ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ މައްސަލައިގައި، ސަރުކާރުން ކަންކުރާގޮތް ކޮންމެ ތިންމަހަކުން ކޮމިޓީއާ ހިއްސާކުރަންޖެހޭ ގޮތަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

ބިދޭސީ މަސައްކަތްތެރިންގެ މައްސަލައިގައި، ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތާއި އަޅަމުން އަންނަ ފިޔަވަޅުތުުގެ ތަފްސީލު ކޮންމެ ތިން މަހަކުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ރާއްޖޭގައި ބޮޑުވެފައިވާ، ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ދިރާސާކޮށް އެ ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ހިމަނައިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި އެ ރިޕޯޓްގައި، ތިންކަމެއް ފާހަގޮށް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ، ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިން ދެނެގަތުމަށްޓަކައި، އެފަދަ ފަރާތްތައް ރަޖިސްޓްރީކުރުމާއި، ދިވެހިރާއްޖޭގައި އުޅޭ އަދި އެތެރެވާ ބިދޭސީން މޮނީޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާކަން ކޮމިޓީއަށް ފާހަގަކުރެވޭތީ، އެފަދަ ބިދޭސީން ރަޖިސްޓްރީކުރުމާއި މޮނީޓާ ކުރުމުގެ ކަންކަން ހަރުދަނާކަމާއެކު ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ކުރައްވަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

އެފަދަ ބިދޭސީ މަސައްކަތްތެރިން މަދުކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ވަޒީފާ ނުލިބި ތިބި ބިދޭސީން އެމީހެއްގެ ގައުމަށް ފޮނުވާލުމުގެ ކަންކަން ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ގުޅިގެން ލަސްނުކޮށް އިންތިޒާމް ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.

ރިޕޯޓްގައި ދެން ހުށަހަޅާފައިވަނީ، މި މައްސަލައާއި ގުޅިގެން، ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން އަމަލުކުރަމުން ގެންދާ ގޮތާއި، އަޅުމުން ގެންދަވާ ފިޔަވަޅުތަކާ ގުޅޭ ތަފްސީލު، ކޮންމެ ތިންމަހަކުން ކޮމިޓީއާ ހިއްސާ ކުރަމުން ގެންދިއުމަށެވެ.

ރަސްމީ ލިޔުން ނެތް ބިދޭސީ މަސައްކަތްތެރިން ގިނަވެ ތޮއްޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްކުގެ ތަފްސީލުވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.

އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ބިދޭސީންގެ އެކޮމޮޑޭޝަންގެ ކަންކަން ހަމަޖެއްސުމަށް ރަނގަޅު ފެސިލިޓީތައް ގާއިމްކުރެވެމުންދާކަން ފާހަގަކޮށްފައި ވެއެވެ.

އޭގެ ތެރެއިން މިފެށޭ މެއި މަހު އެއް ފެސިލިޓީ އެއްކޮށް ނިންމާއި، 2000 މީހުންގެ އެކޮމޮޑޭޝަންގެ ކަންކަން އެތަނުން ހަމަޖެއްސޭނެ ކަމަށާއި، މާލެ ސަރަހައްދާއި ކައިރިން ގުޅީފަޅުގައި 30 ހެކްޓަރުގެ ބިމެއް ހިއްކައި އެތަނުގައި "ވޯކާސް ވިލެޖެއް" ގާއިމްކޮށް ގާތްގަނޑަކަށް 40000 ބިދޭސީ މަސައްކަތްތެރިންނަށް އެފަރާތްތަކުގެ ވެރިފަރާތުގެ ހަރަދުގައި ކެއިންބުއިން ލިބޭ ފަދަ ގޮތަކަށް އެކޮމޮޑޭޝަން ހަމަޖެހިގެންދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއާ ހަވާލާދީ އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލުވެސް ވަނީ ހިމަނައިަފއެވެ.