ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މެލޭޝިއާގެ ލިންބަގް ހޯލްޑިންގެ ފައުންޑާ، ޑަޓުކް ވިރަ ލިންގް ރާއްޖެއަށް 60،000 މާސްކު ހަދިޔާކޮށްފިއެވެ. ލިންބަގް ހޯލްޑިން އަކީ އިމާރާތް ކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
ޑަޓުކް ވިރަ ލިންގްގެ ފަރާތުން މި ތަކެތި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއާ ހަވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. ނާޒިމް އަކީ ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ގްރެންޑްއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެކެވެ. އަދި ޑަޓުކް ވިރަ ލިންގް އަކީ އެކުންފުނީގެ މެނޭޖިންޑިރެކްޓަރެވެ.
މާސްކް ހަދިޔާކުރެއްވުމަށްފަހު ޑަޓުކް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތި އުނދަގުލުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުން މިކަމުން އަރައިގަނެ ރާއްޖޭގެ އިގްތިސާދު ވެސް އަލުން ކޮޅަށް ޖެހޭނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.