ލައިފް ސްޓައިލް

އަންހެނަކަށް ވީތީ ވަޒީފާ ނުލިބުނު ކިރަން، މިހާރު ބިލިޔަނަރެއް

މުހައްމަދު އައުޒަމް

ދުނިޔޭގެ ބައެއް ޤަމުތަކުގައި މިހާރުވެސް އަންހެނުންނާއި ފިރިހެނުންގެ ތަފާތުކުރުން އިންތިހާއަށް ބޮޑެވެ. ވަޒީފާ ދިނުމުގައިވެސް އަންހެނަކަށް ވާތީ ވަޒީފާއިން މަހުރޫމު ވެގެން ދެއެވެ.

ކިރަން މަޒުންޑަރ ޝޯ އަކީވެސް އޭނާގެ ޅައުމުރުގައި ވަޒީފާގެ ފުރުސަތުތަކުން މަހުރޫމު ކޮށްފައިވާ މީހެކެވެ. ހަމައެކަނި މައްސަލަ އަކީ އަންހެނަކަށް ވުމެވެ. 1978 ވަނަ އަހަރު އޮސްޓްރޭލިއާއިން މާސްޓާސް ޑިގްރީ ހާސިލް ކުރުމަށް ފަހު އިންޑިއާ އަށް ގޮސް އޭނާ މަސައްކަތް ފެށީ ވަޒީފާއެއް ހޯދުމަށެވެ. ތަފާތު ވަޒީފާ ތަކަށް އޭނާ ކުރިމަތިލިއެވެ.

އިންޑިއާގެ މަޝްހޫރު ބިޔަރު އުފައްދާ ކުންފުންޏަކަށް ވެސް ވަޒީފާ އަކަށް ލިއެވެ. ނަމަވެސް މަޒުންޑަރ ޝޯ އަށް ލިބެނީ އަބަދުވެސް އެއް ޖަވާބެކެވެ. އަންހެނަކަށް ވާތީ ވަޒީފާ އަދާ ނުކުރެވޭނެ ވާހަކައެވެ. އިންޑިއާއިން ވަޒީފާ ނުލިބުމުން އޭނާ ގެ މަސައްކަތް އިންޑިއާ ދޫކޮށް އެހެން ގައުމަކަށް ބަދަލުކުރިއެވެ.

ވަޒީފާ ނުލިބުމުން މަޒުންޑަރ ޝޯ އަޒުމު ކަނޑައެޅީ އަމިލައަށް މަސައްކަތެއް ފެށުމަށެވެ. 1978 ވަނަ އަހަރު އުމުރުން އެންމެ 25 އަހަރުގައި މަޒުންޑަރ ޝޯ ޑަކުޓަރީ ބޭސް އުފައްދާ ކުންފުންޏެއްގެ މަސައްކަތް ފެށީ އޭނާއާ ދިމާވި އައިރިޝް ވިޔަފާރި ވެރިއެއްގެ އެހީގައެވެ. މިއަދު އެކުންފުންޏަކީ 3.5 ބިލިޔަން ޑޮލަރުގެ ކުންފުންޏެކެވެ. މަޒުންޑަރ ޝޯގެ ބޭސް ކުންފުނި ބަޔޯކޮން އަކީ މިހާރު ދުނިޔޭގައި ބޭސް އުފައްދައި އެކި ޤައުމުތަކަށް ސަޕްލައި ކުރާ ކުންފުންޏެކެވެ.


މަޒުންޑަރ ޝޯ އަކިީ މިހާރު އިންޑިއާގައި ހުރި އަމިއްލަ މަސައްކަތުން ބިލިޔަންރަކަށްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު 3.5 ބިލިޔަން އެމެރިކާ ޑޮލަރު ވެއެވެ.

މަޒުންޑަރ ޝޯ އޭނާގެ އަމިއްލަ ވިޔަފާރި ފުރަތަމަފެށީ ކުޑަ ކުޑަ ގަރާޖެއްގެ ތެރޭގައެވެ. އޭނާގެ ސޭވިންގ ގައި ހުރި 150 ޑޮލަރު އިންވެސްޓ ކޮއްގެން ވިޔަފާރި ފެށިއެވެ. ނަމަވެސް އަންހެންކަށް ވީތީ އުނދަގޫތަަކެއްޖެހުނެވެ. އަންހެނަކާއި އެކީ މަސައްކަތް ކުރުމަށް ގިނަ ބަޔަކު ދެކޮޅުހެދިކަމަށް މަޒުންޑަރ ޝޯ ބުނެފައިވެއެވެ. ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. އަންހެނުން ވެސް އޭނާއާއި އެކީ މަސައްކަތް ކުރަން ދެކޮޅުހެދިއެވެ. މަޒުންޑަރ ޝޯ އަށް މުވައްޒަފެއް ލިބުނީ 40 މީނުންނާއި އިންޓަވިއުކޮށް އެންމެން އިދިކޮޅު ހެދުމަށްފަހުއެވެ.
މަޒުންޑަރ ޝޯ ގެ ހުވަފެނަކީ އިންޑިއާގައި އަންހެން ބިލިޔަނަރުން ގިނައިން އުފެދުމެވެ.

" ކުރިޔަތް އޮތް ދިހައަހަރު ތެރޭ އަހަރެން ބޭނުން ވަނީ އިންޑިއާގައި އަންހެން ބިލިޔަނަރުން އިތުރުވުން ، އަމިއްލަ ގޮތުން ނޫނަސް ވިޔަފާރިިތަކުގެ އިސްމަގާމުތަކުގައި އަންހެނުން ފެނިގެންދާން އަހަރެން ބޭނުންވަނީ" މަޒުންޑަރ ޝޯ ބުންނެވެ.

މަޒުންޑަރ ޝޯ ވަނީ ކުރިއަރަން ބޭނުންވާ އަންހެނުންނަށް ނަސޭހަތެއްވެސް ދީފައެވެ.

" ނާކާމިޔާބީ އަކީ ވަގުތީކަމެއް ، އުންމީދު ކަނޑާލުމަކީ ނިމުން . ނަމަވެސް ނާކާމިޔާބުނުވެދާނެތީ ޖެހިލުންނުވެ ކެރިގެން ހިތްވަރާއިއެކު މަސައްކަތް ކޮއްފިނަމަ ދާން ބޭނުންވާ ހިސާބަށް ދެވޭނެ "
މަޒުންޑަރ ޝޯ