"ޕްރޮގްރެސިވް ކޯލިޝަން"

ކައުންސިލަރުންގެ މުއްދަތު ދަންމާލާ ބިލުގެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅަން އިދިކޮޅުން ނިންމައިފި

އިބްރާހިމް ޒަކީ

1

ކައުންސިލް އިންތިހާބުގެ ވޯޓުލް ފަސް ކޮށްފައިވާއިރު، އަންނަ ޖޫންމަހުގެ 3 އަށް މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވާތީ އެފަރާތްތަކުުގެ މުއްދަތު ދަންމާލުމަށް، "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020"ގެ ނަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވި ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

އެކަން ހާމަކޮށް އިދިކޮޅު ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ބިލެއް ކަމަށެވެ.

ގާނޫނު އަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާން ވެފައި ވަނިކޮށް މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލު ނުކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ގާނޫނުއަސާސީއާއި ހިލާފަށް ފާސްކުރާ ކޮންމެ ގާނޫނަކީ ބާތިލު ގާނޫނެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ކަމަށައި، ގާނޫނުއަސާސީގައި ބަޔާންވެފައިވާ ކަމެއް ކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ގާނޫނުއަސާސީން ނުލިބޭނަމަ އެކަމުގެ ފަރުވާ ހޯދަން ޖެހޭ ތަނަކީ ސުޕްރީމް ކޯޓު ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، ނޫން ނަމަ ދެން އޮތް ގޮތަކީ ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ބިލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ދުސްތޫރީ ނިޒާމުގައި ހަމަޖެހިފައި ހުރި އުސޫލުތަކާއި އަސާސްތައް ގަޑުބަޑު ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބިލަކީ ގާނޫނުއަސާސީއަށް ގޮންޖަހައި މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖާއިޒު ފައިދާ ނަގައި، ތިމާމެން ބޭނުންވާ ގޮތަކަށް އިންތިހާބުތަކާ ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތެއް ކަަމަށްވެސް ބުނެފައި ވެއެވެ.