ވިޔަފާރި

އުރީދޫގެ މޫލީ މެދުވެރިކޮށް މާންދޫ މަހުގެ ބާވަތްތައް ގަނެލެވޭނެ

އަލީ ޔާމިން

ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ މަސް ބްރޭންޑުގެ އުފެއްދުންތައް އުރީދޫގެ "މޫލީ" މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ، އެ ފިޔަވަޅަކީ މިހާރު ދިމާވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނާއި އެކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށާއި އެ ނިންމުމުގެ ބޭނުމަކީ ޖިސްމާނީ ގައިދުރުކަމަށް ފުރުސަތު ދިނުން ކަމަށެވެ.

މި ނިންމުމާއެކު ކަސްޓަމަރުންނަށް ގޭގައި ތިބެގެން މޫލީ އެޕް މެދުވެރިކޮށް މިދިޔަ މަހުގެ 29އިން ފެށިގެން މާންދޫ މަހުގެ ބާވަތްތަކަށް އޮންލައިންކޮށް އޯޑަރު ދެވޭނެ ކަމަށާއި އޯޑަރު ދިނުމުން ކަސްޓަމަރަކު ބޭނުންވާ ތަނަކަށް މުދާ ފޯރުކޮށްދޭނެ ކަމަށް ހޮރައިޒަނުން ބުނެއެވެ. އެގޮތުން ޗާންދަނީ މަގުގައި ހުންނަ ހޮރައިޒަންގެ "ސީފުޑް ޕްލަސް" ފިހާރައިން ލިބެންހުރި އުފެއްދުންތަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ.

މިދަނޑިވަޅުގައި ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމުގައި މޫލީގެ ފަރާތުން ދޭ އެހީތެރިކަމަށް ހޮރައިޒަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް 19ގެ ސަބަބުން އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާއެކުވެސް ރަމަޟާން މަހާ ދިމާކޮށް މަސްދަޅަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރަމަޟާން މަހާ ދިމާކޮށް އެކުންފުނިން ވިއްކާ މާންދޫ ދަޅު މަހުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.