ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މީހުން ބޭތިއްބުމަށް ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަކީ ޖަލުތަކެއް ނޫން ކަމަށާއި އެ ތަންތަނަަށްދާ މީހުން ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެ އެވެ.
ކަރަންޓީނު ފެސިލީޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރާ އައްޑޫ ކެނަރީފް ރިސޯޓުން ރޭ ބަޔަކު ފިލި މައްސަލަ ފެންމަތިވެފައިވާއިރު، ފައިރޫޝް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކަކީ ޖަލުނޫން ކަމށާއި، އެތަންތަނަކީ މީހުން ދަނޑިމާރު އަޅައިގެން ބަލަހައްޓާ ތަންތަނެއްވެސް ނޫން ކަމަށެވެ.
"ކަރަންޓީން ފެސިލިޓީއަކީ ޖަލެއް ނޫން. ދަނޑިމާރު އަޅައިގެން ބަލަހައްޓާ ތަންތަނެއްވެސް ނޫން،" ފައިރޫޝް ވިދާޅުވިއެވެ
ފައިރޫޝް އިތުރަށް ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭ ފަރާތްތަކާއި، އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވެސް އޮންނަ ކަމަކާއި، އެ ހުރިހާ އެންމެން ފަރުދީ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ފައިރޫޝް ވިދާޅުވީ، އޭގެ މާނަކީ، އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ފުލުހުން ނާޅާނެ ވާހަކަ ނޫން ކަމަށެވެ.
އައްޑޫ ކެނަރީފުން ފިލި ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.