މިވަގުތު އިސްކަންދެނީ އަަސާސީ މުދަލަށް ހިދުމަތް ދިނުމަށް ކަމަށާއި ވިޔަފާރި ބަނދަރުގައި މިހާލަތުގައި މަސައްކަތް ކުރަނީ ވެސް ތިންގުނަ މަދު މުވައްޒަފުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މިހާރު ބޮޑަށް އިސްކަން ދެނީ އަަސާސީ މުދާ އަވަހަށް ކްލިއާ ކުރުމަށް ކަމަށާއި އެގޮތުން މިދިޔަ އެއް ހަފްތާތެރޭގައި 50 އަށްވުރެ ގިނަ ކޮންޓެއިނަރު ނެރެފައިވާ ކަމަށެވެ.
"އާންމުކޮށް މިދުވަސްކޮޅު ބޮޑަށް އަޅުގަނޑުމެން އިސްކަން ދެނީ ޕެރިޝަބަލް މުދާ އަވަހަށް ކްލިއާ ކުރުމަށް، އެގޮތުން މިދިޔަ އެއް ހަފްތާތެރޭގައި 50 އަށްވުރެ ގިނަ ކޮންޓެއިނާ ވާނީ ކްލިއާ ކޮށްފައި،" އެމްޑީ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އެމްޕީއެލް އިން މަސައްކަތް ކުރަމުން އަންނަނީ ވަރަށް މަދު މުވައްޒަފުންނާއެކު ކަމަށެވެ. އެގޮތުން މިހާރު އެމްޕީއެލް އިން މަސައްކަތް ކުރަމުން އަންނަނީ އެޑްމިން މުވައްޒަފުން ގޭގައި ތިބެގެން އަދި ކޮންމެހެން ނުކުންނަންޖެހޭ، ފީލްޑްގައި މަސައްކަތް ކުރާ މުވައްޒަފުން އޮފީހުގައި ލޮކްޑައުން ވެގެން ކަމަށެވެ.
އެެހެންކަމުން ބޯޓުން މުދާ ބޭލުމުން އަވަހަށް މުދާ ކްލިއާ ކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ.