ކުޅިވަރު

ޕީއެސްޖީއަށް ޗެމްޕިއަންކަން ދިނުމުން ލިޔޯނުން ކޯޓަށް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ފްރާންސް ފުޓްބޯޅަ ސީޒަން ނިންމާލައި ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިނުމުން ލިޔޯން އިން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އެޓީީމަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދާން ނިންމައިފިއެވެ.

އެކަމާއި ގުޅިގެން ލިޔޯންގެ ރައީސް ޖޭން މައިކަލް އައުލަސް ވިދާޅުވީ އެ ކްލަބުގެ އަތުން ޔޫރަފްގެ އެހެން މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުު ފޭރިގެންފައިވާ ކަމަށާއި، ލީގު ކެންސަލްކުރި ގޮތް އިންސާފުވެރި ނޫން ކަމަށެވެ. ފްރެންޗް ލީގު ކެންސަލް ކުރީ އެގައުމުގެ ބޮޑުވަޒީރު މި ހަފުތާގައި ނިންމެވި ނިންމެވުމަކާއި ގުޅިގެންނެވެ.

ބޮޑުވަޒީރު އެޑޮއާޑް ޕިލިޕޭ ނިންމަވާފައިވަނީ އެގައުމުގައި އެއްވެސް ކުޅިވަރު މުބާރާތެއް ސެޕްޓެމްބަރުގެ ކުރިން ނުބޭއްވޭނެ ކަމަށެވެ. އަދި ސަޕޯޓަރުން ނުވައްދައިވެސް ކުޅިވަރެއް ނުކުޅެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމެވުމާއި ގުޅިގެން ލީގް ކެންސަލްކޮށް ޕްރެންޗް ލީގުގެ ޗެމްޕިއަންކަން ދިނީ ލީގު މެދުކަނޑާލި އިރު އެންމެ ގިނަ ޕޮއިންޓާއި އެކު ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީއަށެވެ.

ލިޔޯނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްއެފްޕީން ލީގު ކެންސަލްކުރި އިރު އެ ނިންމުމާއި ދެކޮޅަށް ކޯޓަށް މައްސަލަ ވެއްދުމުގެ ބާރު ލިޔޯނަށް އެބައޮތް ކަމަށާއި، އެ ކްލަބަށް ލިބޭނެ މާލީ ގެއްލުމުގެ ބަދަލު ހޯދަން ބޭނުންވާ ކަމަށެވެ. ޔޫރަފްގެ މުބާރާތްތަކުން ފުރުސަތު ގެއްލޭ ގޮތަށް ލީގު ކެންސަލް ކުރުމުން އެޓީމަށް އެތައް މިލިއަން ޔޫރޯގެ ގެއްލުންވާނެ ކަމަށްވެސް ލިޔޯނުން ވަނީ ބުނެފައެވެ.

ޔޫރަޕިއަން މުބާރާތްތަކުން ޖާގައެއް ނުލިބުމުން އެޓީމަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، އެގޮތަށް ޓީމަށް މެދުވެރިވީ ސީޒަން ކެންސަލްކުރުމުގެ ސަބަބުން ކަމަށް ލިއޯނުން ބުންޏެވެ. އެހެންމަކުން އެކަމުގެ ސަބަބުތައް ދެނެގަތުމަށް ލިއޯނުން މަސައްކަތް ކުރާނެ ކަމަށް އެޓީމުން ބުނެފައިވާއިރު ކޯޓަށް މައްސަލަ ހުށަހަޅާނީ ކޮންއިރަކު ކަމެއް އެޓީމަކުން އަދި ނުބުނެއެވެ.

ލިޔޯނުން ބުނީ ލީގު ޓައިޓްލް ދިން ޕީއެސްޖީއަށް އިހުތިރާމާއި އެކު މަރުހަބާ ކިޔާ ކަމަށެވެ. އަދި ލިޔޯނުން ވާނީ ތިން ހަފުތާތެރޭގައި ޕްލޭ އޮފް މެޗްތަކެއް ކުޅެގެން ލީގުގެ ޗެމްޕިއަނެއް ކަނޑައެޅުމަށް އެލްއެފްޕީއަށް ހުށަހަޅާފައި ކަމަށާއި، އެ ހުށަހެޅުމަކީ ޔުއެފާގެ ހުށަހެޅުންތަކާއި އެއްގޮތަށް ފެތޭ ދެފުށް ފެންނަ އެއްވެސް ޓީމަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅެވޭނެ ފަދަ ޕްލޭނެއް ކަމަށެވެ.

ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީއަށް ދިނުމާއި ގުޅިގެން ލިޔޯނަށް ވަނީ ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ގެއްލިފައެވެ. އެއީ ލީގް ކަޕާއި ފްރެންޗް ކަޕްގައި ޕީއެސްޖީ ކުޅެން އޮތީ ސެއިންއެޓިއެން އާއި ލިޔޯން އާއެވެ. ލިޔޯން އާއި ޕީއެސްޖީ އަށް އެ ދެމެޗު ކުޅުނުނަމަ ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެއެވެ. އެހެންކަމުން ގިނަ އަހަރުތަކަކަށްފަހު ލިޔޯނަށް ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވުމާއި ގުޅިގެން އެ ކްލަބުން ބުނީ އެ ޓީމަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ބާރު އެޓީމަށް ލިބިފައިވާ ކަމަށެވެ.