ރިޕޯޓް

ހިތްފަޅައިގެންދާފަދަ މަންޒަރެއް! ލޯބިވާ ދަރީންނާ ވަކިވެ، އެތައްސަތޭކަ ބަޔަކު ގައުމަށްޓަކައި އެކަހެރި ދިރިއުޅުމެއްގައި

އައިދާ އަބްދުލް ހަކީމް

9

ކޮވިޑް 19 އާގުޅިގެން މި ކުރިމަތިވި ބޮޑު ކާރިސާގައި ލޯބިވާ ދަރީންނާއި އާއިލާދޫކޮށް ހިދުމަތަށް ނުކުމެތިބި ދިވެހީންގެ އަދަދު އެތައް ސަތޭކައަކަށް މިހާރު ވަނީ އަރައިފައެވެ. މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް ވަގުތެއް އަދި ވާނީ ކިހިނެއްކަން އެނގޭ ސައިންސްވެރިއެއް ޑޮކްޓަރެއްވެސް ނެތެވެ.

ކޮވިޑް ރޯގާގެ އާލަމީ ވަބާ ފެތުރެން ފެށުމާއެކު ރައްޔިތުންގެ ހައްގުގައި، މި ގައުމުގެ ހައްގުގައި އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހެޅޭނެކަން އެނގި ތިބެ ބައްޔާ ހަނގުރާމަ ކުރުމަށް ކުރީސަފަށް ނުކުތް ހިތްވަރުދަ ފައުޖުތައް ދަރީންނާއި އާއިލާދޫކޮށް ބަދަލުވެ ތިބީ ވަގުތީ ހިޔާތަކުގައެވެ. މީގެ ތެރޭގައި ސިފައިންނާއި ފުލުހުން، ނަރުހުން، ޑޮކްޓަރުން، އެމްޕީއެލް، އެމްޓީސީސީ، އެސްޓީއޯ، ވެމްކޯ، ސްޓެލްކޯ، ސިއްހީ އެހެން އެހީތެރީން، ޑެލިވަރީގެ ހިދުމަތުގައި ދެމިތިބި ވޮލެންޓިއަރުން، މަޖޫރީން އަދި ނޫސްވެރިން ފަދަ އެތައް ބަޔަު ހިމެނެއެވެ. މިހެން ނަން ހިމަނާލާއިރު ބައެއް މީހުންގެ ނަން ނެތްނަމަވެސް ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ގިނަ ބަޔަކު މިއަދު މިހާލަތުގައި ދިރިއުޅުމުން އަންނަކަން ފާހަގަކުރެވެއެވެ.

އެމީހުންގެ ވެސް އިހުސާސްތަކެއް ހުންނާނެއެވެ. ދެލޮލުގެ ނޫރު ފަދައިން ލޯބިވާ ދަރިންނާއި މައިންބަފައިނާއި އަނބިންނާއި ފިރިން އަދި އާއިލާ މެންބަރުން ތިބޭނެ އެވެ. މިހާލަތުގައި ބައެއް މީހުން ދަރީންނާއި ފިރިމީހާ ނުވަތަ އަނބިމީހާއާއި މައިންބަފައިން ދެކިލަން އެމީހުން ދިރިއުޅޭ ގޭގެ ބޭރު ދޮރުކައިރިޔަށް ގޮސް، ދުރުގައި ތިބެން ދަރީންނަށް ލޯބިން އެގޮވައިލާ ވަގުތަކީ އެމީހުންގެ ހިތްފަޅައިގެންދާނެ ވަގުތުތައްކަން ޔަގީނެވެ. އެ ވަގުތުތަކުގައި ދަރީން ބައްޕީ، މަންމީ ކިޔައި ދުރުގައި ތިބެގެން އެ ގޮވާލާ ވަގުތު އެއީ މަންމައަށް ނޫނީ ބައްޕައަށް ކިހާ އަސަރެއް ކުރާނެ ވަގުތެއްކަން ހިތަށް ގެންނަންވެސް ދައްޗެވެ. އެމީހުންވެސް ދަރިން ގައިގައި ބައްދާލައި ފިރުމާލައި ލޯބިކޮށްލާ ހިތްވާނެކަން ޔަގީނެވެ. ހަމަ އެފަދައިން އެ ކުދީންވެސް ދުވެފައިގޮސް މަންމީ ނުވަތަ ބައްޕީ ގައިގައި އޮޅުލައިގަންނަން އެދޭނެ އެވެ. އެކަމަކު މިއަދު ބައްޕަ ނުވަތަ މަންމައަށް ހުންނަން އެޖެހެނީ ފެންނަ ހިސާބަށް އަޔަސް ދުރުގައެވެ. ދަރިފުޅާއި އާއިލާގެ ރައްކާތެރިކަމަށްޓަކައި ގައިދުރުކަމުގަ އެވެ. މިހާލަތުގައި އެކުދިންނަށް ކުރާނެ އަސަރު ހިތަށް ގެންނަވާށެވެ! ބުނެދިނަސް އެޅަ ސިކުނޑިތަކަކަށް އެކަމެއް ނުވިސްނޭނެ އެވެ. އެމީހުންގެ ސުވާލަކީ ބައްޕީ ގެޔަށް ނާންނަނީ ކީއްވެ ހެއްޔެވެ؟ މަންމީ ގެޔަށް ނާންނަނީ ކީއްވެ ހެއްޔެވެ؟ ނިދާއިރު މަންމަ ނުވަތަ ބައްޕަ ކައިރީގައި ނޯންނަނީ ކީއްވެހެއްޔެވެ؟ ފޯނުކޮށްލާ ވަގުތުވެސް އެކުދީން ކުރިމަތިކުރަނީ މި ސުވާލުތަކެވެ. އެ މަންމައާއި ބައްޕަގެ ލަގޮނޑިއަށް ވާނެ ތަދު ހިތަށް ގެންނަވާށެވެ! ގައުމުތަކުން ދުވާލަކު އެތައްހާސް ބަޔަކު މިބަލި ޖެހި ދުނިޔެ ދޫކުރަމުންދާތަން އެކުދީންނަށްވެސް ފެނެއެވެ. އެކަމަކު މިއަދު އެނޫން ގޮތެއް ނެތެވެ.

ގައުމުގެ ހައްގުގައި އަހަރެމެން އެންމެންގެ ރައްކާތެރިކަމަށްޓަކައި އެމީހުން މިއަދު ތެދުވާން ޖެހެއެވެ. އަމިއްލަ އަނބިދަރީންގެ ހައްގުގައި އެމީހުންގެ ރައްކާތެރިކަމަށްޓަކައި، ވަކީން އެކަހެރި ދިރިއުޅުމެއް އުޅޭން މަޖުބޫރު ވެއެވެ. އެއީ އެމީހުންނަކީ ބަލީގެ ތެރޭގައި އުޅެން ޖެހިފައިވާ ބަޔަކަށްވެފައި، ބަލީގެ ޝިކާރައަކަށް ވުން އެއީ ދާދި ގާތުގައި އޮތް ކަމަކަށް ވާތީ އެވެ.

މީ އަހަރެމެން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ގައުމު ރައްކާތެރި އައްސޭރިއަކަށް ގެންދިއުމަށްޓަކައި ބަޔަކު ވަމުން އަންނަ އަގުހުރި ގައުމީ ގުރުބާނީއެކެވެ. ގައުމެއްގެ ރައްޔިތުންގެ ސިއްހަތަކީ އެގައުމުގެ ސިއްހަތު ކަމަށްވާ އިރު، އެމީހުން މިއަދު އެތިބީ ދިވެހި ގައުމުގެ ސިއްހަތު ރައްކާތެރިކުރުމަށް ނުކުމެ އެމީހުންގެ މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށްގެންނެވެ. މިއީ ކޮން ފަދަ ގައުމީ ޖިހާދެއްތޯއެވެ؟

މިކަން އަހަރެމެން އެންމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހެއެވެ. މި ހާލަތުގައި ބައްޔަށް ހުށަހެޅިގެން އަހަރެމެން އެންމެންނަށްޓަކައި އެމީހުން ކުރާ މަސައްކަތުގެ އަގު އަހަރެމެން ހެޔޮ ހިތުން ވަޒަންކުރަން ޖެހެއެވެ. އާއިލާ ދޫކޮށް އެމީހުން ވަގުތީ ހިޔާތަކުގައި ހަމަނިދި ނުލިބި، ގޭގައި ކައްކާ މީރު ކާނާގެ ރަހަ ނުލިބި، އަދި އަމުދުން ލޯބިވާ ދަރީންނާއި ވަކީން އުޅޭއިރު އެމީހުންނަށް ކުރާނެ އިހުސާސްތައް އެއްވެސް އެހެން މީހެއްގެ ހިތަކަށް ނުގެނެވޭނެ އެވެ. މި ބަލި ޖެހޭނީ ކޮން އިރަކު ކޮންވަގުތެއްގައިކަން އަދި ބަލި ޖެހުމުން ހާލަތު ބަދަލުވެގެންދާނީ ކިހިނެއްކަން ނޭނގޭ ހާލުގައި ތިބެ، ބަލީގެ ތެރެޔަށް ނުކުމެ ރެޔާއި ދުވާލު ހޭދަ އެ ކުރަނީ އަހަރެމެން ގޭގައި ބައިތިއްބައިގެން އަހަރެމެން ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކަ އެވެ.

އެހެންކަމުން އެމީހުންނަށް ކުރިމަތިވާނެ ނުތަނަވަސްކަމާއި އެކަނިވެރިކަން އަދި ބިރުވެރިކަން ހިތަށް ގެނެސް، އެމީހުންނަށް ގުޅައި އޯގާތެރި ބަސްތައް ބުނެ ހިތްވަރުދިނުމަކީ އަހަރެމެން ގޭތިބީންގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަން ޔަގީނެވެ. ނަމަވެސް އެމީހުންގެ އަތްދަށުން ކިރިޔާ ކަމެއް ދިޔަސް، އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި އެމީހުންނަށް އިތުރު ހިތްދަތިކަމާއި ތަދު ލިބޭ ފަދަ ވާހަކަތައް ސޯޝިއަލް މީޑިއާގައި ލިޔެގަންނަ މީހުން މިއަދުވެސް މަދެއް ނޫނެވެ. ހީވަނީ އެފަދަ ފުރުސަތެއް ނުލިބިގެން ތިބޭހެންނެވެ.

ވިސްނަވާށެވެ! އެއީވެސް އިންސާނުންނެވެ. މަސައްކަތް އެކުރަނީ ބިރުވެރިކަމުގެ ތެރޭގަ އެވެ. ރެޔާއި ދުވާލު ނުނިދައެވެ. ހަށިގަނޑަށް އެކަށީގެންވާ އަރާމެއް ލިބެން އޮތީ ގައުމު އަރާމުގެ މަގަށް ގެންދެވިގެންނެވެ. މިވަރުބަލިކަމާއި ހާސް ކަމާއި ހިތްނުތަވަސްކަމުގައި މަސައްކަތްކުރަމުން އަންނަ އިރު، އަތްދަށުން ކަމެެއް ދިޔުމަކީ ވެދާނެ ކަމެކެވެ. ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި މިހާލަތުގައި އެފަދަ ކަންކަން ހިނގާފައިވާލެއް އެތައް ގުނަޔަކުން ގިނަކަން ވެސް ގަބޫލުކުރައްވާށެވެ! އެހެންނަމަވެސް ވިސްނަންވީ ކަމަކީ މިފަދަ ކާރިސާއެއްގެ ތެރޭގައި މުޅި ގައުމު އޮންނައިރު އަހަރެމެން އެންމެން އެދޭ ހުރިހާ ގޮތަކަށް ކަންކަން ވެސް ނުވެދާނެކަމެވެ.

އެހެންކަމުން މިއީ އެމީހުން އެކުރާ ގައުމީ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދޭންވީ ވަގުތެވެ. ހިތުގައި ޖެހޭ ފަދަ ވާހަކަތައް ނުދައްކަން ވީ ވަގުތެވެ. މިއީ މި ބަލިމަޑުކަމުން އެމީހުން ރައްކާތެރި ކޮށްދެއްވާތޯ އަހަރެމެންގެ ދުއާގައި އެމީހުން ބައިވެރި ކުރަންވީ ވަގުތެވެ. ދުއާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އެހެންކަމުން އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ކޮންމެ ނަމާދެއްގެ ފަހުގައި ރައްޔިތުންގެ ހިދުމަތުގައި ދެމިތިބި އެ ހިތްވަރުގަދަ ފަހުލަވާނުންނާއި، ބަލިޖެހިފައިވާ މީހުން އެބަލިން އަވަހަށް ރަނގަޅުވޭތޯ ދުއާކޮށް އެމީހުންނަށް ހިތްވަރުދީ ހެޔޮބަސް ބުނުމެވެ. ގައުމު މިހާލަތުން އާންމު ހާލަތަކަށް ބަދަލުވެ، ލޯބިވާ ދަރީންނާއި އާއިލާ ކައިރިޔަށް އެމީހުންނަށް އަވަހަށް ދެވޭނެ ގޮތް ވުމަށް އެދި ދުއާ ކުރުމެވެ.