި އިންނެވިއެވެ. މާލިކުގެ ފަންސާހަކަށް ގޮސްފައިވާ ރޫގިނަ މޫނުން ފެންނަނީ ވަރުބަލިކަމެވެ.

މާލިކުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެގެން އިން އިރު ދެއަތް ދެއަތާ ކުޅެލަ ކުޅެލާ އާރިޔާ އިންއިރު މާލިކުގެ ފަރާތުން އަންނާނެ ސުވާލަކަށް އޭނާ އިނީ އިންތިހާއަށް ޖެހިލުންވެފައެވެ.

އެހެނަސް އާރިޔާ އަކީ މާލިކުގެ ގާތް އެކުވެރިއެއްގެ ދަރިއަކަށް ވާތީ މާލިކު ވާހަކަ ދެއްކީ ނިކަން ގާތް ކޮށެވެ.

"ބޭބެ މިހާރު މިއުޅެނީ މަސައްކަތާ ދުރަން ޖެހިލަން، ކުންފުނި ހިންގުމުގެ އެއްމެހާ ޒިންމާ އެއް މިވަގުތު ނަގަނީ ބޭބެ ގެ ދެދަރިން އެކުދިންގެ އިރުޝާދާ އެއްގޮތަށް އާރިޔާ ވެސް ހިތްވަރާއެކު މަސައްކަތް ކުރާނެ ކަމަށް ބޭބެ އުއްމީދު ކުރަން" މާލިކު ގެ ވާހަކަ އަވަސް ކަމުން އެނާ އޭނީ މިވަގުތު ތަނަކަށް ދާން ލަސްވެފައޭ ނަސީބެކޭ އާރިޔާ ހިތަށް އެރިއެވެ.

"ލައްބަ، އަޅުގަނޑުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރާނަން" އަދަބުވެރިކަމާއިއެކު އާރިޔާ އެހެން ބުނިއިރު ތަޤްދީރު މިއަދު އޭނާ އާއި ކުރާނީ ކޮން ސަމާސައެއް ބާއޭ ބުއްދި ހަނދާންކޮށްދެމުން ދިޔައެވެ.

ވަގަކު ކުށް ސާބިތުނުވެ ސަލާމަތްވާ ހެން މިފަހަރު މާލިކުގެ ކުރިމަތިން އާރިޔާ ކިތަންމެހާވެސް ފަސޭހައިން ސަލާމަތް ވެއްޖެ އެވެ. ޕާސަނަލް ސެކެޓްރީ އެއްގެ މަޤާމަށް އޭނާ އައްޔަން ކުރީ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅެއްގެ ހުރި ތައުލީމީ އަންހެން ކުއްޖެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އާރިޔާ ކުރަމުން އެގެންދަނީ ޤާނޫނީ ގޮތުންބަލާ ނަމަވެސް ބޮޑު ކުށެކެވެ. އޭނާގެ މަޖުބޫރީ ހާލަތު ދެއްކި ވަގުތީ ރާސްތާއިން ވިސްނުމެއްނެތި އެހެރަ ކުރިޔަށް ދަނީ އެއްމެ ގާތް ދެ އެކުވެރިންގެ ބަހަށެވެ.

ދުނިޔެއަށް މިނިވަން ކަމާއިއެކު ނޭވާލާ ޒުވާންކަމުގެ ފޮނިމީރުކަން އިހްސާސްކުރަން ޖެހުނު ދުވަހު ކަލާނގެ އޭނާއަށް މިދައްކަވަނީ ކޮންކަހަލަ އިންތިހާނެއްބާއޭ އާރިޔާ ހިތަށް އަރަމުންދިޔައެވެ. މިއޮޅުވާލުމުގައި ހަނާ ނުވެ ބޭޒާރުވުން ހެޔޮކަމަށް ދެކުންވެސް މާރަނގަޅެވެ. އޮފީހުގައި މި ހޭދަވި އެއްގަޑީއިރު ތެރެވެސް އާރިޔާ އަށް ހީވީ ޖަހަންނަމައިގެ އަޒާބެއްގެ ތެރެއަށް ފުންމާލެވެން އުޅޭހެންނެވެ. އެހެނަސް އެނާގެ ނަފްސް ކޮންޓްރޯލް ކުރުން ފިޔަވާ އިތުރުގޮތެއް މިވަގުތު ނެތެވެ. މިއިހްސާސްތަކުން ސިކުނޑިވަރުބަލި ކުރަމުންދާއިރު މިއީ ދެދުވަހުގެ ކަމެކޭ ހިތްވަރުކޮށްލާށޭ ބުނެ އާރިޔާ ގެ އެއްމެ ގާތް ދެއެކުވެރިން ދިޔައީ މެސެޖް ކުރަމުންނެވެ.

* * * * * * * * * * * * * *

އަވަސް ހިނގުމެއްގައި ގޭތެރެއަށް ވަދެގެން އައި ދާރިޔާ ފެނިފައި އަމީނާގެ މޫނު ފުސްވެގެން ދިޔައެވެ. ހަރު ހިނގުމެއްގައި އައިސް އަމީނާ ގެ ކުރިމައްޗަށް ހުއްޓި ފަނޑު ހިނިތުންވުމާއެކު ދާރިޔާ ސޯފާގައި އިށީންދެލިއެވެ. ހަގީގަތުގައިވެސް ދާރިޔާ އެހުރީ ނުހަނު ހިތް ހަމަ ޖެހިފައެވެ.

" ތިކުރާ ހުރިހާ ކަމެއް އަހަރެން ރަނގަޅަށް އެބަ ބަލަން، ހީނުކުރާތި މަގޭ މާމަދަރިންގެ އުފާތަކާ ކުޅެވޭނެޔޭ" ދުރަށް ބަލަހައްޓައިގެން ހުރެ އަމީނާ ވާހަކަ ދެއްކި އެވެ.

" އަހަރެން މިގެއަށް ފިޔަވަޅު އެޅީއްސުރެ އަބަދު ތިކަހަލަ ތުހުމަތު ކުރަނީ ކީއްވެތަ، މިވީހާތަނަށް ވެސް މާލިކު އާއި މަންމަ ބޭނުންވާ ގޮތަށް ޒައުލް އަށް ހުރިހާ މޮޅެއް، އަހަންނާ ޒަކްވާން ގެ ހިއްސާ އަހަރެން ކޮންމެ ގޮތެއް ހަދާފަވެސް ހޯދާނަން" އެހެން ބުނުމަށް ބާރުބާރަށް ސިޑިން އަރައިގެން ދިޔައިރު ފަހަތުގައި ހުރި މާލިކު ދާރިޔާ އަކަށް ނުފެނެއެވެ.

* * * * * * * * * * * * * * *

" ސަރ ކޮފީ" އާރިޔާ އަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. މާލިކުގެ ދަރިފުޅަށް އޭނަ އަކީ ކާކު ކަން އެނގިދާނެތީ މީހާ ތުރުއަޅަނީ އެވެ.

ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ޖަވާބެއް ނައިސް ދިއުމުން އޭނާގެ ބޮސް އާއި ދިމާއަށް ބަލާލަން އާރިޔާ އަށް މަޖުބޫރުވިއެވެ. ފައިލް ތަކުގެ ތެރެއަށް ގެއްލިފައި އިން ޒައުލް އަށް އަދި އާރިޔާ ގެ އަޑު ނީވެނީ އެވެ. އާރިޔާ ދެވަނަ ފަހަރަށް ތަކުރާރު ކޮށްލިއެވެ.

"ކީޕް އިޓް ހިއާ" ބައްޕަ ގެ ރައްޓެއްސަކަށް މިވަޒީފާ ހަމަޖެއްސީތީ ޒައުލް ހުރީ އިންތިހާ އަށް ރުޅިގަދަވެފައެވެ. އެހެންވެ އޭނަގެ ޕާސަނަލް ސެކެޓްރީއަށް މަރުހަބާ ކިޔާކަށްވެސް ބޭނުމެއް ނުވިއެވެ.

ޒައުލްގެ އަމަލުތައް ހުރިގޮތުން އާރިޔާ ޖެހިލުންވެއެވެ. އޭނާ މިކުރަމުންދާ ބޮޑުކުށް ޒައުލް ކަހަލަ ހަރުކަށި މީހަކަށް ފަޅާ އަރައިފިނަމަ ވާނީ ކިހިނެތްބާއެވެ. މިކުރަނީ ޤާނޫނީ ބޮޑު ކުށެކެވެ. މިކަމުން ސަލާމަތް ވެވެން އޮތް އަވަހަކަށް ސަލާމަތް ވާންވީއެވެ. އާރިޔާ މިވަޒީފާ އަށް އައީ އެހެން މީހެއްގެ ސީވީ ބޭނުންކޮށްގެން ކަން އެނގިއްޖެނަމަ އަދި އާރިޔާ އަކީ މާލިކުގެ ގާތް އެކުވެރިޔާގެ ދަރިފުޅު ނޫންކަން އިނގޭ ދުވަހަކުން ވާނީ ކިހިނެތްބާއެވެ. ޒައުލްގެ ބަލާލުމާއެކު އާރިޔާ އަށް ފަހަތަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ...

(ނުނިމޭ)