ދުނިޔެ

އުފާވެރި ހަބަރެއް، ކޮވިޑަށް ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެ ކަމަށް އިޓަލީގެ ސައިންސްވެރިން ބުނެފި

އަލީ ޔާމިން

2

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އަށް ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެ ކަމަށް އިޓަލީގެ ސައިންސްވެރިން ބުނެފިއެވެ.

އެ ވެކްސިން އުފައްދާފައިވަނީ އިޓަލީގެ ވެރިރަށް ރޯމުގައި ހުންނަ ލަޒާރޯ ސްޕަލަންޒަނީ ނޭޝަނަލް އިންސިޓިއުޓް ފޯ އިންފެކްޓިއަސް ޑިޒީސަސްގެ ސައިންވެރިންގެ ލަފާގެ މަތިން އެގައުމުގެ ޓަކިސް ކޮމްޕެނީންނެވެ.

އެ އިންސިޓިއުޓްގެ ސައިންވެރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، އެ ވެކްސިނަކީ ކޮރޯނާވައިރަސްގެ ބާވަތަކުން މީގެ ކުރިން ފެތުރުނު ސާސްސް-ކޮވް-2 އަށް ފަރުވާކުރުމަށް ބޭނުންކުރި ވެކްސިނާ އެއްގޮތް ވެކްސިނެކެވެ.

ކޮވިޑަށް ފަރުވާ ކުރުމަށް އުފެއްދި ވެކްސިން މީދާ ބޭނުންކޮށްގެން ޓެސްޓުކޮށްފައިވާއިރު، އެ ވެކްސިންގައި އެކުލެވޭ އެންޓިބޮޑީސްގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ސެލްތަކަށް ވައިރަސް ޖެހުމުން ބުލޮކްކޮށްދޭ ކަމަށް ސައިންސްވެރިން ބުނެއެވެ.

ޓަކިސްގެ ސީއީއޯ ލުއިޖީ އޯރިސިޗިއޯ އިޓަލީގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ކޮވިޑަށް ފަރުވާކުރުމަށް އުފެއްދި ވެކްސިނަކީ ކާމިޔާބު ވެކްސިނެއް ކަމަށާއި، މިއަހަރުގެ ޖުލައި އަދި ސެމްޓެމްބަރު މަހުގެ ތެރޭގައި އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކުރާނެ ކަމަށެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުން އެ ވެކްސިނަކީ އިންސާނުންގެ ހަށިގަނޑަށްވެސް މަސައްކަތް ކުރާނެ، އަދި ނަތީޖާ ފެންނާނެ ވެކްސިނެއް ކަމަށް ލުއިޖީ ވިދާޅުވިއެވެ.

ކޮވިޑަށް މިހާތަނަށް ސާބިތުކުރެވޭ ފަރުވާއެއް ހޯދިފައިނުވާއިރު، އެ ބައްޔަށް ވެކްސިނެއް އުފެއްދުމަށް ބައެއް ގައުމުތަކުންނާއި ކުންފުނިތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން، އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންސްވެރިންނާއި، އެމެރިކާ އަދި ޖަރުމަނުވިލާތުގެ ސައިންސްވެރިން ވަނީ ކޮވިޑަށް އުފެއްދި ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކުރަން ފަށާފައެވެ.