ޚަބަރު

ކަނޑުހުޅުދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ނިންމައިފި

މަރިޔަމް ޝަހުދާ

ގއ. ކަނޑުހުޅުދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.

ކަނޑުހުޅުދޫ ބަނދަރުގައި އެއްގަމު ތޮއްޓަކާއި ބޭރު ތޮށިގަނޑެއްގެ އިތުރުން ރިވެޓްމެންޓު ޖެހުމާއި ނެރު ބައްތި ޖެހުމާއި ބަނދަރު ސަރަހައްދުގައި ބައްތި ޖެހުމާއި އެއްގަމު ތޮއްޓާއި އިންވެގެން ޕޭމަންޓް ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު މާޗް 27 ގައެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 350 ދުވަސް ތެރޭ ނިންމުމަށެވެ. މި މަޝްރޫއަކީ 35،933،872،10 ރުފިޔާގެ މަޝްރޫއެއް ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން ކަނޑުހުޅުދޫގައި 414 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއް ލާފައިވެއެވެ. އަދި 40 މީޓަރުގެ ބޭރުތޮއްޓަކާއި 100 މީޓަރުގެ ރިވެޓްމެންޓު ޖަހާފައި ވެއެވެ. އަދި އެއްގަމު ތޮއްޓާއި އިންވެގެން 2310 ސްކޮޔާ މީޓަރުގެ ޕޭމަންޓް އަޅާފައިވާ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އެ ކުންފުނިން މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ވުރެ އަވަހަށެވެ.