ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެފައި އޮތުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
އެ ހިތާބުގަިއ މިނިސްޓަރު ވިދާޅުވީ، މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމެވެ.
"މީގެ ދެތިން އަހަރު ކުރިއާ އަޅާބަލާއިރު، ގާނޫނީ ގޮތުންނާއި، ނިޒާމީގޮތުންނާއި، އަދި އެނޫންވެސް ތަފާތު ބިރުވެރިކަން އުފައްދައިގެން މިނިވަން ނޫސްވެރިކަމަށް ކުރިމަތިކޮށްފައިހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ގައި މިއަހަރު ރާއްޖެ ހޯދާފައިވާ 19 ދަރަޖައިގެ ކުރިއެރުމާއެކު، ޖުމުލަ 41 ދަރަޖައިގެ ކުރިއެރުން އަޅުގަނޑުމެންނަށް ހޯދިފައިވާކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަަން،" މި ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އައި ކުރިއެރުން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ނޫސްވެރިންނަކީ ދިވެހި ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިން ކަމަށް ވާހިނދު ސަރުކާރުގެ އަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން އަޅާކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން ނޫސްވެރިންގެ ވިސްނުމާ ފިކުރާ އެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުން ކަމަށެވެ.
"އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައިވެރިވުމާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކޮށް، އެޑިޓަރުންގެ ސައްލާގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި ނޫސްވެރިންގެ ކަންބޮޑުވުންތައް ވާނީ އަޑުއަހާފަ، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު އެބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ކޮންފަރެންސްގެ ރިޕޯޓް މިއަދު ޝާއިއުކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން
މުއައްސަސާތަކުން ސިޔާސަތުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި، ނޫސްވެރިކަމާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތައް ހިންގާ އިދާރާތަކުގެ ޕްރޮގްރާމްތައް ފަރުމާކުރުމުގަ އާއި ނޫސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ހަވާލާދެވޭނެ މަސްދަރެއްގެ ގޮތުގައި މި ރިޕޯޓުގައި ނޫސްވެރިން ފާހަގަކޮށްފައިހުރި ކަންކަމަށް ރިއާޔަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހާސިލުކުރަންޖެހޭ ގިނަ ކަންކަން އެބަހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއި އެފަންނުތަކުން މީހުން ބިނާކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.
ސައްހަނޫން ހަބަރުގެ ސަބަބުން މުޖުތަމައަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ނޫސްވެރިކަމުގެ ހަމަތަކާއި އިންތައް ހިފަހައްޓަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"މުޅި ދުނިޔެއަށް މެދުވެރިވެފައިވާ ކޮވިޑް 19ގެ ނުރައްކާތެރި ބަލިމަޑުކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކުރަމުންދާ ހިނދު، އެކަންކަމުގެ އެންމެ ތާޒާ މައުލޫމާތު، ގެތަކުގައި ބަންދުވެފައިތިބި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ރެއާއި ދުވާލު ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ގައުމީ ފެންވަރުގައި މިކުރެވޭ މަސައްކަތުގެ މުހިންމު އެއްބައި، މި ފުރުސަތުގައި ނޫސްވެރިންގެ މިދެންނެވި ގައުމީ މަސައްކަތުގެ އަގުވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރަކީ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ނޫސްވެެރިކަމެއް ކުރާބަޔަކަށް ދިވެހި ނޫސްވެރިން ވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާލައި އެކަމަށް މަގުފަހިކޮށްދޭން އަދުގެ ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.