ޚަބަރު

ސަރުކާރުގެ ލޯން ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ: މިނިސްޓަރު ޔުމްނާ

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާ ގުޅިގެން އެކި ވިޔަފާރިތަކަށް ސަރުކާރުން އިއުލާނުކޮށްފައިވާ ލޯން ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ އޮންލައިންކޮށް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ފަންނާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ފަންނާނުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުން، ސަރުކާރުން އިއުލާނުކޮށްފައިވާ ލޯނު ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި ކަމަށެވެ. އަދި ވަރަށް އަވަހަށް ގްރާންޓް ސްކީމެއް އިއުލާނުކުރައްވާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި ކަމަށް މިނިސްޓަރު ޔުމްނާގެ ޓުވީޓުގައި ފާހަގަކުރެއްވިއެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނީ ވަޒީފާގެ ޙާލަތަށް ބަދަލުއައިސްފައިވާ ފަންނާނުން އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އިލްތިމާސްކުރާ ކަމަށާއި ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމުގެ އިންތިޒާމު އެ ސެންޓަރުގެ ވެބްސައިޓް (www.jobcenter.mv) ގައި ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ހުޅުވާލާފައިވާ ލޯން ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ ފަންނާނުން އެ ފުރުސަތުގެ ބޭނުން ހިފުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކުރިއަށް އޮތް ތާނގައި އިއުލާނުކުރާ ގްރާންޓް ސްކީމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަންޖެހޭ ފަރާތްތަކުން ހޯދައި، ތައްޔާރުކޮށްފައި ބެހެއްޓުމަށް ވެސް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މި ހާލަތު ކުރިމަތިވި އިރު ކުރަމުންދިޔަ މަސައްކަތާއި މަސައްކަތްކުރި ތަން އެނގޭނެ ލިޔެކިޔުން (މަސައްކަތުގެ ކޮންޓްރެކްޓް / ރިފަރެންސް ސިޓީ) އަދި އެ މުއްދަތުގައި އާމްދަނީ ލިބެމުންދިޔަކަން އެނގޭނެ ލިޔެކިޔުން (އެކައުންޓް ސްޓޭޓްމަންޓް / ޕޭމަންޓް ސްލިޕް) ހޯދައި ތައްޔާރު ކޮށްފައި ބެހެއްޓުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ކޮވިޑް19ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ފަންނާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން މީގެ ކުރިން މިނިސްޓަރު ޔުމްނާ ވަނީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.