ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމުގައި އެމަނިކުފާނުގެ ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ހުރިހާ ނޫސްވެރީންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
މި ޓުވީޓުގައި ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައި މިވާ ކޮވިޑް 19 ފަދަ ހާދިސާއަކާއި ގުޅިގެން ފެތުރޭ ނުރަނގަޅު މައުލޫމާތުތަކަކީ އާންމު ރައްޔިތުންގެ ރައްކަލަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އެހެން ކަމުން މިފަދަ ދަނޑިވަޅެއްގައި، މިނިވަންކަމާއެކު، އެއްވެސް ބިރެއްނެތި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭނެ މީޑިއާއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮވިޑް 19ގެ މިހާލަތު ފަދަ ވަގުތުތަކުގައި ރަނގަޅު ނޫން މައުލޫމާތުތައް ފެތުރިގެން ދިއުމަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އޮތް ހުރަހެއް. ބިރުވެރިކަމެއްނެތި މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭ މީޑިއާއެއް އޮތުމުގެ މުހިންމުކަން މިފަދަ ހާލަތްތަކުގައި ބޮޑުވެގެންދޭ. ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުން މަތީ އަޅުގަނޑުގެ ސަރުކާރު ދެމިއޮންނާނީ މިފަދަ ސަބަބުތަކަށްޓަކައި." ރައީސް ސޯލިހު ވިދާޅުވިއެވެ.
ވޯލްޑް ޕްރެސް ފްރީޑަމް ޑޭ އަކީ ކޮންމެ އަހަރަކު މެއި ތިނެއްގައި މުޅި ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މިއަހަރުގެ ޕްރެސް ފްރީޑަމް ޑޭ ގެ ޝިއާރަކީ "ޖާނަލިޒަމް ވިތައުޓް ފިޔާ އޯ ފޭވާ"އެވެ.