އެކުންފުނީގެ އެންމެ ފަހު މީހާ ކޮވިޑަށް ޕޮޒިޓިވްވަންދެންވެސް މުދާ ހުރިވަރަކުން އޯޑަރުތައްނެގުމާ ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ރާއްޖޭގައި ފުޅާދާއިރާއެއްގައި ކާބޯތަކި އެތެރެކޮށް ވިއްކަމުންދާ ލިލީ އިންޓަނޭޝަނަލުން ބުނެފިއެވެ.
ލިލީ އިންޓަނޭޝަނަލުން ބުނީ އެ ކުންފުނިން އަންނަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކޮށް ސަޕްލައި ކުރަމުން ކަމަށާއި، މާލެ ލޮކްޑައުންގެ ހާލަތުގައި އޮތްއިރު އާންމުންނަށް ޑެލިވަރީގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް ކޮންމެ ދުވަހަކު އެތައް ސަތޭކަ އޯޑަރަކަށް އެކުންފުނިން ޑެލިވަރީ ކޮށްދެއެވެ. އަދި ޑެލިވަރީގެ ހިދުމަތުގައި އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"އެންމެ ފަހުމީހާއާއި ޖެހެންދެންވެސް މުދާ ހުރިވަރަކުން އޯޑަރުތައް ނެގުމާއި ފޯރުކޮށްދިނުމުގައި ދެމިތިބޭނަން" ލިލީ އިންޓަނޭޝަނަލުން ބުނެފައިވެއެވެ.
މީގެ އިތުރުން ލީލީ އިންޓަނޭޝަނަލުން ބުނީ އެކުންފުނިން ބައެއް ވިޔަފާރިތަކަށް ހަމައަގުގައި މުދާފޯރުކޮށްދިނުމުން އެފަރާތްތަކުން މުދާ އަގުބޮޑުކޮށް ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތަށް މުދާ އަގުބޮޑުކޮށް ނުވިއްކަން އެކުންފުން އެދޭކަމަށެވެ.
މާލޭގައި ހަލުވިކަމާއެކު ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދާއިރު ލިލީ އެންޓަޕްރައިޒަސްގެ މުވައްޒަފުންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ލިލީ އިންޓަނޭޝަނަލުން ބުނީ ލިލީ އިންޓަނޭޝަނަލް އަދި ލިލީ އެފްއެންބީ އާއި ލިލީ އެންޓަޕްރައިޒް އަދި ލިލީ ސްޓޯރަކީ ތަފާތު ތަންތަން ކަމަށާއި އެތަންތަން ހިންގަނީވެސް ދެ މެނޭޖުމެންޓަކުން ކަމަށެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ލިލީ އިންޓަނޭޝަނަލް އަދި ލިލީ އެފްއެންބީގެ މުވައްޒަފުން ނުހިމެނޭކަމަށް ލިލީ އިންޓަނޭޝަނަލުން ބުނެއެވެ.