ދުނިޔެ

ކޮވިޑް 19 : ޖޭކޭ ރޯލިންގެ ފަރާތުން ދެ ޗެރިޓީއަކަށް އެއް މިލިއަން ޕައުންޑް

މަގުބޫލު ވާހަކަ، ހެރީ ޕޮޓާ ސީރީޒްތައް ލިޔުނު އަދި އުފެއްދި، ޖޭކޭ ރޯލިން، ކޮވިޑް19 އަށް އެހީފޯރުކޮށްދޭ ދެ ޗެރިޓީއަކަށް އެއް މިލިއަން ޕައުންޑު ހަދީޔާ ކޮށްފިއެވެ.

ރޯލިން ހަދިޔާ ކުރި އެއް މިލިއަން ޕައުންޑުގެ ތެރެއިން އެއްބައި ހަވާލު ކުރީ ވަންނާނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުނަށް އެހީވުމަށެވެ. އަނެއްބައި ހަވާލު ކުރީ ގެވެށި އަނިޔާގެ ޝިކާރައަށްވާ ރެފިއުޖީންނަށް އެހީވުމަށެވެ.

ޑޮނޭޝަނަށްފަހު ރޯލިން ބުނީ ކޮވިޑް19 އިން ރައްކާތެރިވުމަށް މަސައްކަތް ކުރަމުން އަންނައިރު ގެދޮރެ ނެތި ވަންނާނެ ތަނެއް ނެތް ގިނަ ބަޔަކު ތިބި ކަމަށާއި ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުން މިދުވަސްވަރު އިތުރުވެފައިވާކަމީވެސް ހިތާމަވެރިކަމެއް ކަމަށެވެ.

އެކި ސަބަބުތަކާ ހުރެ، ރޯލިން ވަނީ އޭނާގެ ހަޔާތުގެ ކުރީކޮޅު ވަރަށް ހިތްދަތި ދުވަސްތަކެއް ތަހައްމަލުކޮށްފައެވެ. ހެރީ ޕޮޓާގެ ގިނަ ވާހަކަތައް ރޯލިން ލިޔުނީ އެޑިންބާގުގައި ދިރިއުޅުނުއިރުއެވެ. އެވާހަކައް މަގުބޫލުވެ އޭގެ ސަބަބުން ރޯލިން ވަނީ މިލިއަނަރަކަށް ވެފައެވެ.

ޖާދޫގެ ވާހަކަައިގެ ދުނިޔެއަށް އިންގިލާބެއް ގެނައި މަޝްހޫރު އިނގިރޭސި ވާހަކަ "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" އެންމެ ފުރަތަމަ ޝާއިއުކޮށްފައި ވަނީ، 26 ޖޫން 1997 ވަނަ ދުވަހު އެވެ. އެންމެ ފަހުން ޝާއިއުކުރި ފޮތް "ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހަލޯސް" 2007ގައި ނެރެފައިވާއިރު ފާއިތުވި ދިހަ އަހަރު ސީރީޒްގެ ހަތް ވާހަކަ ފޮތެއް ނެރެފައި ވެއެވެ.