ހިޔާނާތްތެރި ވުމުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (އެސެޓް ރިކަވަރީ ކޮމިޝަން) އިން ބަލަމުން އަންނަ ދައުލަތުން ވައްކަންކޮށްފައިވާ މައްސަލަތަކާއި، ހިޔާނާތުުގެ ބޮޑެތި މައްސަލަތައް އަވަހަށް ބަލައި، އެފައިސާ ދައުލަތަށް އަވަހަށް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހުށަހަޅައިފިއެވެ.
އެ ކޮމިޓީން މިގޮތަށް ހުށަހަޅާފައި ވަނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅުންހުރި ފަރާތްތަކުުން މިހާލަތުގައި ކުރަން ޖެހޭ ކަންކަން ކަނޑައަޅައި އިއްޔެ މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައެވެ.
މި ރިޕޯޓުގައި ވަނީ "ރާއްޖޭގެ އިގްތިސާދު މިހާ ނާޒުކު ފައްތަރަކަށް ގޮސްފައިވާ މި ހުތޫރަތްތެރި ވަގުތުގައި، އަދި މި ވަގުތަކީ ގައުމުގެ ސަލާމަތީ ކަންކަމަށް ފާރަވެރިވެ ތިބެން ޖެހޭ ވަގުތެއްކަމަށް ވީހިނދު، އެސެޓް ރިކަވަރީން ބަލަމުން އަންނަ، ދައުލަތުން ވައްކަންކޮށްފައިވާ މައްސަލަތަކާއި އަދި، އެމްއެމްޕީއާރުސީގެ ހިޔާނާތް ފަދަ ބޮޑެތި މައްސަލަތައް އަވަހަށް ބަލައި، އެފައިސާ ދައުލަތަށް އަވަހަށް ހޯދަންޖެހޭ،" ކަމަށެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައިވެސް، އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން، މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރާ ކޮމިޝަނާއި، އަދި ދައުލަތުގެ އެކިއެކި އިދާރާތަކުން ކުރިއަށްގެންދާ ބޮޑެތި މައްސަލަތައް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ އުސޫލުތާކާ އެއްގޮތްވާ ގޮތުގެމަތިން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ކޮމިޓީ ރިޕޯޓްގައި ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން މިހާލަތުގައި، ސަރުކާރުންނާއި ވަކިން ހާއްސަކޮށް ސަލާމަތީ ހިދުމަތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސް ނުކޮށް އެޅުމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.