ކޮވިޑުން ރައްކާތެރިވެ ތިބެ ހިދުމަތް ދިނުމަށް މުވައްޒަފުންނަށް ވާނީ ތަމްރީނު ދީފައި ކަމަށާއި އެކި ކަހަލަ ރިސްކު ހުރި މުވައްޒަފުން މިވަގުތު ތިބޭނީ ގޭގައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު އިބްރާހީމް ޒާހިރު ވިދާޅުވީ އެމްޕީއެލްއަކީ އެންޓްރީ ޕޮއިންޓަކަށް ވުމުން އެޗްޕީއޭ އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު އެމްޕީއެލްގެ އެސްއޯޕީތައް ރިވިއުކޮށް ކޮންޓިންޖެންސީ ޕްލޭންތައް ހެދިކަމަށެވެ.
އެގޮތުން އެމްޕީއެލްގެ މުވައްޒަފުންނަށް ދޭން ޖެހޭ ހޭލުންތެރިކަމާއި ތަމްރީނު ތަކާއި، ޕޯޓުގައި އަލަށް ތަންފީޒުކުރެވޭ ޕޮލިސީތަކަށް މުވައްޒަފުން އަހުލުވެރި ކުރުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި މި ތަމްރީނުތައް ކުރިއަށް ގެންދިޔައީ ޑަބްލިއުއެޗްއޯ އަދި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް ޒާހިރު ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ މިހާރުގެ ހާލަތަކީ ސިއްހީ ޕެންޑެމިކެއް ކަމުން، ހުރިހާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަނީ ހެލްތު ގައިޑްލައިންތަކަށް ބަލައިގެން ކަމަށެވެ. އަދި އެގޮތުގެ މަތިން އެންމެ ފުރަތަމަ ކަމަކަށްވެސް ބަލާފައިވާނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ޒާހިރު ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ މުވައްޒަފުންނަށް ޕީޕީއީ ބޭނުން ކުރަން އިރުޝާދު ދިނުމުގައިވެސް ދުވަހުން ދުވަހަށް ލިބޭ އަޕްޑޭޓްތަކާއި، އެޗްޕީއޭގެ ލަފަޔަށް އަބަދުވެސް ބަލާކަމަށެވެ. އަދި ރިސްކް އެސެސްމަންޓް ތަކެއް ހެދި ކަމަށާއި، ލޮކްޑައުން އާއި ކުރިމަތިވީ ރިސްކް އެސެސްމަންޓް ހަދަމުން ގެންދަނިކޮށް ކަމަށް ޒާހިރު ވިދާޅުވިއެވެ.