ބޮލީވުޑް

ރިޝީ ހޮސްޕިޓަލުގެ އައިސީޔޫގައި އޮއްވައި ނަގާފައިވާ ވީޑިއޯއެއް ވައިރަލްވެ، އެކަން ތަހުގީގުކުރަން ފަށައިފި

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ރިޝީ ކަޕޫރު މަރުވުމުގެ ކުރިން އެންމެ ފަހު ވަގުތު އައިސީޔޫގައި އޮއްވައި ނަގާފައިވާ ވީޑިއޯއެއް ވައިރަލްވެ އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީގެ ސަރ އެޗްއެން ރިލައެންސް ހޮސްޕިޓަލުގައި ރިޝީ މަރުވީ ދެ ހަފުތާވަންދެން އެޑްމިޓްވެ ފަރުވާ ހޯދުމަށްފަހު ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. ރިޝީގެ ޖަނާޒާވެސް ވަނީ ހަމައެދުވަހު އާއިލާގެ ގާތް މެންބަރުންނާއެކު ބާއްވާފައެވެ. ހަމަ އެދުވަހު ވަނީ ރިޝީގެ އެންމެ ނާޒުކު ދަނޑިވަޅުގެ ވީޑިއޯއެއް ވަޓްސްއަޕް އަދި މީސް މީޑިއާގައި ދައުރުވާން ފަށައިފައެވެ.

ވީޑިއޯއަށް ބަލައިލުމުން އެއީ ހޮސްޕިޓަލުގެ މުވައްޒަފަކު ނަގާފައިވާ ވީޑިއޯއެއްކަން ދޭހަވެއެވެ. އެކަމާ ގުޅިގެން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިޔުއައިސީއީ) ޗީފް އަޝޯކް ޕަންޑިތު ވަނީ ބަލިމީހުންގެ ޕްރައިވަސީ ރައްކާތެރި ނުކުރެވޭ ކަމުގެ ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން ހޮސްޕިޓަލަށް ޕަންޑިތު ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ވީޑިއޯ މެޑިކަލް އެތިކްސްއާވެސް ހިލާފު ކަމަށެވެ. އަދި ބަލިމީހަކު ހޮސްޕިޓަލުގައި އޮއްވައި އާއިލާގެ ހުއްދަ ނުހޯދައި ވީޑިއޯކޮށް އެވައިރަލް ކުރުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ސިޓީގައި އިތުރަށް ބުނީ މީގެ ކުރިން ބަތަލު ވިނޯދު ޗޯޕްރާވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި އެގޮތަށް ވީޑިއޯ ކޮށް ވައިރަލްވެފައި ވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ޕަންޑިތުވަނީ ގޮވާލާފައެވެ. އަދި އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކުގެ ހުލާސާއެއް އެފްޑަބްލިޔުއައިސީއީ އަށް ފޮނުވުމަށާއި ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ހޮސްޕިޓަލުން ވަކި ގޮތެއް ނާންގާނަމަ ދައުވާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުން ވަނީ ވީޑިއޯ ވައިރަލްވި މައްސަލަ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ބަލިމީހެއްގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވާކަން އެނގިފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން ބަލިމީހުންގެ ޕްރައިވަސީ ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެވީޑިއޯ ނަގައި ވައިރަލް ކުރި ކުރުން ކުށްވެރިކުރާ ކަމަށާއި ހޮސްޕިޓަލުގެ މެނޭޖްމަންޓުން މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި އެކަން ކުރި ބަޔަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައި ވެއެވެ.

ރިޝީ އަދި ބަތަލު އިރްފާން ޚާންގެ މަރާއެކު މުޅި ބޮލީވުޑަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ.