ޚަބަރު

އަމީން ދީދީގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ

މަރިޔަމް ޝަހުދާ

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ އެވެ.

އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް މިއަދުގެ ވަގުތެއްގައި އަމިއްލަ ގެކޮޅުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަމީނާ ދީދީ އަވަހާރަވެފައިވަނީ އުމުރުފުޅުން 85 އަހަރުގައެވެ.

ރައީސް އަމީންގެ ދަރިކަނބަލުން އަމީނާ އަކީ މަރްހޫމް ހުސެއިން ސަލާހުއްދީންގެ ދަރިކަނބަލުން ފާތިމަތުގެ ސައީދުގެ ފަރާތްޕުޅުން ރައީސް އަމީނަށް ލިބިވަޑައިގެން ތިން ބޭފުޅުންގެ ތެރެއިން މިހާތަނަށް ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާއެވެ.

1985 އިން 1989 އަކާއި ދެމެދު އަމީނާ ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސެއްގެ ބޭފުޅަކު ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރެއްވި ފުރަތަމަ ފަހަރެވެ.

އަމީނާ އަވަހާރަވި އިރު ދުނިޔޭގައި އެކަމަނާގެ ފިރިކަލުން އަދި ހަތަރު ބޭފުޅުން އެބަތިއްބެވިއެވެ. އެ ހަތަރު ބޭފުޅުންނަކީ އިބްރާހީމް ފައިސަލް އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި މިހާރު އިނގެރޭސި ވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލްގެ އިތުރުން ޝުވޭކާރް ހަމީދު އެވެ. އަމީނާގެ 14 މާމަ ބޭފުޅުން އެބަތިއްބެވި އެވެ. އެއީ އިބްރާހީމް ފައިސަލްގެ 4 ބޭފުޅުންނާއި އަމީން ފައިސަލްގެ 6 ބޭފުޅުންނާއި ފަރަހަނާޒް ފައިސަލްގެ އެއް ބޭފުޅެއް އަދި ޝުވޭކާރް ހަމީދުގެ ތިން ބޭފުޅުންނެވެ.

އަމީނާ ވަނީ "ޖިންސުއްލަތީފުންގެ ރޫހު" ގެ ނަމުގައި ޖަމިއްޔާއެއް ހައްދަވައިގެން ރާއްޖޭގެ އަންހެނުން ތަރައްގީކޮށް ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ކުރައްވައިފައެވެ. މި ޖަމިއްޔާގެ ފަރާތުން މަޖައްލާއެއްވެސް ނެރުއްވި އެވެ. ކުރީގެ ރައީސް، ރައީސް އިބްރާހީމް ނާސިރުގެ އަރިހުގައި ވެސް މަސައްކަތްކުރެއްވި އެވެ.