ބޮލީވުޑް

ޕަރިނީތީގެ ވާޗުއަލް ކޮފީ ޑޭޓްގެ ސަބަބުން 4000 އާއިލާއަކަށް ކާން ލިބޭނެ

ކޮވިޑް19ގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިވުމަށް، ފުދުންތެރި މަގުބޫލު ގިނަ ފަރާތްތަކުން އެކިކަންތައް ހުށަހަޅަމުން އަންނައިރު ބަތަލާ ޕަރިނީތީ ޗޯޕްރާ މިވަނީ ތަފާތު ކަމެއް ހުޅުވާލާފައެވެ.

ޕަރިނީތީ ހުޅުވާލީ ވާޗުއަލް ކޮފީ ޑޭޓުތަކަށް ދިއުމަށެވެ. އަދި އޭގެ ސަބަބުން ދުވަހު މުސާރައަށް އުޅޭ އަދި އެންމެ ހާލުގައި އުޅޭ އާއިލާތަކުގެ 4000 އާއިލާއަކަށް ކެއުން ފޯރުކޮށްދެވޭނެކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މި ކެމްޕެއިނުން ލިބޭ ފައިސާއިން މުގާއި ހަނޑޫ، ފުށް، ލޮނު، ހަވާދު، ސައި، ހަކުރު، ތެޔޮފަދަ ތަކެތި ހަތަރު މީހުންގެ އާއިލާ އަކަށް ކެވޭ ވަރަށް މަހާރާޝްތުރާ، ރާޖަސްތާން، ބިހާރު އަދި ޓެމިލްނާޑޫގައި ބަހަން ވަނީ ނިންމައިފަ އެވެ.

ޕަރިނީތީ މިކަން ކުރަނީ ބަތަލު އަރްޖުން ކަޕޫރުގެ ކޮއްކޮ އަނުޝްލާގެ ޗެރިޓީއާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން ޕަރިނީތީ ބުނީ ކޮވިޑް19ގެ ސަބަބުން އެތައް މިލިއަން މީހުން ވަނީ ވަޒީފާ ނެތި ބިކަވެފައިވާ ކަމަށެވެ. ހާއްސަކޮށް ދުވަހު މުސާރައަށް މަސައްކަތް ކުރަމުން އައި މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ ދުވަހު ހަރަދު ވެސް ދެކޮޅު ނުޖެއްސޭ ކަމަށް ބުންޏެވެ.

"އެއްވެސް މީހަކު ބަނޑަށް ހުރެ ނިދާކަށް ނުވާނެ. އަހަރުމެންނަށް ވެވުނު ވަރަކުން އެހީވުން މުހިންމު. މި ކެމްޕެއިން ހުޅުވާލީ ވާޗުއަލްކޮށް އަހަރެންނާ ކޮފީ ޑޭޓަކުން ބައްދަލުކޮށް ބައްދަލުކޮށް، ހާލުގައި ތިބި މީހުނަށް އެހީވުމުގެ ގޮތުން. ވީޑިއޯ ޗެޓް މެދުވެރިކޮށް ފަސް މީހަކަށް ގުޅާނަން. އަދި ކޮފީ ބޮމުން އެކުގައި ވާހަކަދައްކާލެވޭނެ." ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ އިތުރަށް ބުނީ މިއީ އެންމެން އަތުގުޅާލައިގެން މަސައްކަތްކޮށް އެންމެ ބޮޑަށް އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވާންވީ ވަގުތުކަމަށެވެ.