އިއްޔެ ހެނދުނު ވަޅަށް ވެއްޓި، މަރުވި ހަތަރު އަހަރުގެ ކުއްޖާއަކީ މިއަހަރު ކުރީކޮޅު ގއ. ކަނޑުހުޅުދޫގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާގެ ބޭބެ ކަން "ވަން"އަށް ކަށަވަރުވެއްޖެއެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަހީމް ވަނީ އެކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޝަހީމް ވިދާޅުވީ އިއްޔެ ހެނދުނު ވަޅަށް ވެއްޓި މަރުވި ހަތަރު އަހަރުގެ ފިރިހެން ކުއްޖާއަކީ މިއަހަރު ކުރީކޮޅު ގއ. ކަނޑުހުޅުދޫގައި އާއިލީ ބައެއްގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާގެ ބޭބެ ކަމަށެވެ.
އެކުއްޖާ ވަޅަށް ވެއްޓި މަރުވެފައިވާ މައްސަލަަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 11:00 ހާއިރުއެވެ. ކަނޑުހުޅުދޫގެ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ ކުޑަކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު އެ ކުއްޖާގެ ބައްޕައާއި ކާފަ އިތުރުން މުނިކާފައަށް ކުރެވުނެވެ. އެ މައްސަލައިގައި އެ މީހުން ހައްޔަރުކޮށް ކޯޓުން އެމީހުންގެ ބައްދުގެ މުއްދަތުވެސް ޖެހިއެވެ. ނަމަވެސް މިހާތަނަށްވެސް އެ މައްސަލައިގައި އެއިން އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް އިއްވާފައެއް ނުވެއެވެ. ފުލުހުން ވަނީ އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.