ކުޅިވަރު

ޖަރުމަނުގެ ބުންޑެސްލީގާ ފެށުމުގެ ހުއްދަ ދީފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަންގެ ބުންޑެސްލީގާގެ ކުޅުން ފެށުމުގެ ހުއްދަ ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ދެއްވައިފި އެވެ.

ކޮވިޑް އާ ގުޅިގެން ޖަރުމަންގެ ލީގްގެ ކުޅުން މެދުކަނޑާލީ މާޗް މަހު އެވެ. ލީގް އަލުން ފެށުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދިނީ ސިއްހީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ޝަރުތު ކުރުމަށް ފަހު އެވެ. އެގޮތުން މެޗުތައް ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

މިކަމާއި ގުޅިގެން ބުންޑެސްލީގާގެ ސީއޯ، ކްރިސްޓިއަން ޒައިފާޓް ވިދާޅުވީ، ލީގް އަލުން ފަށާއިރު ކުލަބުތަކަށް ވަރަށް ބޮޑު ޒިންމާއެއް އެބައޮތް ކަމަށެވެ. އެގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި ސިއްހީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމުގައި ފަރުވާތެރި ވުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ސަޕޯޓަރުން ނުވައްދައި ކުޅުމަކީ އެއްވެސް ބަޔަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިހާލަތުގައި އެކަން ގަބޫލު ކޮށް ލީގް ފެށޭތީވެސް އެކަން އުފަލާއެކު ބަލައި ގަތުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިދިޔަ މަހު، ޖަރުމަންގެ ކުލަބުތަކުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ބުންޑެސްލީގާ މެއި 15 ގައި ފަށަން ނިންމާފައިވާއިރު ލީގުގެ ގިނަ ކުލަބުތަކަށް ބާކީ އޮތީ ނުވަ މެޗެވެ. ބަޔާން މިޔުނިކް އެއް ވަނައިގައި އޮތީ، ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑަށް ވުރެ އިތުރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ލީގް ފެށުމުގެ ހުއްދަ ލިބުމާއެކު އެ ގައުމުގެ ލީގް ވެގެން ދާނީ ޔޫރަޕްގެ އެންމެ ބޮޑު ލީގްތަކުގެ ތެރެއިން ކޮވިޑް 19ގެ ކަންތަކަށްފަހު އެންމެ ފުރަތަމަ ފަށާ ލީގަށެވެ. އިނގިރޭސި ވިލާތަކީ ކޮވިޑް 19 އަށް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވީ ގައުމެކެވެ.