މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑޮލުން ވިދާލި އިޝާން ލަވަކިޔުން ހުއްޓާލައިފި

މަރިޔަމް ޝަހުދާ

1

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފިއެވެ.

އިޝާން އޭނާގެ ނިންމުން އާންމުންނާ ހިއްސާކޮށްފައިވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ޝެއާ ކުރި ޕޯސްޓެއްގައެވެ.

އެގޮތުން މިއުޒިކު ކުޅެ މިއުޒިކު އަޑުއެހުމަކީ މާތް ﷲ އާއި ތިބާއާ އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތިކޮށްލާ ކަމެއް ކަމުގައި އިޝާން ސިފަކުރިއެވެ. އަދި މިއުޒިކަކީ ޝައިތާނާ ބޭނުން ކޮންމެ ގޮތަަކަށް ތިމާގެ ނަފްސު ކޮންޓްރޯލް ކުރާ ކަމެއް ކަމަށް އިޝާން ބުންޏެވެ.

އިޝާން ބުނި ގޮތުގައި އެތައް އަހަރެއްވަންދެން އޭނާ ކުޅުނު މިއުޒިކުން ހިތަށް ލިބުނު އިހުސާސާއި މާތް ﷲއަށް ކުށްތަންވެ ކުރި އެންމެ ސަޖިދައަކުން ހިތަށް ލިބުނު އަރާމާއި ނުބައްދަލެވެ.

ކުރިން މިއުޒިކު ކުޅެގެން އެއް ރެއަށް ލިބޭ ފައިސާއަކީ މިހާރު މަހެއްގެ މައްޗަށް ލިބޭ އުޖޫރަ ކަމަށް އިޝާން ބުނެއެވެ. ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނާގެ ހިތާއި ގުޅިފައި އޮތް ކަމެއްކަން މިހާރު އިހުސާސްވާ ކަމަށް އިޝާން ބުނެފައިވެއެވެ.

މީގެ އިތުރުން އިޝާން ވަނީ މީގެ ކުރިން އޭނާ ކިޔާފައިވާ އަދި ކުޅެފައިވާ ލަވަތައް އަޑު ނޭހުމަށް އާންމުންގެ ކިބައިން އެދިފައެވެ.

2016 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި އިޝާން ވަނީ ތިން ވަނަ ހާސިލުކޮށްފައެވެ. އޭނާއަށް މޯލްޑިވިއަން އައިޑަލްގައި ލިބުނު ކާމިޔާބީއަށް ފަހު އިޝާން ގިނައިން މަސައްކަތް ކުރީ ރިސޯޓުތަކާއި އެކި ޝޯތައް ހުށަހަޅައިދިނުމުގައެވެ.